ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ހިންގުމުގެ އިތުރު ބާރެއް ރައީސް ސާލިހު އަތްޕުޅުން ރައީސް ނަޝީދު ދަމައިގެންފި!

މަޖިލިސް ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު: ފޮޓޯ ޓުވިޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުން ހުށައަޅާ ބިލްގެ ދެލި ކޮޕީ ތައްޔާރު ކުރުުމުގެ ގާނޫނީ ޒިންމާ އޮންނަނީ އެޓަރނީ ޖެނެރަލް އޮފީހަށެވެ. ސަރުކާރުން މަޖިލީހަށް ފޮނުވަން ނިންމާފައިވާ ބިލްތައް މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީތަކުން ޑްރާފްޓް ކުރުމުގެ މަސައްކަތްތަކެއް ކުރަން ފެށުމާ އެކު، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ ސީދާ ނުރުހުން މަޖިލީހަށް އަމާޒުކޮށް ވިދާޅުވީ މަޖިލީހަށް ސަރުކާރުން ހުށަހަޅާ ބިލްތަކަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އެކަންކަން ތަންފީޒިކުރާނެ ހަމަތައް ބަޔާންކުރާ އެއް ވަސީލަތް ކަމުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިއްޔެގެ ޖަލްސާގައި ވިދާޅުވީ ސަރުކާރުން އަދި އެމްޑީޕީއިން މަޖިލީހަށް ހުށަހަޅަން ނިންމާފައިވަނީ އެއް ބިލުތަކެއް ކަމަށެވެ. މަޖިލީހުގެ މި ދައުރުގައި އެމްޑީޕީއިން 20 ބިލެއް އަދި ސަރުކާރުން 34 ބިލެއް ހުށަހަޅާނެ ކަން މަޖިލީހަށް އަންގާފައިވާނެ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ހުށަހަޅާ ބިލުތައް މަޖިލީހުން ޑްރާފްޓް ކުރަން ފެށުމުން ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފަށްވެސް ހިމޭނުން ހުންނަވަން ދަތިފުޅުވިއެވެ. މިނިސްޓަރ މަހުލޫފު ވިދާޅުވީ ސަރުކާރުން ހުށަހަޅާ ބިލްތައް ޑްރާފްޓް ކުރާނީ ސަރުކާރުން ކަމަށާއި އެކަން ކުރާނީ އެޓަރނީ ޖެނެރަލް އޮފީހުން ކަމަަށެވެ. ކަން އޮތީވެސް އެހެންނެވެ.

ރައީސް ނަޝީދު ގޮތް ދޫނުކުރައްވައި މިއަދުގެ ޖަލްސާގައި ވިދާޅުވީ ގާނޫނުތައް ހެދުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތެއް މަޖިލީހުގެ ތެރެއިން ކުރުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށާއި އެއީ ގާނޫނު އަސާސީއިން މަޖިލީހަށް ލިބިދީފައިވާ ބާރެއް ކަމުގައެވެ.

“މަޖިލީހުގެ ގަވާއިދުގައި ސިޔާސީ ޕާޓީތަކަށް ބިލު ހުށައެޅޭ، އަދި ހުށައެޅުމުގެ މަސައްކަތް މި މަޖިލީހުގައި ހިންގޭ. ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް މިއީ ގާނޫނު ހަދާ މަޖިލިސް ކަމާއި މި މަޖަލީހުން ގާނޫނު ހެދުމުގެ އެންމެހާ ކަންކަން ކުރެވޭނެކަމަށް، ކުރަންޖެހޭނެކަމަށް ވަރަށް ސާފު އިބާރާތުން ބަޔާންކޮށްފައިވޭ.” ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ އިދާރާއަށް ކަމެއް ހުށައެޅުމުން ދެންއޮންނަ އިޖުރާއަތަކީ އެ މައްސަލައެއް ކަމާ ގުޅޭ ކޮމެޓީއަކަށް ފޮނުވުންކަން ފާހަގަކަ ކުރައްވައި ރައިސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޕީޖީ ލީޑަަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެޕާޓީގެ ފާރާތުން މަޖިލީހަށް ހުށައަޅާ ބިލުތަކަކީ އެކި އެކި ކަންކަމާ ގުލޭ ބިލްތައް ކަމަށްވުމުން އެ ބިލްތައް ޚާއްސަވެގެންދަނީވެސް އެކި އެކި ކޮމެޓީތަކަށް ކަމަށެވެ.

އެމްޑީޕީގެ ފަރާތުން މެމްބަރު އަލީ އާޒިމް ހުށައެޅުއްވި ބިލުތަކުގެ ތެރެއިން މަޖިލިސްގެ ގަވާއިދު ތަން ނުދޭ 2 ބިލެއް އޮތްކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އެއީ އާންމދަނީ އިން ޓެކްސް ނެގުމުގެ ބިލާއި ވަޒީފާ ހޯދާ ފަރާތްތަކަށް ދޭ އިނާޔަތް ދިނުމުގެ ބިލުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އެއީ މާލީ ދެ ބިލް ކަމަށް ވުމުން މަޖިލީހުގެ ގަވާއިދު ބުނާގޮތުން އެއީ ސަރުކާރުން ހުށައަޅަންޖެހޭ ދެ ބިލު ކަމަށެވެ.

ރައީސް ނަޝީދު ރިޔާސަތުގައި ހުންނަވައިގެން އިތުރަށް ވާހަކަ ދައްކަވަމުންގޮސް ދެން ވިދާޅުވީ ވަރަށް އަންތަރީސް ވާ ކަހަލަ ވާހަކަފުޅުތަކެކެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ހުށައަޅާ ބިލު ހުށައަޅާނީ “ސަރުކާރު ގެ މަޖިލީހުގެ މެމްބަރު” ކަމަށެވެ.

“މަޖިލީހުގެ ސަރުކާރުގެ މެމްބަރުންނަކީ ރައީސުލް ޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީގެ މެމްބަރުން. ހަމަ އެޕާޓީއިން މި ހުށައަޅަނީ މިދެންނެވި 18 ބިލުވެސް. އެ ޕާޓީގެ މެމްބަރުން. މި، މަޖިލީހުގެ މި ނިޒާމުގައި އަޅުގަނޑުމެން ސަމާލުވާން ޖެހޭނީ، މަޖިލީހުގެ އަޣްލަބިއްޔަތެއް އެއް ޕާޓީއަކަށް ލިބިމެ، ދެން އެ އަޣްލަބިއްޔަތެއް ހިންގަންޖެހޭ އެޖެންޑާ އެއް އެ އެޖެންޑާއެއްގެ މައްޗަށް، ނުވަތަ އެ ވައުދުތަކެއްގެ މައްޗަށް އެ މަޖިލީހަކަށް މެމްބަރުން އިންތިޚާބުވެފައި ތިބޭނީ.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެގޮތަށް މެމްބަރުން އިންތިޚާބުވެފައި ތިބޭއިރު އެހެން ޕާޓީއެއްގެ ރައީސުލްޖުމްހޫރިއްޔާއެއް ހުންނަވާކަމުގައި ވާނަމަ އަދި އެ އަޣުލަބިއްޔަތު އޮތް މަޖިލިސް މެމްބަރުންނަށް ސިޔާސީ ޕާޓީތަކުގެ ބިލު ހުށަނޭޅޭ ކަމަށް ވަންޏާ ވައުދު ފުއްދުމުގައި ގާނޫނުތައް ހެދުމަށް އުނދަގޫވާނެކަމަށެވެ.

“ސިޔާސީ ޕާޓީތަކަށް ބިލު ހުށައެޅޭގޮތަށް ގަވާއިދު ބަދަލުވެފައި އެވަނީ މިދެންނެވި ބޮޑު ފުށުއެރުން ފޫބެއްދުމުގެ ބޭނުމުގައި.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ދެން ރައީސް ނަޝީދު ވިދާޅުވި އެންމެ މުހިންމު ވާހަކަ އެމަނިކުފާނު ވިދާޅުވިގޮތަށް ހިއްސާކޮށްލާނަމެވެ.

“މިހާރު އާ ގަވާއިދުގައި އަޣްލަބިއްޔަތު އޮންނަ ޕާޓީއަކަށް ބިލު ހުށައެޅޭނެ، އެ ޕާޓީއަކަށް ހުރަސްއެޅުމަށް ސަރުކާރު އެހެން ގޮތަކަށް އޮތްކަމުގައި ވިޔަސް ވެސްް” ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެން ދޭހަވެގެން ދަނީ ކޮންމެއްތޯއެވެ؟ ރައީސް ނަޝީދު ވިދާޅުވާ ގޮތުން ނަމަ މަޖިލީހުގެ ކޮމިޓީތަކުން ކުރިއަށް ގެންދަނީ އެމްޑީޕީގެ އެޖެންޑާ 19 އިގެ ދަށުން ހުށަހަޅަން ނިންމާފައިވާ ބިލުތަކުގެ މަސައްކަތްތަކެވެ. އަދި އެމަނިކުފާނު ދެކެވަޑައިގަންވާ ގޮތުން ރައީސް ސާލިހުވެސް ބިލު ހުށަހަޅުއްވަން ޖެހޭނީ އެމްޑީޕީ މެދުވެރިކޮށެވެ.

ފެންނަމުން މިދަނީ އެމަނިކުފާނު އަބަދުވެސް ރައީސް ސާލިހު އާއި ވަކިވެގަތުމަށް ރައްޔިތުންގެ މަޖިލީހަކީ މުޅިން ވަކި ދައުލަތެއްގެ ގޮތުގައި ހެއްދެވުމަށް މަސައްކަތް ކުރައްވާ މަންޒަރެވެ. އިވެނީ އެ ފަދަ އަޑުތަކެކެވެ. ތިމަން މަނިކުފާނާއި ރައީސް ސާލިހާއި އެއްވެސް މައްސަލައެއް ނެތޭ ވިދާޅުވެ އަމިއްލަ ފުޅަށް އަންބޮނޑިއަށް ބާރުތައް ލެއްވުމަށް މަސައްކަތް ކުރައްވަނީއެވެ.

މާލީ ދެބިލެއް ސަރުކާރު ބޮލަށް ޖަހާފައި އެއީ ސަރުކާރުގެ ބިލޭ ވިދާޅުވާއިރު އެއްކޮޅުން ރައީސުލް ޖުމްހޫރިއްޔާއަކީވެސް ސަރުކާރު ހިންގާ ޕާޓީގެ ބޭފުޅެކެވެ. އެމްޑީޕީ އަސާސީ ގަވާއިދު ބުނާގޮތުން ޕާޓީގެ ރައީސަކީވެސް އޭރެއްގައި ވެރިކަމުގައި ހުންނަވާ ބޭފުޅެކެެވެ.

https://www.facebook.com/icade11/videos/2719556321440672/

މަޖިލިސް މެޖޯރިޓީ އިދިކޮޅަށް އޮތްނަމަ ފަހަރުގައި ރައީސް ނަޝީދު އެ ވިދާޅުވާ ހާލަތް މެދުވެރިވީހެވެ. ރައީސް ސާލިހަކީ އެމްޑީޕީ ބޭފުޅެކެވެ. ސަރުކާރަކީ އެމްޑީޕީއެވެ. މަޖިލިސް މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ. ސަރުކާރުން އޭޖީ އޮފީސް މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަނީ އެމްޑީޕީގެ ވައުދުނާމާ ފުއްދުމަށެވެ. ޕީޕީއެމްގެ ބިލްތަކެއް ނޫނެވެ. ޕީއެންސީގެ ބިލެއްވެސް ނޫނެވެ. ނަޒާހަތްތެރި މަޖިލީހެއް ނަމަ ސަރުކާރުގެ ފަރާތުން ބިލް ހުށައެޅުމުގެ ފުރުސަތު ރައީސް ސާލިހަށް ދޭނެއެވެ.

މިއީ ހަަމަ ޖެހޭ ވާހަކައެއް ނޫނެވެ. ފަހަރުގައި ސަރުކާރު އިދިކޮޅަށް ލިބިފައި މަޖިލިސް މެޖޯރިޓީ އެމްޑީޕީއަށް އޮތް ނަމަ ރައީސް ނަޝީދު ދައްކަވާ ވާހަކަތައް ރައްޔިތުންނަށް ގަބޫލުކުރެވޭނެއެވެ.

2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ރައީސް ނަޝީދު މާލެ ވަޑައިގެންނެވުމުން ރައީސް ސާލިހު އާއި އެމްޑީޕީއިން އެމަނިކުފާނަށް ހޫނު މަރުޚަބާއެއް ދަންނަވަނީ. ރައީސް ސާލިހަކީ ރައީސް ނަޝީދު މިނިވަންކުރުމުގެ އެންމެ ބޮޑު އެއް ހިއްސާދާރު: ފޮޓޯ ޕީއެސްއެމް

ރައީސް ނަޝީދެވެ. ދަންނަވަންތޯއެވެ؟ މަނިކުފާނު ތިޔަ އުޅުއްވަނީ ކިހިނެއް ހައްދަވަންތޯއެވެ؟ ސަރުކާރު ހިންގުމުގެ އިތުރު ބާރެއް ރައީސް ސާލިހު އަތްޕުޅުން ތިޔަ ފޭރިގަންނަވަނީ ރައީސް ސާލިހަކީ ޕީޕީއެމް ކަމަށް ހީފުޅުވެގެންތޯއެވެ؟ ނޫނެވެ. ރައީސް ސާލިހަކީ މިއަދު މަނިކުފާނު މިނިވަންކަމާއެކު މި ރާއްޖެއަށް ވަޑައިގަތުމުގެ މަގު ކޮށްޓަވައިދެއްވި މަނިކުފާނުގެ ޕާޓީގެ ކުރީގެ ޕީޖީ ލީޑަރެވެ. މަނިކުފާނުގެ “ބަޗްބަންކީ ދޯސްތެވެ.” ގައުމުގެ ރައީސެވެ. ތާ އަބަދުމެ ބާރުތައް ނަންގަވައިގެން ވަކިވެގަތުމަށް މަސައްކަތް ކުރައްވަނީ ހަމަ މަނިކުފާނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: