ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮލަށް ބިންދާލިީ 7 ރާޅު! ކުށްވެރިއަކީ އަދީބު އެކަނިތަ؟

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު: ފޮޓޯ މީސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ނައިބު ރައީސް ކަމުގެ މަގާމަށް އައްޔަންކުރެވުނީ 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެމަނިކުފާނަކީ އޭގެ ކުރިން ޓުއަރިޒަމް މިނިސްޓަރެވެ. ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ދޮޅުއަހަރުގެ ވެރިކަމުގެ ޓުއަރިޒަމް މިނިސްޓަރު ވެސް މެއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ރިޔާސީ ލޯންޗު ގޮއްވާލިކަމުގެ ތުހުމަތުގައި 24 އޮކްޓޯބަރު 2015 ވަނަ އަހަރު އެމަނިކުފާނު ހައްޔަރު ކުރެވުނެެވެ. ޗައިނާއިން ވަޑައިގެންނެވި ތަނާ އެއަރޕޯޓުންނެވެ. 5 ޖުން 2016 ގައި ފިސްތޯލައެއް ގެންގުޅުނުކަމަށް ބުނެ 10 އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރެވުނެވެ. ހަމަ ހުކުމް ކުރެވުމާއިއެކު އަދީބުގެ ކުރިން، ރައީސް ޔާމީންގެ ސަރުކާރުގެ ނައިބު ރައީސްކަން ވެސް ކުރެއްވި ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ކުރީ އިންސާފުވެރި ޝަރީއަތެއް ނޫންކަމަށެވެ. އެއީ ޑރ.ޖަމީލް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން ހައްދަވައިގެން އިނގިރޭސި ވިލާތުގައި ހުންނަވައި ދެެއްކެވި ވާހަކައެކެވެ.

 

ރިޔާސީ ލޯންޗު ކޮޅު ގޮއްވާލިކަމަށް ބުނެ 2016 ވަނަ އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހު އަދީބު 15 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރިއެވެ. އަދި އެމަހުގެ 21 ވަނަ ދުވަހު އެމަނިކުފާނު ދޫނިދޫ ރިމާންޑް ޖަލުން މާފުށީ ޖަލަށް ބަދަލުކުރެވުނެވެ. ހަމަ އެ މަހުގެ 23 ވަނަ ދުވަހު 5 މިލިޔަން ޑޮލަރަށް ޚިޔާނާތްތެރިވިކަމަށް ބުނެ 8 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރިއެވެ. ޖުމްލަ 33 އަހަރުގެ ގޮޅިއަކަށް ފެތުނީއެވެ. އަރިހުގައި އުޅުއްވި ސިޔާސީ “ތަތް މަސްތަކާއި” “ފެމުނުތައް” ފިލައި ރައްކާވީއެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރައީސް ޔާމީންގެ ސަރުކާރުގެ ވަޒީރުންނާއި އެކު

ދެން އޮތީ އަދީބުގެ ބޭސްފަރުވާގެ ވާހަކައެވެ. އެކަންކަން ދައުލަތުން ހަމަޖައްސަމުން ދިޔަ ނަމަވެސް އަދީބު ބޭނުންފުޅުވީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށެވެ. ނަމަވެސް އޭރު އެފުރުސަތު ތަނަވަސްވެގެން ގޮސްފައެއް ނުވެއެވެ. ބޭސްފަރުވާގެ ދިގު ތާރީޚާއި ކޯޓަށް ގެނެވުނު އަދަދުގެ ވާހަކަ ލިޔަން ވެއްޖެނަމަ ބަޔަކު ފޫހިވާހާ ދިގުކޮށް ލިޔަން ޖެހިދާނެތީ އެބައި ކުރުކޮށްލާނަމެވެ. އެހެން ސަބަބެއްވެސް އެބައޮތެވެ. އެއީ ބޭސް ފަރުވާ ނުކުރިވެގެން ނުވަތަ އިންސާފުވެރި ޝަރީއަތެއް ނެތޭ ވިދާޅުވެ އަދީބު ދައްކަވާ ވާހަކަތަކުގެ އަޑަށްވުރެ އޭރުގެ އިދިކޮޅު އެމްޑީޕީއާއި ހުރިހާ ލީޑަރުންގެ އަޑު ފައްގަނޑު ގަދަވިގޮތުގެ ކޮންމެވެސް މިންވަރެއްގެ ތަފްސީލެއް ހިއްސާކޮށްލުމުގެވެސް މަގްސަދުގައެވެ.

އަދީބުގެ ބޭސްފަރުވާގެ ހަޅޭކުގެ އަޑު ޓުވިޓަރގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދު ގުޑުވާލެއްވިއެވެ. 31 މެއި 2017 ވަނަ ދުވަހުގައެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ދޫފުޅުން ވެސް އަދީބުގެ ބޭސްފަރުވާގެ ވާހަކައެވެ. ބޭސްފަރުވާއަށް ހުރަސް ނޭޅުމުގެ ވާހަކައެވެ. ގާސިމް އެހެން ވިދާޅުވީ 05 ޖެނުއަރީ 2018 ގައެވެ. ނުވިތާކަށް ދިގު ރަން ތިރީސް އަހަރުގެ ބާނީ ރައީސް މައުމޫން އަބްދުލް ގައްޔޫމްވެސް މެއެވެ. އެމަނިކުފާނު ވިދާޅުވީ އަދީބު ވަގުތުން ވަގުތައް ރާއްޖެއިން  ބޭރަށް ފޮނުވަންޖެހޭ ވާހަކައެވެ. ރައީސް މައުމޫން އެހެން ވިދާޅުވީ 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 24 ވަނަ ދުވަހުގައެވެ. އަދި ކޮބައިތޯއެވެ. އާޚިރުގައި ހޯމް މިނިސްޓަރ އައް ޝެއިޚް އިމްރާން އަބްދުﷲ ވެސް އަދީބުގެ ބޭސްފަރުވާގެ ވާހަކައަށް މާ ބޮޑަށް “ކޮންސަރން” ވެވަޑައިގަތެވެ. ރައީސް އިބްރާހީމް މުހައްމަދު ސާލިހުވެސް މެއެވެ. ބަޔަކު ސުޕްރީމް ކޯޓުން އަމުރެއްވެސް ވިއްސަން އުޅުނުތާއެވެ. މިހާރުގެ ފޮރިންގް މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ވިދާޅުވި ނޫންތޯއެވެ. އެއީ ރައީސް ޔާމީންގެ ވެރިިކަމުގައެވެ. އެއީ އެބުނާ 1 ފެބުރުއަރީގެ އަމުރެވެ. އަދީބު ހިމެނިވަޑާއިގަންނަވާ ގޮތަށް ހައްޔަރުވި ހުރިހާ ސިޔާސީ ލީޑަރުންނާއި މިދެންނެވި އަމުރު ވިއްސަން އުޅެނިކޮށް ފުރާޅުން ޓިނު ނަގައި އުފުރާލި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ބަންދުން ވީއްލިގަތުމަށް މިނިސްޓަރ ޝާހިދު ވިދާޅުވިގޮތަށް މަރިޔަމް ސޫރަތް ކިޔަވައިގެން ނަމަވެސް ވިއްސަން އުޅުނު އަމުރުގެ ވާހަކައެވެ. ރައީސް ޔާމީން ހިބަރު ވަދެއްގައި ޖެއްސުމުގެ އަމުރުވެސް މެއެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ހާލު ގޯސްވެގެން އައިޖީއެމްއެޗަށް ގެންދިޔުމުގެ ތެރެއިން: ފޮޓޯ މީސް މީޑިއާ

ދެން ފެނިގެން ދިޔައީ 1 ފެބުރުއަރީގެ އަމުރުގައިވާ އެންމެން ދޫކޮށްލުމަށް އަދުގެ ކޯލިޝަން ސަރުކާރަށް ނިސްބަތްވާ ހުރިހާ ޕާޓީތައް މަގުމަތީގައި ޒުންބާ ކްލާސްތައް ހިންގި މަންޒަރެވެ. އެ އަމުރުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ނަން އޮތެވެ. ޒުންބާގެ ޖޯޝުގައި އަދީބުގެ ނަންވެސް ހަރު އަޑުން ގޮވަމުންދިޔައެވެ.

އެ އަމުރު ވިހެއީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ނެގުނު ވޯޓުން އަދުގެ ކޯލިޝަން ސަރުކާރު އުފެދުމާއި ގުޅިގެންނެވެ. ތެދެކެވެ. މިނިސްޓަރ ޝާހިދު ވިދާޅުވިގޮތަށް އަމުރު ވިހެއީއެވެ. ނަަމަވެސް މިއަދާ ހަމަޔަށް އައި އިރު އެ އަމުރު ވިއްސުމުގައި ދިމާވި ދަތިތަކެއްގެ ސަބަބުުން ނައިބު ރައީސް އަދީބު މިވަނީ ތާށިވެވަޑައިގެންފައެވެ.

މިއަދު ރައީސް ނަޝީދާއި، ގާސިމް އިބްރާހީމާއި، ރައީސް މައުމޫނާއި، ޝެއިޚް އިމްރާން މިނިވަން ވެއްޖެއެވެ. ކުށެއް ކީއްކުރަންހެއްޔެވެ، ތުހުމަތެއް ނެތް ތަނުގައި އެބޭފުޅުންނަކީ ސާފު ހުދު ކާފޫރު ކޮޅުތަކެކެވެ. އެބޭފުޅުން ގޮވާލެއްވީ ހަަމައެކަނި އަދީބުގެ ބޭސްފަރުވާއަށް އެކަންޏެއްވެސް ނޫނެވެ. އަދީބަށް އިންސާފުވެރި ޝަރީއަތެއް ލިބެންޖެހޭކަމުގެ ވާހަކަ ދެއްކެވި އަދަދެއްވެސް ނޭނގެއެވެ.

2018 ވަަަނަ އަހަރުގެ ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނ އަމުރާއި ގުޅިގެން އެމްޑީޕީ އިން ރާއްޖޭގެ ރަށެއްގައި މުޒާހަރާ ކުރަނީ: ފޮޓޯ އެމްޑީޕީ

މިއަދު ޚިޔާނާތް ވެވަޑައިގެންފައި މިވަނީ އަދީބު އެކަންޏެވެ. ފިއްލެވީވެސް އަދީބު އެކަންޏެވެ. ރައީސް ނަޝީދާއި، ޖޭޕީގެ ނައިބު ލީޑަރު އަމީން އަދި ގާސިމް އިބްރާހީމްގެ ފިއްލެވި ވާހަކައެއް ނުދައްކައެވެ. ނައިބު ރައީސް ޖަމީލް ފިއްލެވި ވާހަކައެއްވެސް ދައްކާނެ މީހެއް ނެތެވެ. ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ފިއްލެވި ވާހަކަވެސް ދައްކާނެ މީހެއް ހައްދަވައިގެން މި އުޑު ފިޔަ ދަށުގައި ހަމަ ނެތީއެވެ. އަމިއްލަޔަކަށް އަރުވާލެވިގެން ތިއްބެވި ވާހަކަވެސް ދައްކާނެ ބައެއް ހަމަ ނެތީއެވެ. ކޯޓުގައި ކުށަށް އިއުތިރާފް ވާނެ މީހަކުވެސް ހަމަ ނެތީއެވެ. އެެއްބަސް ވަންޏާ މިވަނީ ހަތަރު މޫސުން އޮންނަ ގައުމުތަކުގައި ތިއްބަވައިގެންނެވެ.

އަދީބު ދިފާއު ކުރާކަށް ނެތީމެވެ. ނަަމަވެސް ހަަމަޔާއި އިންސާފަކީ އެންމެނަށްވެސް އޮންނަން ޖެހޭ އެއްޗެކެވެ. ފުރަތަމަ 33 އަހަރުގެ ޖަލު ހުކުމެކެވެ. ރަނގަޅު ވާހަކައެކެވެ. ބާތިލް ކުރިއެވެ. އަމާ ބުނީތީ ފަރަށްދާ ގޮތަށެވެ. އެކަމަކުން ސަލާމަތް ނުވެވިގެން އުޅެނިކޮށް ޓަގް ބޯޓަކުން ފިއްލަވަން އަދީބު މަސައްކަތްކުރެއްވުމުގެ ހަދިޔާއަކަށް 3 މަހާއި 18 ދުވަހުގެ ޖަލުގޮޅީގެ ހަދިޔާއެއްވެސް ލިބިވަޑައިގަތެވެ. އެކަން އަދީބު ނުކުރައްވައެކޭ ނުދަންނަވަމެވެ. އަދި އެކަމާ އަދީބު ދެކޮޅެއްވެސް ނަހައްދަވައެވެ. ސަބަބުވެސް ވިދާޅުވެދެއްވިއެވެ. އެވާހަކަ ދައްކާކަށް ނެތީމެވެ. ނަމަވެސް އަނެއްކާވެސް މިއޮތީ ޚިިޔާނާތުގެ އިތުރު 7 ދައުވާއެއް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އުފުލާފައެވެ. ހަމަ އެއް މައްސަލައެކެވެ. މީގެ ކުރިންވެސް އެމަނިކުފާނަށް ޚިޔާނާތް ވިކަމަށް ނިންމައި ހުކުމް ކުރިއެވެ. އެއް ކުށަކަށް އެއް އަދަބެއް ނޫނެވެ. އިނގިލިން ގުނާލެވޭ ވަރަށް ވުރެ ގިނަ ދައުވާތަކެކެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އައިޖީއެމްއެޗްގައި އެޑްމިޓް ކުރުމަށް ގެންދަނީ: ފޮޓޯ މީސް މީޑިއާ

https://www.facebook.com/icade11/videos/777801505988940/

އަޅުގަނޑު އަދީބަށް ދަންނަވާލަން ބޭނުމެވެ. މަނިކުފާނެވެ. އެއްވެސް ބަޔަކު މަނިކުފާނަށް ހެވެއް ނޭދެއެވެ. އެއްވެސް ސިޔާސީ ބޭފުޅެއްގެ ފައިބުޑަށް ވެއްޓިވަޑައި ނުގަންނަވާށެވެ. މިއަދު ތިހިސާބަށް ވަޑައިގެންނެވީވެސް ގިނަކަންޏާއެވެ. އެންމެންވެސް ދިނީ “ދޯކާއެވެ. އަނެއްހެން ދަންނަވަންޏާ “ދިލްކޯ ހަޒާރު ބާރު ދޯކާ ދޯކާ ދޯކާ”އެވެ. އެކަކަށްވެސް އިތުބާރު ކުރާނެކަމެއް ނެތެވެ. މަނިކުފާނަކީ މީގެ ކުރިންވެސް ގިނިކަންޏާ ކަންކަން ހާސިލް ކުރެއްވި ބޭފުޅެކެވެ. މިއަދު ކުށްވެރިއަކީ މަނިކުފާނު އެކަނި ކަމުގައި އެންމެން ހަދައިފިއެވެ. އެއްގޮތަކަށްވެސް ފަހަތަށް ޖެހިވަޑައި ނުގަންނަވާށެވެ. ވީކަމެއް ވެ ނިމުނީއެވެ. އަޅުގަނޑަށް ދެންނެވޭނީ “ވަޓްސް ޑަން އިޒް ޑަން” އެވެ. އާ ފެށުމަކުން ފައްޓަވާށެވެ. މަނިކުފާނު އެކަނި ކަނޑުގެ އަޑިއަށް ޣަރަގު ވަންޏާ ދެން ތިބި އެންމެންނާއި އެއްކޮށް ޣަރަގު ވެވަޑައިގަންނަވާށެވެ. އެހެން ނުވަންޏާ ރައްޔިތުން މަނިކުފާނަށް ހިކިފަސްތަނެއް ދައްކާނެ ދުވަހެއް އަދި އަންނާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: