ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރަށް ނަތީޖާ ނުނެރެވިގެން އުޅެނީ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ސަބަބުންކަން ބުނުމުގެ ޖާގަ އޮތް ކަމާއިމެދު ސުވާލު އުފެދޭ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރުކަން ކުރައްވަމުން އަންނަ ސައީދު ވަނީ އެއް ކޯލިޝަނަކަށް ނިސްބަތްވާ ލީޑަރުންގެ އަމިއްލަ ރައީސް އަށް ޗެލެންޖުކޮށް 2023 ގެ ރިޔާސީ އިންތިޚާބަށް ކުރިމަތުލުމުގެ ޝައުގުވެރިކަން ގެންގުޅުމަކީ ކޮން ނިޒާމެއްގައި އޮން ކަމެއްތޯ ވިދާޅުވެ ސަރުކާރު ކޯލިޝަނަށް ސުވާލެއް ކުރިމަތިކުރައްވާފައެވެ.
https://twitter.com/em_saeed/status/1173558234654732288
ބެލެވޭ ގޮތުގައި ސައީދުގެ ނުސީދާ ރައްދު އަމާޒްވެފައިވަނީ ސަރުކާރުގެ ކޯލިޝަންގެ އެއް ހިއްސާދާރު ކަމަށްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަށެވެ.
އެމަނިކުފާނު ވަނީ ޖުމްހޫރީ ޕާޓީއަށް މެމްބަރުންތަކެއް ސޮއި ކުރުމަށް ރޭ ކުނޫޒްގައި ބޭއްވި ޚާއްސަ ޖަލްސާގައި ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ގާސިމް އިބްރާހީމް ވަނީ ރައީސް ނަޝީދުގެ ސަބަބުން ސަރުކާރު ހިންގުމަށް ދަތިވާ ފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ.
2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ކެންޑިޑޭޓަކު ނެރޭނެކަން ގާސިމް އިބްރާހީމް ވަނީ ރޭގައި އިއުލާން ކުރައްވާފައެވެ.
މީގެ އިތުރުން ރޭގައި ގާސިމް ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވެސް ކެންޑިޑޭޓަކު ނެރޭނެ ކަމަށެވެ. އެކަން ކަށަވަރުކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ އެއީ އެމަނިކުފާނުތޯ ނޫނީ އެހެން ބޭފުޅެއްތޯ ނިންމާނީ ޕާޓީން ކަމުގައެވެ.
ގާސިމް އިބްރާހީމް އަކީ ސަރުކާރު ކޯލިޝަންގެ ބައިވެރިޔަކަށް ވެފައި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީއިން ކެންޑިޑޭޓަކު ނެރޭނެކަން ރައްޔިތުންނަށް ހާމަކުރެއްވުމުން ސައީދު އެ ވިދާޅުވަނީ ގާސިމް އިބްރާހީމްގެ ވާހަކަ ކަމަށް ބެލެވެއެވެ.
އެއީ އަދި މިހާތަނަށް ސަރުކާރު ކޯލިޝަންގެ އެއްވެސް ލީޑަރަކު އެފަދަ ވާހަކަތަކެއް ދައްކަވާފައި ނުވާތީއެވެ.
ރައީސް ޔާމީންގެ ސަރުކާރުގެ އިގްދިސާދީ ވަޒީރުކަންވެސް ކުރެއްވި މެމްބަރު ސައީދުގެ ސިޔާސީ ހަޔާތް ފެއްޓެވީ ޖުމްހޫރީ ޕާޓީ އިން ކަން ފާހަގަކޮށްލެވެއެވެ. ސައީދު ވަނީ ގާސިމް އިބްރާހީމްގެ އަރިހުގައި ޓުއަރިޒަމް ދާއިރާއަށް ޚިދުމަތްތަކެއް ކުރައްވާފައެވެ.