ވެރިކަމާއި ހަވާލުވުމުގެ ކުރިން ރައީސް ޑރ މުހައްމަދު މުއިއްޒުއަށް ސިފައިން ތިބި އަދަދުތައް އެނގިވަޑައިގެންނެވޭނެ އެއްވެސް ގޮތެއް ނޯންނާނެކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޕީއެންސީއިން ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒުއަކީ ވާހަކަތަކާއި އަމަލު ދިމާވާ ބޭފުޅެއްކަމަށެވެ. ޣައްސާން ވިދާޅުވީ، ރައީސް މުއިއްޒު ދަންނަތާ ދުވަސްކޮޅެއް ވެފައިވާކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ރައީސް މުއިއްޒު ދަންނަން ފެށީ ސުކޫލު ދައުރުގައިކަމަށާއި އެއީ 1993 ވަނަ އަހަރުކަމަށްވެސް ހިއްސާކުރެއްވިއެވެ.
އޭނާ ވިދާޅުވީ، އޭރުވެސް ރައީސް ޑރ މުއިއްޒުއަކީ ވަރަށް އަހުލާގު ރަނގަޅު ބަސް މަދު ވިދާޅުވާ ބަހާއި އަމަލު ދިމާކުރައްވާ ހިތްހެޔޮ އިހުލާސްތެރި ތެދުވެރި ބޭފުޅެއްކަމަށެވެ. ރިޔާސީ ކެމްޕެއިންގެ ދުވަސްވަރުގެ ކަންކަން ހުރި ގޮތުގެ މައްޗަށް އަލިއަޅުއްވައި ޣައްސާން ވިދާޅުވީ، އެ ދުވަސްވަރަކީ އެކި ޕާޓީތަކުން އެކި މީހުން ރައްޔިތުންނަށް އެކި އެކި ވާހަކަތައް ހިއްސާކުރަމުންދިޔަ ދުވަސްތަކެއްކަމަށެވެ.
އެހެންނަމަވެސް ގައުމީ ރޫހެއްގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކުރެއްވުމުގެ ގަދަ އަޒުމުގައި އެންމެ އަސަރާއިއެކު ވާހަކަދައްކަވަމުން ގެންދެވީ ރައީސް މުއިއްޒުކަމަށް ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، އިންތިހާބުގެ ނަތީޖާއިން އެނގިގެންދިޔައީ ދިވެހި ރައްޔިތުން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކުރަން ބޭނުން ކަން ކަމަށާއި ރާއްޖޭގެ ފަސްގަނޑުގައި ދިވެހި ސިފައިން ނޫން އެހެން އެއްވެސް އަސްކަރިއްޔާއެއް ހާޒިރީއަށް ދިވެހި ރައްޔިތުން އެއްބަސްނުވާކަންވެސް ފެނިގެންދިޔަކަމަށް ވިދާޅުވިއެވެ.
ޣައްސާން ވިދާޅުވީ، ރިޔާސީ އިންތިހާބު ނިމިގެން ރައީސް މުއިއްޒު ކެންޑިޑޭޓެއްގެ ގޮތުގައި ހުންނަވައިގެން ދެއްކެވި ވާހަކަތައް ތަކުރާރުކުރެއްވިކަމަށެވެ. އަދި ބޭރާއި ރާއްޖޭގެ މީޑިއާތަކަށްވެސް ދެއްވި އިންޓަރވިއުތަކުގައި ރާއްޖޭގައި ބޭރުގެ އެތައް ހާސް ސިފައިންނެއް ތިބިނަމަވެސް އެ ބަޔަކު ފޮނުއްވާލާނެކަން ތަކުރާރުކުރެއްވިކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާއި އެއްފަދައިން ވެރިކަން ބައްޓަަން ވެފައި އޮންނަ ގޮތުން ވެރިކަމުގައި ނެތި އެއްވެސް މީހަކަށް ނޭނގޭނެ މައުލޫމާތުތައް ހުންނަ އިރުވެސް ރައީސް އެތައް ހާސް ބަޔަކު ތިބި ނަމަވެސް ފޮނުއްވާލާނެކަމަށް ވިދާޅުވުމުން އެމަނިކުފާނުގެ އިހުލާސްތެރިކަން ފެނިގެންދާކަމަށް ވިދާޅުވިއެވެ.
ޢައްސާން ވިދާޅުވީ، އެއީ ކިތަންމެ ބޮޑު މަސްއޫލިއްޔަތެއް ނަމަވެސް ރައްޔިތުންނަށް ވައުދުވެވަޑައިގެންނެވި ގޮތުގެ މަތިން ފުއްދުމުގެ ފުރިހަމަ އަޒުމު ރައީސްކަމުގެ ހުވާކުރެއްވުމުގެ ކުރިންވެސް އެމަނިކުފާނުގެ ހިތުގައި އޮތްކަންވެސް އެކަމުން ދައްކައިދޭކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، އޭރު ރާއްޖޭގައި ތިބި ސިފައިންގެ އަދަދު ރައީސް އަށް އެނގިވަޑައިގަންނަވާނެ އެއްވެސް ގޮތެއް ނޯންނާނެކަމަށާއި އެއީ ސަރުކާރުގެ ބޭރުގައި ހުންނެވުމުންކަމަށް ހިއްސާކުރެއްވިއެވެ. ޣައްސާން ވިދާޅުވީ، ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު އެންމެ ފުރަތަމަ ތަގުރީރުންވެސް އެމަނިކުފާނު ރާއްޖޭގެ މިނިވަންކަމާއި ސިޔާސަދާއި އިސްތިގުލާލު ހިމާޔަތްކުރަން ބޭނުންވެވަޑައިގަންނަވާކަން ސާފުވާކަމަށެވެ.

