ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އުފައްދާ ސިޔާސީ ޕާޓީ، މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) އުފައްދަން ބާއްވަން ޖެހޭ ފުރަތަމަ އާންމު ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން މިއަދު އެމްއާރްއެމްއަށް ދީފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޓުވިޓެއްގައި ބުނެފައި ވަނީ 3000 މެމްބަރުން ހަމަވުމާއި ގުޅިގެން ޕާޓީ އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ މިއަދު އެ ކޮމިޝަންގެ ފަރާތުން އެމްއާރްއެމްއަށް ދީފައިވާ ކަމަށެވެ. އެގޮތުން އެމްއާރްއެމް އުފެއްދުމަށް ބާއްވާ ގުރަތަމަ އާންމު ޖަލްސާ ބޭއްވުމަށް ނިންމާފައި ވަނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުއެވެ.
https://twitter.com/ElectionsMv/status/1179327069815263234
އެމްއާރްއެމް އުފެއްދުމަށް ބޭނުންވާ 3000 މީޙުން ހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅާފައި ވަނީ މިއަހަރުގެ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ. ނަމަވެސް އެމްއާރްއެމް އުފެއްދުމުގެ މަސައްކަތް މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އަންނަނީ ކުރަމުންނެވެ.
އެެގޮތުން އެމްއާރްއެމް އުފެއްދުމުގެ ހުއްދަ އެންމެ ފުރަތަމަ އިލެކްޝަންސް ކޮމިޝަނުން ދީފައި ވަނީ ހަޔާރ އެޑިއުކޭޝަން މިނިސްޓަރ ޑރ އިބްރާހިމް ހަސަންއަށެވެ. ނަމަވެސް އޭގެ ހަތަރު މަސް ފަހުން އަލުން އަނެއްކާވެސް އެމްއާރްއެމްގެ އުފެއްދުމުގެ ހުއްދައެއް ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫންއަށް އިލެކްޝަންސް ކޮމިޝަބުން ވަނީ ދީފައެވެ. ޔުމްނާއަށް އަލުން ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރުމަސް އީސީން ހުއްދަ ދިނީ ޑރ އިބްރާހިމް ހަސަން އަށް ހުއްދަ ދިން މުއްދަތުގެ ތެތޭގައި ޕާޓީ އުފެއްދުމަށް ބޭނުންވާ 3000 މީޙުން ސޮއި ހަމަކުރުމަށް ފަހު އީސީއަށް ފޯން ހުށަހަޅާފައި ނުވާތީއެވެ.
ސިޔާސީ ޕާޓީގެ ގަވައިދުގައިވާ ގޮތުން ހުއްދަ ދޫކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި ތިން ހާސް މީހުންގެ ސޮޔާއެކު ހުށަހަޅަން ޖެހޭނެ އެވެ. ނޫންނަމަ ހުއްދަ ބާތިލްވާނެ އެވެ.