ހއ.މޮޅަދޫ ބަނދަރު ހެދުމުގެ މަޝްރޫއު 26 މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީ ކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.
ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން މޮޅަދޫ ބަނދަރު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާއެވެ.
މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤުއެވެ. އަދި ސެނޮކް ޓެރޭޑް ކޮމްބައިންގެ ފަރާތުން ސޮއިކުރެއްވީ އެކައުންޓެންޓް ޕްރަބާތްއެވެ.
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި؛
232 މީޓަރުގެ ބޭރުތޮށި ލުން
42 މީޓަރުގެ ރިވެޓްމަންޓް ޖެހުން
70 މީޓަރުގެ ގްރޮއިން
20 މީޓަރު އެއްގަމު ތޮށި ލުން
600 ސްކެއަރ މީޓަރުގެ ޕޭވްމަންޓް ހެދުން
2 ނެރު ބައްތި ޖެހުން
20 ބަނދަރު ބައްތި ހަރުކުރުން
01 ރޭމްޕް ހެދުން
ބަނދަރު ފުންކުރުން، 24،726 ކިއުބިކް މީޓަރަށް
އެއްގަމު ތޮށިން ބޭރުތޮއްޓަށް އެރުމަށް ވޯކްވޭއެއް ހެދުން
ޕްލޭނިން މިނިސްޓްރީއިން ބުނީ މި މަސައްކަތުގެ ޖުމްލަ އަގު 26،984،891.28 ރުފިޔާއަށް އަރާ ކަމަށެވެ. މި މަސައްކަތް ފެށޭތާ އެއް އަހަރު ތެރޭގައި ނިންމާލުމަށް ވަނީ އެއްބަސްވެފައެވެ.