ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ މަޖިލިސް، އަދިވެސް ބަކަރި ކޮށްޓެއް!

ރައްޔިތުންގެ މަޖިލީހުގެ އިދާރާ: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބައެއް ދިވެހިން އަބަދުމެ ގޮވަމުން ދަނީ ތިމަންނަ މެން ބޭނުންވަނީ ތަހްޒީބު ކަމަށެވެ. ގައުމު ތަރައްގީ ކުރަން ކަމަށެވެ. އެހެން ގައުމުތަކާއި އެއް ސަފެއްގައި ފައި ހަމަކުރަން ކަމަށެވެ.

ޝައްކެއް ނެތް ގޮތުގައި ދިވެހިންނަށް އެމީހުން ހިތްޕުޅާވާ ތަރައްގީއާއި ތަހުޒީބް ގެނެސްދެވޭނީ ސަރުކާރަށެވެ. އެކަން އެންމެ ރަނގަޅަށް ކުރެވޭނެ ބަޔަކީ ދައުލަތުގެ ތިން ބާރެވެ.

ސަރުކާރު އަދި ކޯޓްތަކުގެ ވާހަކަތައް ދައްކާކަށް ނެތީމެވެ. އެހެންނަމަވެސް ދައުލަތުގެ އެއް ބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީސް އޮތް ހާލަތާއި މެދު ވިސްނާ ފިކުރު ކުރަން ލަސްވެއްޖެއެވެ.

ފަހަރެއްގައިވެސް އަޅުގަނޑު ދައްކަން މިއުޅެނީ ސިޔާސީ ވާހަކައެއް ނޫނެވެ. ދައްކަން މިއުޅެނީ ގައުމުގެ ރީތި ނަމާއި ކުރިއަށް އަންނަން އޮތް ޖީލްތަކާއި ގުޅޭ ވާހަކައެވެ.

މި ވާހަކަ ދައްކަން މި ޖެހުނީ މިގައުމުގެ އިޖްތިމާއީ ފޭރާން ނުވީދެނީސް ހައްލެއް ލިބުމަށް ދިވެހިން އެދެމުންދާތީއެވެ. އަޅުގަނޑު މިވާހަކަ މި ދައްކަނީ ވަކި ސިޔާސީ ޕާޓީއެއް ނުވަތަ ސިތާސީ ލީޑަރެއްގެ ހައްގުގައެއްވެސް ނޫނެވެ.

މި ވާޙަކަ މިއަދު ދައްކަން މި ޖެހުނީ މި ގައުމުގެ ދެކެ ލޯބިވާ ދިވެހި ރައްޔިތުންގެ ހައްގުގައެވެ. ފުރަތަމަ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ ދައުރުތަކަށް ބަލައިލަމާ ހިނގާށެވެ.

އެ ދައުރުތަކުގެ ބައެއް ޖަލްސާތަކުން ބައެއް ފަހަރު ހީވަނީ މަގުމަތީގައި ތިބޭ އެއްވެސް އުޅުމެއް ނެތް ބަޔަކު ގެނެސް ރާޢްޖޭގެ ގާނޫނު ހަދާ މަޖިލީހަށް ލާފައި ތިބޭހެންނެވެ.

ބައެއް ޖަލްސާތަކުގައި ބަހުސް ހޫނުވެގެން އެއް މެމްބަރު އެނެއް މެމްބަރުގެ މައިބަފައަށް ގޮވާ ހިސާބަށް ވެސް ދެއެވެ. ޒުވާބު ގަނޑު ހޫނު ވެގެން ގޮސް، އެކަކު އެނެކަކުގެ ގަޔަށް ބޮލަށް އަރައި ހިސާބަށް ދެއެވެ.

ޓީވީ ބަލަން އިންނަ މީހަކަށް ކުރިއަށް ދަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެކޭ ހިތަށް ނާރާނެއެވެ. ބައެއް ޖަލްސާތަކުގައި ބައެއް މެމްބަރުންގެ އަމަލާއި ބަސްމަގު ހުންނަ ގޮތުން ހީވާނީ މަސް ވިއްކާ މާރުކޭޓަކަށް ވަދެވިގެން އުޅޭހެންނެވެ.

އެކަކު އަނެކަކަށް އިހްތިރާމް ކޮށް ކަމޭހިތުމުގެ ސިފަ ނުވެސް ނެތީ ކަންނޭގެއެވެ. މެމްބަރަކު ބަހުސް ކުރައްވަން ހުއްޓަށް އުނދަގޫ ކުރީމައި ފެނިގެންދިޔައީ އަނގަޔަށް ފެން އަޅާފައި މޫނު މައްޗަށް ޖެހި މަަންޒަރެވެ.

ފަހަރުގައި މަޖިލީހުގައި ފެންކުޅި ކުޅުނީ ކަމަށްވެސް ވެދާނެއެވެ. ވަކި ޕާޓީއެއްގެ މެމްބަރުން ހިތްޕުޅާ ނުވާ ގަރާރެއް މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފިނަމަ ނުވަތަ ކަމުނުދާ ބިލެއް ފާސްކޮށްފިނަމަ ދެން އެދުވަހެއްގެ ކަންތައް ނިމުނީއެވެ.

އުނދަގޫ ބޮޑުވެގެން އެންމެ ފަހުން މަޖުބޫރު ވެގެން މަޖިލީހުގެ ރައީސްއަށް ޖެހިވަޑައިގަންނަވާނީ ނަން އިއްވާފައި އެ މެމްބަރުން މަޖިލީހުން ބޭރުކުރާށެވެ. އެވަރުންވެސް މައިިތިރި ނުވާނެއެވެ.

އަޅުގަނޑު ބައެއް ފަހަރު ހިތަށްވެސް އަރައެވެ. ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ ރައްޔިތުންނާއި މިދިވެހި ގައުމުގެ ހައްގުގައި މަސައްކަތް ކުރަން ތިއްބެވި މެމްބަރުންނެވެ. ދެން ކޮން ޒުވާބެއްތޯއެވެ؟

ރައްޔިތުންނަށް ފައިދާވާ ގަރާރުތަކާއި ބިލްތަކަށް ރީތިކޮށް އެއްބާރުލުން ނުދެވެންވީ ކިހިނެއްވެގެންތޯއެވެ. ފާހަގަކޮށްލަން ޖެހެއެވެ. ނިމިދިޔަ ދެ ދައުރަކީ އަދި މިހާތަނަށް އަހްލާގީ މިންގަނޑު އެންމެ ބޮޑަށް ކައްސާލި ދެ މަޖިލީހެވެ.

މަޖިލީސް ތެރޭގައި އެވެރިން އުޅުނީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާކަށް ނޫނެވެ. އެވެރިން އުޅުނީ ނާޗަރަންގީ ކުޅޭށެވެ. ފާހަގަކޮށްލަން ޖެހުނީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރި ވިއްސަކަށް މެމްބަރުންވެސް ތިއްބެވި ކަމެވެ. ބާކީ ތިބި މެމްބަރުން ޖެހި ސަކަރާތުގައި ބައިވެރިވެވަޑައިނުގަންނަވާ މަދު މެމްބަރުން ކޮޅެއް ނަމަވެސް އެ ބޭފުޅުންގެ ވާޖިބު އަދާކުރުމުގައި ދެމި ތިއްބެވި ކަން ފާހަގަކޮށްލަމެވެ. ނާޗަރަންގީ ކުޅުއްވި މެމްބަރުން އުޅުއްވީ ގޮނޑި ބޮލަށް ލައިގެން، އެކަކު އަނެކަކުގެ އަބުރާއި އިއްޒަތް ވެއްޔާއި މޮޑުމުގައި ހޭބޯނާރައެެވެ.

ގިނަ ފަހަރަށް މަޖިލީހުގެ ޖަލްސާއެއް ލައިވް ކުރި ނަމަވެސް. ބައެއް މެމްބަރުންގެ އަމަލްތަކާއި ބަސްމަގު ހުންނަ ގޮތުން ގޭގެ ސިޓިންގް ރޫމުގައި ބަލަން ކެރޭ ވަރެެއް ނޫނެވެ. ޅަ ދަރިންނަށް އެ އަޑުތަކާއި މަންޒަރުތަކުން ނޭދެވެ އަސަރު އަހްލާގަށް ކުރާނެތީއެވެ. ޝައްކެތްނެތެވެ. ރައްޔިތުން ތިބީ ދައުުރު ނިމޭނެ އިރެއްގެ އިންތިޒާރުގައެވެ.

މަޖިލިސް ތެރޭގައި ޑްރާމާ ކުޅެ ހުރިހާ ސަކަރާތެއް ނެގި މެމްބަރުން މަޖިލީހުން ބޭރުކުރުމަށެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން ބޭނުންވި މަޖިލީހެވެ.

މަޖިލީސް ކުރިއަށް ދިޔައީ ރޮކެޓް ސްޕީޑްގައެވެ. ރައްޔިތުންގެ ހައްގުގައި އެެތަކެއް ގާނޫނު ތަކަށް އިސްލާހު ގެނެސް، އެތައް ގަރާރު ތަކާއި ބިލްތަކެއް ފާސްކުރެވިގެން ދިޔައެވެ. މަޖިލިސް ކުރިއަށް ދިޔައީ ވަރަށް ރީތި ކޮށް ހަމަހިމޭންކޮށެވެ. ރައްޔިތުންނަށް ނަމޫނާ ދައްކަމުންނެވެ.

އެހެންނަމަވެސް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް ( އެމްޑީއެން) އިން ދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާއި ގުޅިގެން، އެކަން ކުށްވެރިކޮށް މަޖިލީހަށް ހުށަހެޅި ކުއްލި މަައްސަލަ ފާސްކޮށް ބަހުސް ކުރަން ފުރުސަތު ހުޅުވާލުމުން ފެނިގެން ދިޔައީ މުޅިން އެހެން މަންޒަރެކެވެ.

ހީވީ ކޮއްޓެއް ތެރޭގައި ބަންދުކޮށްފައި ހުރި ދޫނިތަކެއް މިނިވަން ކޮށްލިއެވެ. އަދުގެ މަޖިލީހުގައި ތިއްބެވި ބައެއް މެމްބަރުުުންގެ ހަގީގީ ކުލަވެސް ފެނިވަޑައިގެންނެވީ އެހިސާބުންނެވެ. ރައްޔިތުން ތިބީ ބައެއް މެމްބަރުންގެ އަމުލުތައް ހުރިގޮތުން ހައިރާންވެ އަންތަރީސް ވެގެން ގޮސް ސޮނި ވެއްތޭ ހިސާބުގައެވެ. އެއް މެމްބަރު އެނެއް މެމްބަރާއި ބޭއަދަބީ ބަސްތަކުން މުހާތަބު ކޮށް ދެން މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ފެނިގެންދިޔައީ ބޮޑެތި ތުހުމަތުތައް އަޅުވަމުން ދިޔަ މަންޒަރެވެ.

ރައްޔިތުންނާއި މާތްވެގެންވާ އިސްލާމު ދީނުގެ ހައްގުގައި ވަކާލާތު ކުރަން ލިބުމުން ގިނަ މެމްބަރުން ދިޔައީ ސުމަކުންނެވެ. އެއްޖިންސުން ގުޅުން ހިންގާ ކަމަށްބުނެ ގައުމެއްގެ ގާނޫނު ހަދާ މަޖިލީހުގައި ދެކެވިގެން ނުވާނެ އެތައް ވާހަކައެއް ދެއްކިއެވެ. މައްސަލަ ތަކުގައި ހިޔާލު ތަފާތު ވާނެއެވެ.

އެ މައްސަލައެއް ވެސް ނޫނެވެ. އެހެންނަމަވެސް ކޮންމެ ކަމަކަށް ވެސް އިމެއް އޮންނާނެއެވެ. އެންމެ އާދައިގެ މީހާއިން ފެށިގެން ދައުލަތުގެ އިސްވެރިންވެސް އެ އިމުން ބޭރުވުމަކީ މައްސަލައެކެވެ. ހިތާމައިގެ ކޮޅެއް ނެތެވެ. މަޖިލީހުގައި އަޅުގަނޑުމެންގެ ކުރިއަށް އަންނަ އޮތް ޖީލްތަކަށް ނަމޫނާ ދައްކަން ތިބި މީހުން މިފަދައިން އަމަލު ކުރަންޏާ މިގައުމުގެ އިޖްތިމާއީ ފޭރާމަށް ވަނީ ކިހިނެއްތޯއެވެ؟

އަޅުގަނޑުމެންގެ ޅަ ދަރިންނަށް ދޭނީ ކޮން ޖަވާބެއް ތޯއެވެ. ރައްޔިތުންގެ މަޖިލީހަކީ ނާޗަރަންގީ ކުޅެން އޮންނަ ތަނެއް ނޫނެވެ. އެއީ ރައްޔިތުންގެ ހައްގުގައި މަަސައްކަތް ކުރަން ހުންނަ ތަނެކެވެ. ރައްޔިތުންގެ ބައިތުލްމާލުން ބޮޑު މުސާރަ ދީފައި ބައިތިއްބަވަނީ މިގައުމަށް ރަނގަޅު ތަރައްގީއެއް ގެނައުމަށެވެ.

އިއްޒަތްތެރި މެމްބަރުން! މިގައުމު އެދި ގޮވަމުން ދަނީ ތަރައްގީއަށެވެ. ކޮންމެ މަހަކު ބޮޑު މުސާރަ ނަންގަވައިގެން މަޖިލީހަށް ގޮސް ޑްރާމާތައް ކުޅޭކަށް ނޫނެވެ. ރައްޔިތުން ބުނީ ތިޔަ ބޭފުޅުންގެ ކިބައިގަ ޒިންމާ އަދާކުރެވޭހާ ފެންވަރު ނެތް ކަމުގައި ވަނީނަމަ ގޭގައި ތިއްބެވުމަށެވެ.

މިއީ ސިޔާސީ ވާހަކަތަކެއް ވެސް  ނޫނެވެ. މިއީ މިގައުމުގެ ރައްޔިތުން އެދި ގޮވަމުންދާ ކަންތައްތަކެވެ. މިއީ މިގައުމަށް ވަފާތެރި ދިވެހި ދަރިއެއްގެ ހިޔާލާއި އާދޭހެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: