އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަބްދުﷲ އަރީފާ މެދު އަޅާ ފިޔަވަޅެއްގެ ގޮތުން އެ ތިން ބޭފުޅުންނަށް ނަސޭހަތް ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން މި ނިންމުން ނިންމީ އަނގާރަ ދުވަހު ބޭއްވި އެ ކޮމިޝަންގެ އާންމު ބައްދަލްވުމުގައެވެ. އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަރީފާ ބެހޭގޮތުން ޖޭއެސްސީން ބެލި މައްސަލައެއްގައި އެ ތިން ބޭފުޅުންނަށް ނަސޭހަތްތެރިވުމަށް ތަހުގީގު ކޮމެޓީން މީގެ ކުރިންވެސް ވަނީ ހުށަހަޅާފައެވެ. އަދި އެ ނިންމުން ކޮމިޝަނަށް ހުށަހެޅުމުން އެ ނިންމުމަށް ޖަވާބުދާރީވުމަށް އެ ތިން ބޭފުޅުންނަށް ފުރުސަތު ވަނީ ދީފައެވެ.
ބައްދަލުވުމާއި ގުޅޭގޮތުންނާއި، ކޮމިޝަންގެ ނިންމުންތަކާއި ގުޅޭގޮތުން ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޖަވާބުދާރީވުމަށް އެ ތިން ބޭފުޅުންނަށް ވެސް ފުރުސަތު ދެއްވުމަށް ފަހު ތަހުގީގު ކޮޮމެޓީގެ ނިންމުމުގައިވާ ގޮތަށް ތައުދީބީ ފިޔަވަޅެއްގެ ގޮތުން އެ ބޭފުޅުންނަށް ނަސޭހަތްތެރިވުމަށް ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ފިޔަވަޅު އެޅީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ޖޭއެސްސީން ހާމަކޮށްފައި ނުވެއެވެ.
މީގެ އިތުރުން ގއ.ކޮނޑޭ ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އިބްރާހިމާއި ގުޅޭގޮތުން ބެލި މައްސަލައެއްގައި އޭނާ އަށް ނަސޭހަތްތެރިވުމަށް ތަހުގީގު ކޮމެޓީން ނިންމި ނިންމުމާ އެގޮތަށް ފިޔަވަޅު އަޅަން ޖޭއެސްސީއިން ވަނީ ނިންމާފައެވެ. ކޮމިޝަނުން ވަނީ އިތުރު ތިން ފަނޑިޔާރަކާ ގުޅޭގޮތުން ހުށަހެޅިފައި ހުރި މައްސަލަތަކެއްވެސް ބަލަން ނިންމައި، ތަހުގީގު ކޮމެޓީއެއް އެކަމަށް އެކުލަވާލާފައެވެ. އެއީ ބ.އޭދަފުށީ ކޯޓުގެ މެޖިސްޓްރޭޓް އުއްމު ކުލްސުމް އަބޫބަކުރުގެ މައްސަލަ އަކާއި ގއ.ގެމަނަފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް އިބްރާހިމް މުނީރުގެ މައްސަލައެއްގެ އިތުރުން ސިވިލް ކޯޓުގެ ގާޒީ އަބްދުއްނާސިރު ޝަފީގާ ގުޅޭ މައްސަލައެއް ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.