މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާ، މާތް ރަސޫލާ އަށް ނިސްބަތްކޮށް ފުރައްސާރަކޮށްފައި ވާތީ އަދާލަތު ޕާޓީއިން އެކަން ކުށްވެރިކޮށްފިއެވެ.
އަދާލަތު ޕާޓީއިން ނެރުނު ބަޔާނުގައި ބުނީ، އެމްޑީއެން އިން ކުރި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަަށެވެ.
އެ ޕާޓީ އިން ބުނީ އެ ރިޕޯޓަކީ 2015 ވަނަ އަހަރު އާންމު ކުރެވި، އަދި އޭގެ ފަހުން 2019 ވަނަ އަހަރު ބައެއް އިސްލާހުތަކާއި އެކު އަނބުރާ އާންމުކޮށްފައިވާ ރިޕޯޓަކެވެ. އަދި ރާއްޖޭގެ ހާލަތުކަމަށް ސިފަކޮށް ބައިނަލްއަޤުވާމީ ފަރާތްތަކަށް އެ ރޕޯޓް ހިއްސާކުރުމުން ދިވެހިންގެ މެދުގައި އިންތިހާޔަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާތީ ދައުލަތުގެ ކަމާއިބެހޭ މުއައްސަސާތަކުން ވީހާވެސް އަވަހަކަށް ފިޔަވަޅު އެޅުމަށް ގޮވާލާ ކަމަށެވެ.
މީގެއިތުރުން އެއީ ރާއްޖޭގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 94/6 ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2003/1 ޖަމްޢިއްޔާތަކާ ބެހޭ ޤާނޫނުގެ 19 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 20 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 9/2014 ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 617 ވަނަ މާއްދާގެ (ށ) ގެ ދަށުން މަނާކުރެވިފައިވާ ކުށަކަށް ވާތީ އެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގާ ދައުވާ އުފުލަންޖެހޭ ފަރާތްތަކާމެދު ދައުވާއުފުލުމަށް ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކަށް އަދާލަތުން ގޮވާލިއެވެ.
ޖަމްއިއްޔާއެއްގެ ޝަޚުސުގައި އިސްލާމް ދީނަށް ތައުހީނު ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ދެވިގެން ނުވާނެކަމަށް އެ ޕާޓީ އިން ދެކޭ ކަމަށްވެސް ބުނެފައިވެއެވެ.
މީގެއިތުރުން ރިޕޯޓުގައި ރާއްޖޭގެ ދީނީ ޢިލްމުވެރިން ހިމެނޭގޮތުން ބައެއް އާންމުންނާއި މެދު ދީނީ ޚިލާފުތަކުގެ މައްޗަށް ބިނާކޮށް، އެކަށީގެންވާ ދިރާސާކުރުމެއްނެތި އަދި ދައުލަތުގެ ރަސްމީ އިދާރާއެއްގެ ބަހެއްވެސް ނެތި، ނަފުރަތާއި ރުޅިވެރިކަން އުފެދެން މަގުފަހިވާ ފަދަ ބަޔާންތައް ހިމަނާފައިވާކަން ފާހަގަކުރެވޭތީ އެމައްސަލަ ވެސް ބަލަން ޖެހޭނެ ކަމަށެވެ.
އަދާލަތު ޕާޓީގެ އެ ރިޕޯޓްގައި ވަނީ އިސްލާމްދީނާ ގުޅުންހުރި އެއްވެސްކަމަކަށް ފުރައްސާރަ އާއި އިހާނެތިބަސް ރައްދުވާނެހެން ވާހަކަދައްކާ، ލިޔެ އަދި އެފަދަ މައުލޫމާތު އާންމުކޮށް، ފަތުރާ ނުހެދުމަށް އިލްތިމާސްކޮށްފައެވެ. އެމްޑީއެން އިން ނެރުނު ރިޕޯޓާއި ގުޅިގެން ދިވެހި ދީނީ އިލުމުވެރިންވެސް ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށް ވާހަކަ ދައްކާފައެވެ.