ދިވެހި ސަރުކާރު ޝާމިލްވާ އެކި އެކި މައްސަލަތައް ކޯޓުން ބޭރުގައި ޙައްލު ކުރުމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކުގައި ގެއްލުމުގެ ބަދަލު ދިނުމުގެ ކުރިން އޮޑިޓް ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ބަންޑާރަނައިބް އިބްރާހިމް ރިފްޢަތު ނެރުއްވި ބަޔާނުގައި ބުނެފައިވާ ގޮތުގައި ކޯޓަށް ނުވަތަ އާބިޓްރޭޝަނަށް ހުށަހެޅިފައިވާ، ދިވެހި ސަރުކާރު ޝާމިލްވާ އެކި އެކި މައްސަލަތަކާއި، ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކާ ޙަވާލުކޮށްގެން ހިންގާފައިވާ އެކި މަޝްރޫޢުތަކާއި އެ މަޝްރޫޢުތަކާ ގުޅޭ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތަކުގެ ތެރެއިން، މާލީގޮތުން ދައުލަތުން ބޮޑު ބުރައެއް އުފުލަންޖެހުމުގެ ފުރުޞަތު އޮތް މައްސަލަތައް ކޯޓުން ބޭރުގައި ޙައްލު ކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް 27 ޖަނަވަރީ 2019 ގައި އެކުލަވާލާފައިވާ ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކުގައި، ގެއްލުމުގެ މިންވަރު ދެނެގަނެ ބަދަލުގެ ގޮތުގައި ލިބެންޖެހޭ މިންވަރު އެކަށައެޅުމަށްޓަކައި، މިނިވަން އޮޑިޓް ފަރމް ޢައްޔަންކުރުމަށް ސަރުކާރުންވަނީ ނިންމާފައެވެ.
ސެޓްލްމަންޓް ކޮމިޓީގެ ބޭނުމަށް ޢައްޔަނުކުރެވޭ އޮޑިޓް ފަރމްތަކުގެ މައިގަނޑު މަސައްކަތަކަށްވާނީ ކޮމިޓީގައި މަޝްވަރާކުރެވޭ މައްސަލަތަކުގައި ގެއްލުމުގެ ބަދަލާ ގުޅޭގޮތުން ހުށަހެޅޭ މާލީ ހިސާބުތަކާއި ލިޔެކިޔުންތައް މުސްތަޤިއްލު ކަމާއެކު އިވޭލުއޭޓްކޮށް، އެ މައްސަލަތަކުގައި ލިބިފައިވާ ގެއްލުމުގެ މިންވަރު ދެނެގަނެ ބަދަލުގެ ގޮތުގައި ލިބެންޖެހޭ މިންވަރު އެކަށައެޅުމުގައި ކޮމިޓީއަށް ލަފާއެރުވުމެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި ކޯޓުން ބޭރުގައި ޙައްލުކުރެވޭ މައްސަލަތަކުގައި މިނިވަން އޮޑިޓް ފަރމްއެއްގެ ލަފާ ހޯދުމުގެ މައިގަނޑު މަޤްޞަދަކީ އެކި އެކި ފަރާތްތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދެވޭ މިންވަރަކީ ޢަދުލުވެރި މިންވަރެއްކަން ޔަޤީންކޮށް، ސަރުކާރުގެ މަޞްލަޙަތު ފުރިހަމަ ގޮތުގައި ހިމާޔަތްކުރުމެވެ.
މި މަސައްކަތް ޙަވާލުކުރުމަށް ނިންމާފައިވަނީ ބީލަމުގެ އުޞޫލުން ކަމަށްވާތީ، މަސައްކަތުގެ ތަފްޞީލު ހިމެނޭ ޓަރމްސް އޮފް ރިފަރެންސް އާއި ބީލަމާ ގުޅޭ ލިޔެކިޔުންތައް އަވަސް ފުރުޞަތެއްގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާޢިއުކުރެވޭނެއެވެ.