މިދުވަސްވަރު މޫސުން ގޯސްވެ ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރަމުންދާތީ އެކަމަށް ސަމާލުވުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.
މިއަދު ހެނދުނު ދިޔަވަރު ބޮޑުވި ގަޑީގައި މާލޭގެ ކާނިވާ ސަރަހައްދަށް ވަނީ އުދަ އަރައި ފެންބޮޑުވެފައެވެ.
އުދައިގެ އަސަރުކުރަމުންދާ ސަރަހައްދުތަކުގައި ހިމެނޭ ރެސްޓޯރަންޓް ތަކާއި ކެފޭގެެ އިތުރުން އެހިސާބުގައި ޕާކްކޮށްފައި ހުރި ވެހިކަލްތަކަށް އެކަމުގެ ސަބަބުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެންޑީއެމްއޜ އިން ވަނީ އެދިފައެވެ.
މާލެއަށް އުދައެރުން ކޮންޓްރޯލްވުމުން އުދައަރާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަން ފަށާނެ ކަމަށް މާލެސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ މޫސުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން އުތުރާއި މެދުރާއްޖެ ތެރެއަށް ރަނގަޅު ނަމަވެސް ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރުމާއި ގުގުރުން އެކަށީގެންވާ ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

