މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން މަރާލި މައްސަލާގައި މަރުތަކާއި ބެހޭ ރިޔާސީ ކޮމިޝަންގެ މެންބަރުން ހާޒިރު ކުރި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނެއް ކަމަށްވާ މަރުތަކާއި ގެއްލިފައިވާ މީހުންނާއި ބެހޭ ކޮމިޝަނުން އެންމެ ފުރަތަމަ މަޖިލިހަށް ހާޒިރުވާ ގޮތަށް އޮތީ މިއަދު ހެނދުނު 10 ޖަހާ އިރަށެވެ. ނަމަވެސް ފަހުން އެ ބައްދަލުވުން 2 ޖަހާއިރަށް ފަސްކޮށްފައިވެއެވެ.
ނޫސްވެރިޔާ ރިޟްވާން ގެއްލުވާލި މައްސަލައިގައި ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގާއި ގުޅޭ ގޮތުން ގިނަ ބައެއްގެ ސުވާލުތައް އެ ކޮމިޝަނަށް އަމާޒުވެފައިވާއިރު 241 ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދާއި މެމްބަރު މިސްބާހު އައްބާސް ހާޒިރު ކޮށް މީޑިއާތައްވެސް މަޖިލިހުގެ އިދާރާއަށް ގެންދިޔަ ފަހުންކަން ފާހަގަކޮށްލެވެއެވެ.