އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓެއް ހަދިޔާކުރުމަށް ނިންމައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ މި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓުގެ ސަބަބުން އެމްއެންޑީއެފް ކޯސްޓްގާޑުން ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ހިންގާ އޮޕަރޭޝަންތަކުގައި ސިފައިންގެ ޤާބިލްކަން މިހާރަށްވުރެ އިތުރުވެގެންދާނެކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިނގާފާނެ ކަނޑުމަތީގެ ޤާނޫނާއި ޤަވާއިދާއި ހިލާފު އަމަލުތައް ހުއްޓުވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަންތަކަށް އިތުރު ފުރިހަމަ ކަމެއް ލިބިގެން ދާނެކަމަށެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ހަދިޔާކުރުމަށް ހަމަޖެހިފައިވާ މި އުޅަނދަކީ އިންޑިއާގެ ގޯއާގައި ބަނދެފައިވާ 27 މީޓަރު ދިގުމިނުގެ އުޅަނދެކެވެ. މި އުޅަނދު ރާއްޖެއަށް ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ ފަހުކޮޅުގައެވެ.
އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 16 އޭޕްރީލް 2006 ވަނަ އަހަރު ވަނީ ރާއްޖެއަށް 46 މީޓަރުގެ ކޯސްޓްގާޑް ޝިޕް ހުރަވީވެސް ހަދިޔާކޮށްފައެވެ.