މަޖިލީހުގެ މެމްބަރުންގެ މުސާރަ އެހެން މުއައްސަސާތަކުގެ މުސާރައާއި އެއް ހަމަ ކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާ މެމްބަރު މުހައްމަދު އިބްރާހިމް(ކުޑޫ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެމްބަރުންގެ މުސާރަ އިތުރުވެފައިވާކަމާއިމެދު ކަންބޮޑުވުން ފާޅުކުރައްވާ މެމްބަރު މުހައްމަދު އިބްރާހިމް ވިދާޅުވީ، މި ދައުރުގައި މެމްބަރުންގެ މުސާރައާއި އިނާޔަތްތަކަށް ރެކޯޑު އަދަދެއް ހޭދަކުރާނެކަމަށެވެ. މުހައްމަދު ވިދާޅުވީ، 19 ވަނަ މަޖިލީހުގައި ފަސް އަހަރުގެ ތެރޭގައި މެމްބަރުންގެ މުސާރައާއި އިނާޔަތްތަކުގެ އިތުރުން އެއް ބޭފުޅެއްގެ އިންޝުއަރެންސަށް 448 މިލިއަން ރުފިޔާ ހޭދަކުރިކަމަށެވެ. އަދި 20 ވަނަ މަޖިލީހުގައި 93 މެމްބަރުންނާއިއެކު 479 މިލިއަން ހޭދަވެގެންދާނެކަމަށާއި އެހެންކަމުން މުސާރައިގެ ގޮތުގައި 20 ވަނަ މަޖިލީހަށް 30 މިލިއަން އިތުރަށް ހަރަދުވާނެކަމަށްވެސް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، 30 މިލިއަން ރުފިޔާއިން އެއްވެސް އިތުރު ފައިދާއެއް ރައްޔިތުންނަށް ލިއްބައިދެވިފައިވާކަމާއިމެދު ސުވާލު އުފައްދަންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ދެމެހެއްޓިނިވި ގޮތެއްގެ މަތިން ކުރެވޭނެ ހަރަދުތަކެއް ނޫންކަމަށާއި އަސާސީ މުސާރައިގެ އިތުރުން މަޖިލީހުގެ އެލޮވެންސްތައްވެސް މަދުކުރަންޖެހޭކަމަށްވެސް ހިއްސާކުރެއްވިއެވެ.
މެމްބަރު މުހައްމަދު ވިދާޅުވީ، މަޖިލީހުގެ މުސާރައާއި އިނާޔަތްތައް ދައުލަތުގެ އެހެން މުއައްސަސާތަކުގެ މުސާރަތަކާއި އެއްހަމަ ކުރަންޖެހޭކަމަށެވެ. އަދި މަޖިލީހުގެ މެމްބަރުން އަމިއްލައަށް މުސާރައާއި އިނާޔަތްތައް ކަނޑައަޅަމުންދިއުމަކީ މަސްލަހަތު ފުށުއަރާ ކަމެއްކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބައެއް ގައުމުތަކުގައި މަަޖިލީހުގެ މެމްބަރުންގެ މުސާރަ ކަނޑައަޅަނީ މިނިވަން މުއައްސަސާއަކުންކަމަށާއި އޮސްޓްރޭލިއާގައި ކަނޑައަޅަނީ ސަރުކާރުގެ އިތުރުން އިގްތިސާދާއި ގުޅުން ހުރި ފަރާތްތަކާއި އާންމުންގެ ވެސް ބަސް ހިމަނައިގެންކަމަށް ފާހަގަކުރެއްވިއިރު އޭނާ ވަނީ ރާއްޖޭގައި ޕޭ ކޮމިޝަންގެ ނަމުގައި މުއައްސަސާއެއް އޮތްކަމުގެ މައްޗަށްވެސް އަލިއަޅުއްވާފައެވެ.

