އިޒްރޭލުން މިހާރު ގެންދަނީ މީގެ ކުރިން ދުވަހަކު ވެސް ނަގައިނުލާ ވަރަށް ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ނަގައިލަމުން ކަމަށް ވިދާޅުވެ ދިވެހިރާއްޖެއިން އދ. ގައި ފާޅުކަންބޮޑުގޮތެއްގައި ފަލަސްތީނު ދިފާއުކުރައްވާ އިޒްރޭލަށް ފާޑު ވިދާޅުވެއްޖެއެވެ.
7 އަހަރު ފަހުން އދ. ގައި ރާއްޖެ ތަމްސީލުކުރައްވާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އިޒްރޭލުން ފަލަސްތީނު ރައްޔިތުން އެކަހެރިކޮށް ފަލަސްތީނުގެ ރައްޔިތުންނާއިމެދު ބޭއިންސާފުން އަމަލުކުރަމުން ދަނީ ބައިނަލްއަގުވާމީ ހުރިހާ ގާނޫނަކާއި އދ.ގެ ހުރިހާ ގަރާރަކާ ހިލާފަށްކަމަށެވެ.
ދުނިޔޭގެ ލީޑަރުން ކުރިފުޅުމަތީ ރައީސް ސޯލިހު ވިދާޅުވީ، އިޒްރޭލް ފަލަސްތީނުގެ މައްސަލައަށް ހައްލެއް ލިބޭނީ ފަލަސްތީނަށް މިނިވަން ވަކި ދައުލަތެއް ލިބިގެންކަމަށެވެ. އަދި 1967ގައި އެއްބަސްވި ބޯޑަރުތަކާ އެއްގޮތަށް އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި އޮންނަ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވިއެވެ.
ފަލަސްތީނަށް މިނިވަން ދައުލަތެއް ހޯދުމަށް މަޝްވަރާއަށް ރައީސް ސޯލިހު ގޮވާލެއްވިއެވެ. އަދި މިމަޝްވަރާ ހިންގަން ޖެހޭނީ އިޒްރޭލް ހިމެނޭ ގޮތަށް އަރަބި ގައުމުތަކުގެ މެދުގައިކަން ރައީސް ފާހަގަކުރެއްވިއެވެ. މިކަމުގައި އދ. ގެ އެންމެހާ މެމްބަރު ގައުމުތަކުގެ އެއްބާރުލެއްވުމަށް ރައީސް ގޮވާލެއްވިއެވެ.