ދައުލަތުގެ ދަރަނި ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް 50 ބިލިއަން ރުފިޔާ ހުރަސްކޮށް މައްޗަށް އަރައިފިއެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސް ނިމުނު އިރު ދައުލަތުގެ އެތެރެ އާއި ބޭރުގެ ދަރަނީގެ ޖުމްލަ ވަނީ 50.9 ބިލިއަން ރުފިޔާ އަށް އަރާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ނަމަވެސް މީގެ ހަ މަސް ކުރިން ދަރަނި ހުރީ 48 ބިލިއަން ރުފިޔާގަ އެވެ.
މަރުކަޒީ ބޭންކް މޯލްޑިވްސް މަނިތަރީ އޮތޯރިޓީ އެމްއެމްއޭއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުގައި ވާ ގޮތުން ދައުލަތުގެ ދަރަނީގެ ބޮޑު ބައި ހިއްސާކުރަނީ އެތެރޭގެ ދަރަންޏެވެ. އެގޮތުން 50 ބިލިއަންގެ ތެރެއިން 29.7 ބިލިއަން ރުފިޔާ އަކީ އެތެރޭގެ ދަރަންޏެވެ. އެއީ މުޅި ދަރަނީގެ 58 ޕަސެންޓެވެ. އަދި ބޭރުގެ ދަރަނި ހުރީ 21.3 ބިލިއަންގައެވެ.
އެތެރޭގެ ދަރަނީގެ ބޮޑު ހިއްސާ އަކީ ސަރުކާރުން ވިއްކާފައިވާ ޓީބިލާއި ބޮންޑުކަމަށް ހިސާބުތަކުން ދައްކާއިރު މިދިއަ ހަ މަސް ދުވަހު 1.9 ބިލިއަން ރުފިޔާގެ ޓީބިލާއި ބޮންޑު ވިއްކައިގެން ސަރުކާރަށް ފައިސާ ހޯދާފައިވެ އެވެ. އޭގެ ތެރެއިން ކޮމާޝަލް ބޭންކްތަކަށް ވިއްކި ވަރު 1.1 ބިލިއަން ރުފިޔާ އަށް އަރާ އިރު މާލީ އެހެން އިދާރާތަކަށް ވިއްކި ޓީބިލާއި ބޮންޑުގެ އަދަދު އުޅެނީ 819 މިލިއަން ރުފިޔާގަ އެވެ.
ހިސާބުތަކުން ދައްކާ ގޮތުން ދައުލަތުގެ ދަރަނީގެ ބޮޑު ބައި ހިއްސާކުރަނީ އެތެރޭގެ ދަރަންޏެވެ. އެގޮތުން، ޖުމްލަ ދަރަނީގެ ތެރެއިން 29.7 ބިލިއަން ރުފިޔާ އަކީ އެތެރޭގެ ދަރަންޏެވެ. އެއީ ޖުމްލަ 50.9 ބިލިއަން ރުފިޔާގެ ދަރަނީގެ 58 ޕަސެންޓެވެ. ބޭރުގެ ދަަރަނި ހުރީ 21.3 ބިލިއަން ރުފިޔާގަ އެވެ.
މީގެ އިތުރުން މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭން ބޭރުން ނެގި ލޯނުގެ މިންވަރު 733.5 މިލިއަން ރުފިޔާއަށް އަރަ އެވެ. ރާއްޖޭގެ ދަރަނީގެ ތެރޭގައި ބޭރުގެ ބޮޑެތި ލޯނުތައް ނަގައިގެން ހިންގާ މަޝްރޫއުތަކަށް ކުރާ ހޭދަ ހިމެނެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގަން ފެށި ބޮޑެތި މަޝްރޫއުތަކަށް ޗައިނާ އިން ވަނީ އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ލޯނު ނަގައިފަ އެވެ.
ދައުލަތުގެ ޖުމްލަ ހޭދަ ދަށްވެފައިވަނީ ކެޕިޓަލް ޚަރަދު މަދުވެގެން ކަމަށް އެމްއެމްއޭ އިން ރިޕޯޓުގައި ބުނެފައިވެ އެވެ. އެގޮތުން، ޕީއެސްއައިޕީގެ ދަށުން ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ކުރި ހޭދަ ވަނީ 2.3 ބިލިއަން ރުފިޔާ ދަށްވެފަ އެވެ.
ނަމަވެސް، ރިކަރަންޓް ހަރަދު ވަނީ 735.4 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. އޭގެ ބޮޑު ހިއްސާއެއް ކުރާ މުސާރަތައް 334.7 މިލިއަން ރުފިޔާ އިތުރުވެފައިވާއިރު، ދައުލަތް ހިންގުމުގެ ހަރަދު ވެސް ވަނީ 120.2 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. ދައުލަތް ހިންގުމުގެ ހަރަދުގެ ތެރޭގައި ސަބްސިޑީތައް ވެސް ހިމެނޭއިރު، އެ އަދަދު އިތުރުވެފައިވަނީ އާސަންދައަށް ކުރި ހޭދަ 192.9 މިލިއަން ރުފިޔާ ދަށްވެފައިވަނިކޮށްކަމަށްވެސް މަރުކަޒީ ބޭންކުން ބުންޏެވެ.
ހިންގުމުގެ ހަރަދު މަތިވެފައިވަނީ، ތެލާއި ކާޑުގެ ބާވާތްތަކުން ދެމުން އައި ސަބްސިޑީ ކަނޑާލުމަށްފަހު އަލުން ދޭން ފެށުމުންކަމަށް ވެސް ބުނެފައިވެ އެވެ.
އެމްއެމްއޭ އިން އިތުރަށް ބުނެފައިވާ ގޮތުގައި، މިއަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގެ ދެ ބައި ކުޅަ އެއްބައި ވެސް މިއަހަރުގެ ޖޫން މަހާ ހަމައަށް ބޭނުންކޮށްފައެއް ނުވެ އެވެ. އެގޮތުން، މިއަހަރުގެ ފުރަތަމަ ހަ މަސް ނިމުނުއިރު ހޭދަކޮށްފައި ވަނީ ދައުލަތުގެ ޖުމްލަ ބަޖެޓުގެ އެންމެ 43 ޕަސަންޓެވެ.
ރާއްޖޭގެ އިގްތިސާދީ ދުވެލިވެސް ވަރަށް ބޮޑުތަނުން ދަށްވެފައިވާއިރު މި އަހަރުގެ ފުރަތަމަ ހަ މަހު ރާއްޖޭގެ އިގްތިސާދީ ދުވެލި ކުރިއަރާފައި ވަނީ 3.1 އިންސައްތައަށް ކައެމްއެމްއޭގެ ރިޕޯޓެއްގައި ބުނެފައިވެއެވެ. މިއީ ކުއާޓާލީ ބުލެޓިންގައި ބަޔާންކޮށްފައިވާ ގޮތުން ނަމަ ވަރަށް ބޮޑު ދަށްވުމެކެވެ. ވޭތުވެ ދިޔަ އަހަރުގެ ފުރަތަމަ ހަ މަހު ރާއްޖޭގެ އިގްތިސާދީ ދުވެހި ހުރި މިންވަރުގެ ގޮތުގައި ތަފާސް ހިސާބުތަކުން ދައްކަނީ 4.7 އިންސައްތައެވެ. އަދި މިދިޔަ އަހަރު އިގްތިސާދު ކުރިއަރާފައިވަނީ 7.5 އިންސައްތައަށެވެ.
އެމްއެމްއޭގެ ރިޕޯޓުގައިވާގޮތުން އިގްތިސާދަށް އަންނަ ބަދަލުތައް އެންމެ ބޮޑަށް ފެންނަނީ ވިޔަފާރިތަކުންނެވެ. ރިޕޯޓުގައިވާގޮތުން މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެންމެ ބޮޑަށް ދަށަށް ގޮސްފައިވަނީ އިމާރާތް ކުރުމުގެ ދާއިރާއެވެ. އޭގެ އިތުރުން ހޯލް ސޭލް އަދި ރީޓޭލް ވިޔަފާރިތައް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.
ރާއްޖެ އިގްތިސާދު ކުރިއަރާ ދުވެލި ދަށަށް ދިޔަ ސަބަބެއްގެ ގޮތުގައި ބެލެވެނީ ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ބޮޑެތި މަޝްރޫއުތަކެއް ބާރު ސްޕީޑެއްގައި ކުރިޔަށް ގެންދެވި އޭގެ ތެެރެއިން ގިނަ ޕްރޮޖެކްޓުތައް 2018 ވަނަ އަހަރު ނިންމާލެވުމެވެ. އޭގެ ތެރޭގައި، ސިނަމާލެ ބްރިޖާއި، ދަރުމަވަންތަ ހޮސްޕިޓަލް، އަދި ފްލެޓުތަކުގެ މަސައްކަތްތައް ހިމެނެއެވެ.
ރިޕޯޓުގައި ވާގޮތުން ޓޫރިޒަމް ދާއިރާގެ އާމްދަނީ ވަނީ ވަރަށް ބޮޑަށް ކުރިއަރައިފަ އެވެ. ކޮންމެ އަހަރެއްގެ ވެސް ފަހުކޮޅަކީ ޓޫރިސްޓުން ރާއްޖެ އަށް އެންމެ ގިނައިން އަންނަ ދުވަސްވަރެވެ. އަދި ޓޫރިޒަމް ދާއިރާގެ އެންމެ ބޮޑު ކުރިއެރުން ފާޙަގަކުރެވޭ ދުވަސްވަރެވެ. ސާވޭގައި ބައިވެރިވި 99 ފަރާތުން ވަނީ ޓޫރިޒަމް ވިޔަފާރި އަށް ކުރިއެރުން ލިބިފައިވާ ކަން ފާހަގަކޮށްފަ އެވެ. ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ އަދަދަށް މާބޮޑު ބަދަލެއް އައިސްފައި ނުވާއިރު މި ދުވަސްވަރުގައި ކުންފުނިތަކުން ކުރަންޖެހޭ ހަރަދު އިތުރުވެފައިވާ ކަމަށް ސާވޭގައި ބައިވެރިވި 70 ޕަސެންޓް ފަރާތުން ބުނެފައިވެ އެވެ.
(އެމްއެމްއޭ) އިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި އެފަދަ ހިދުމަތްދޭ ހަތަރު އޭޖެންސީ އެއް މެދުވެރިކޮށް، ރާއްޖޭގައި އުޅޭ ބިދޭސީން ބޭރަށް ފައިސާ ފޮނުވި އަދަދު ތިން ޕަސަންޓް އިތުރުވި ނަމަވެސް، ދިވެހިން ބޭރަށް ފޮނުވާ ފައިސާގެ އަދަދު ވަނީ ހަމަ އެ އަދަދުން ދަށްވެފަ އެވެ.
އެހެންކަމުން، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، ރާއްޖޭން ބޭރުކުރި ފައިސާގެ އަދަދު ދަށްވެފައިވަނީ އެންމެ 0.1 އިންސައްތައެވެ.
އެމްއެމްއޭގެ ހިސާބުތަކުން ދާއްކާ ގޮތުގައި، ރާއްޖޭން އެންމެ ގިނަ ފައިސާ ބޭރުކޮށްފައިވަނީ ބަންގްލަދޭޝް އަށެވެ. ޖުމްލަ އަދަދުގެ 40 އިންސައްތަ އެ ގައުމަށް ބޭރުކޮށްފައިވާއިރު، އެއީ މިދިޔަ އަހަރާ އަޅާ ބަލާއިރު އަށް ޕަސަންޓުގެ ވެއްޓުމެކެވެ.
އޭގެ އިތުރުން ރާއްޖެއަށް އެތެރެކުރި ފައިސާގެ އަދަދު އެ މުއްދަތުގެ ތެރޭގައި ވަނީ 12 އިންސައްތަ އިތުރުވެފަ އެވެ. އެގޮތުން، މިއަހަރުގެ ޖޫން މަހާ ހަމައަށް ރާއްޖެއަށް އެންމެ ގިނައިން ފައިސާ އެތެރެކޮށްފައިވަނީ 19 އިންސައްތައާއި އެކު ޗައިނާ އިންނެވެ.