މަސްތުވާތަކެއްޗާއި، ގޭންގު ކުށްތައް ހުއްޓުވުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ދެ ބިލުގެ މަސައްކަތް ވެސް މި ފެށުނު ދައުރުގެ ކުރީކޮޅު ނިމި ތަންފީޒުވުމަށް އެދޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާދެއްވައި އިއްވި ރިޔާސީ ބަޔާނުގައި ރައީސް ވަނީ ރާއްޖޭގެ ހާލަތާއި ގައުމު ހިންގެވުމުގައި އެމަނިކުފާނުގެ ތަސައްވުރު ހާމަކުރައްވާފައެވެ. އަދި ގައުމަށް ދިމާވެފައިވާ އިޖްތިމާއީ މައްސަލަތަކުން މަސްތުވާތަކެއްޗާއި، ގޭންގު ކުށްތަކުގެ މައްސަލައިގައި ސަރުކާރުން އެޅުމަށް ގަސްތުކުރައްވާ ފިޔަވަޅުތަކުގެ އިތުރުން ގާނޫނަށް އަންނަން ޖެހޭ މުހިންމު އިސްލާހުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި މަސްތުވާތަކެތި ވިއްކައި ޓްރެފިކްކޮށް އެ ގެންގުޅުމާއި ބޭނުން ކުރުން ހުއްޓުވުމަށް ގާނޫނަށް މުހިންމު އިސްލާހުތައް ގެނެވޭނެކަމަށެވެ. އަދި މަސްތުވާތަކެއްޗާއި ގުޅޭ ކުށްތައް ހިންގުން ހުއްޓުވުމަށާއި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އިތުރު ބާރުތައް ދިނުމަށް ވެސް އެ އިސްލާހުގެ ތެރޭގައި ހިމެނިފައިވާނެކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި ބިލު ފަރުމާކޮށް މިހާރު މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.
ދިވެހިރާއްޖޭގައި މަސްތުވާތަކެތިން ވިޔަފާރިކުރުމާއި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ވިޔަފާރި އާއި މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުން ހުއްޓުވުމަށް، އަދި މަސްތުވާތަކެއްޗާގުޅޭ ކުށްތައް ހިންގުން ހުއްޓުވުމަށާއި ޤާނޫނު ތަންފީޛުކުރާ ފަރާތްތަކަށް އިތުރު ބާރުތައް ދިނުމަށް، އަދި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި މިހާރު ޢަމަލުކުރަމުންދާ މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް މުހިންމު އިޞްލާޙުތަކެއް ގެނައުމަށްޓަކައި، ސަރުކާރުން ވާނީ ރައްޔިތުންގެ މަޖިލީހުގެ ނިމިދިޔަ އަހަރުގެ ތިންވަނަ ދައުރުގެ ތެރޭގައި ބިލެއް ހުށަހަޅާފަ.
މީގެއިތުރުން ރައީސް ވިދާޅުވީ ޑްރަގުގެ ވިޔަފާރީގެ ތެރެއިން ބާރު ލިބިދޭ ގޭންގު ކުށްތަކާއި މާރާމާރީތަކުގެ މައްސަލައިގައި ވެސް ”ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު“ ގެ މަސައްކަތް ނިމި މަޖިލީހަށް ހުށަހަޅާފައިވާނެކަމަށެވެ. މިފަދަ ބިލެއް ހުށަހެޅުމުގެ މަގްސަދެއްކަމަށް ރައީސް ވިދާޅުވީ ގޭންގުތަކާއި އެ ނޫންވެސް އިންތިޒާމުވެގެން ހިންގާ ކުށްކުރާ ގުރޫޕުތަކުން ހިންގާ ގާނޫނާ ހިލާފު އަމަލުތައް ކުށުގެ ގޮތުގައި ކަނޑައެޅުމެވެ. އަދި އެ ކުށްތަކަށް އެކަށީގެންވާ އަދަބު ކަނޑައެޅުމަކީ އެންމެ ބޮޑު އެއް ފިޔަވަޅުކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގާނޫނަށް ގެނެވޭ މި އިސްލާހުތަކާއި އެކު މިފަދަ ކުށްތައް ހުއްޓުވުމަށްޓަކައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ހާއްސަ ބާރުތަކެއް ދެވިގެންދާނެކަމަށެވެ. އަދި ކުޑަކުދިންނާއި ޒުވާނުން އެފަދަ ނުރައްކާތެރި ކުށްތައް ކުރާ ވެށި ދުރުކުރެވި ރައްކާތެރިކަންދީ ހެޔޮގޮތުގައި މުޖްތަމައުއަށް ރުޖޫއަވުމަށް މަގުފަހިވެގެންދާނެކަމަށް ވިދާޅުވި އެވެ. އެކަމަށްޓަކައި ހާއްސަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމަށާއި، ކުށްތަކުން ރައްޔިތުންނާއި މުޖުތަމައު ރައްކާތެރިކުރުމަށްޓަކައި، އެފަދަ ކުށްތައްކުރާ މީހުން އުޅޭނޫޅޭގޮތް ބަލައި މޮނީޓަރ ކުރެވޭނެކަމަށް ވިދާޅުވިއެވެ.
މި ދެ ބިލުގެ މަސައްކަތް ވެސް މި ދައުރުގެ ކުރީކޮޅު ފެށި، ފާސްވެގެންދާނެކަމުގެ އުންމީދު ކުރައްވާކަމަށް ރައީސ ވިދާޅުވިއެވެ.

