ހ.ތިލަފުށީ ގުދަނުގައި ގުދަން ކޮށްފައި ހުރި ކެމިކަލްތަކަކީ ހުއްދަ ހޯދައިގެން އެތެރެކޮށްފައި ހުރި އެއްޗެހި ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ބުނެފިއެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތުދެއްވަމުން ސްޕްރިޑެންޓް އޮފް ޕޯލިސް އިސްމާއިލް ނަވީން ވިދާޅުވީ، ހ.ތިލަފުށީގޭގައި ކެމިކަލް ގުދަން ކުރުމަށް ޑިފެންސް މިނިސްޓްރީއިން ހުއްދަދީފައިވާ ކަމަށެވެ.
އަލިފާނުގެ ހާދިސާގައި ގުދަނުގެ ކުރިމަތީގައި ހުރި ރަދުވާނިޔާގޭގެ 3 ވަނަ ފްލޯގައި ދިރިިއުޅޭ އައިޝަތު ޝައުނާ މަރުވުމުގެ ކުރިން އާއިލާއާއި ގުޅިކަމަށްވެސް ފުލުހުން މައުލޫމާތު ދިނެވެ. އެގޮތުން އެންމެ ފުރަތަމަ ޝައުނާއާއި އޭނާގެ އާއިލާ ވާހަކަ ދެއްކީ އެރޭ 7:24 ގައި ކަމަށެވެ. އަދި އެންމެ ފަހުން ގުޅުނީ 7:35 ގައި ކަމަށާއި، އޭގެ ފަހުން އެއްވެސް ހަބަރެއް ނުވާކަމަށް އާއިލާގެ ފަރާތުން މައުލޫމާތު ލިބުނު ކަމަށް ނަވީން ވިދާޅުވިއެވެ.
ނަވީން ވިދާޅުވީ ޝައުނާގެ ހަށިގަނޑު ފެނިފައި ވަނީ އެރޭ ގާތްގަނޑަކަށް 11:20 ހާއިރު ކަމަަށެވެ.
ހާދިސާއައި ގުޅިގެން 21 އިމާރާތެއް ބަލާފާސްކޮށްފައިވާނެ ކަމަށް ނަވީން ވިދާޅުވިއެވެ. އެ ހާދިސާގެ ހިތްދަތިކަން ތަހައްމަލުކުރި 20 ފަރާތަކާއި މިހާތަނަށް ސުވާލުކޮށްފައިވާ ކަމަށާއި އަދި މަންޒަރުދުއް 23 މީހަކާއި ސުވާލުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ހާދިސާ ހިނގާދިޔަ ގޮތް ބެލުމަށްޓަކައި 27 ފޫޓޭޖެއް ބަލާފައިވާ ކަން ނަވީން ވަނީ ފާހަގަކުރައްވާފައެވެ.
އެ ގުދަނުގައި 12 ތަފާތު ވައްތަރެއްގެ ކެމިކަލް ވަނީ ރައްކާކޮށްފައެވެ. އޭގެ ތެރޭގައި ލޯންޑްރިންގްއަށް ބޭނުންކުރާ ކެމިކަލްއާއި، ކޫލް ޑިސްއިންފެކްޓް ކުރަން ބޭނުން ކުރާ ކެރމިކަލް އަދި ފްލޯ ކްލީނިންއަށް ބޭނުންކުރާ ކެމިކަލް ހުރި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އަލިފާނުގެ ޙާދިސާގައި ހިނގި ދެވަނަ ގުދަން ކަމުގައިވާ ހ.މާޓިންގޭގައި ހުރީ ފިނޯ ޕްރައިވެޓް ލިމިޓެޑްގެ ގުދަނެކެވެ. އެ ގުދަނުގައި ގުދަންކޮށްފައި ހުރީ މައިގަނޑު ގޮތެއްގައި ތަރުކާރީ އާއި ކުކުޅާއި ކަޓްލަރީސްގެ ގޮތުގައި ބޭނުންކުރާ ސާމާނު ކަމަށް ނަވީން މައުލޫމާތު ދެއްވިއެވެ.
ނަވީން ވިދާޅުވީ މިހާތަނަށް އެއްކުރެވިފައިވާ މައުލޫމާތުގެ އަލީގައި ފުރަތަމަ އަލިފާން ހިފާފައިވަނީ ހ.ތިލަފުށިގޭގަިއ ހުރި ގުދަނުގައެވެ. އެއަށްފަހު މަގުމަތީގައި ހުރި ސައިކަލުތަކުގައި ރޯވި ކަމަށާއި އޭގެ ފަހުން އަލިފާންގަނޑު ހ.ރަދުވާނިއާ ކިޔާ ގެޔަށް ފެތުރި ކައިރީ ވަށައިގެން ހުރި ގެތަކުގައި ރޯވީ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަވީން ވިދާޅުވީ، މިހާދިސާގައި ހަ ގެއެއް މީހުން ނޫޅޭ ވަރަށް ހަލާކުވެފައިވާކަމަށެވެ. އޭގެ އިތުރުން ހަ ގުދަނެއް އެއްކޮށް އަނދާ ހަލާކުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ހާދިސާ ހިނގުމުގައި އެއްވެސް ފަރާތެއްގެ އިހުމާލެއް ނެތް ކަމަށާއި މިއީ ގަސްތުގައި ބަޔަކު ހިންގި އަމަލެއްގެ ގޮތުގައި ބެލެވެން ނެތް ކަމަށް ނަވީން ވިދާޅުވިއެވެ.