މާލޭގެ ކާނިވާ ސަރަހައްދަށް މިއަދު މެންދުރުފަހު އުދަ އަރައި ބޮޑު ތަކުރުފާނު މަގުގެ ބޮޑު ސަރަހައްދަކަށް ލޮނުގަނޑު ފެތުރިއްޖެއެވެ.
އުދަ އަރައި ފެންބޮޑުވެފައިވަނީ ކިންގް ސަލްމާން މިސްކިތް ކައިރީގައި އޮންނަ ޕާކިން ޒޯން ސަހަރަހައްދުގައެވެ. އެގޮތުން އެސަރަހައްދަށް ލޮނުގަނޑު އަރައި، ބޮޑު ތަކުރުފާނު މަގުގެ ބޮޑު ސަރަހައްދަކަށް ވަނީ ލޮނުގަނޑު ފެތުރިގެން ގޮސްފައެވެ.
އުދަ އަރައި ބޮޑު ތަކުރުފާނު މަގައި ހަމައަށް ލޮނުގަނޑު ފެތުރުނު ނަމަވެސް މިކަމާއި ގުޅިގެން ކަމާއި ބެހޭ އިދާރާތަކުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން މާލެ ސަރަހައްދު ހިމެނޭ ގޮތަށް ހުދު ސަމާލެއް ވެސް އެންމެ ފަހުން ނެރެފައިވަނީ އިއްޔެެގެ ވަގުތެއްގައެވެ. އިއްޔެ ހެނދުނު 9:00 އިން މެންދުރު ފަހު 15:00 އަށް ނެރުނު ހުދު ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ކިންގް ސަލްމާން މިސްކިތް ހުރި ސަރަހައްދަކީ އެ މިސްކިތް އެޅުމުގެ ކުރިން ވެސް ވަރަށް ބޮޑަށް އުދައަރައި ފެންބޮޑުވާ ސަރަހައްދެކެވެ. ކޮންމެ އަަހަރަކު ވެސް ވަކިދުވަސްވަރެއްގައި އެ ސަރަހައްދަށް އުދައިގެ އަސަރު ކުރެއެވެ. އެހެން ނަމަވެސް އެ މިސްކިތް ބިނާކުރި އިރު އެސަރަހައްދުގެ ތޮށި ކުރިއަށް ވުރެ އުސްކޮށް، ރައްކާތެރިކަމުގެ ފިޔަވަަޅުތަ އެޅިއެވެ.

