ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮންނަތާ އެއް މަސް ދުވަސް ވެއްޖެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ މަގާމަށް އައްޔަންކުރުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފަޔަށް ހުށަހެޅުއްވި ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދުގެ ނަން ވެސް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖޭއެސްސީން ރައީސަށް ލަފާ އަރުވާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަންކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކުގެ ތެރެއިންނެވެ. އެ ނަންތައް ޖޭއެސްސީން ތަރުތީބުކޮށް ފޮނުވާފައިވާ ނަންތަކުގެ ތެރެއިން ދިޔާނާ އަދި މަހާޒްގެ ނަންފުޅަކީ “ހައިލީ ރެކޮމެންޑް” ނަންތަކެވެ.
މި މައްސަލައާއި ގުޅޭގޮތުން ސަންގުއިން، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ އޭނައަކަށް ވެސް ނަންތައް ނުފޮނުވި ވާ ސަބަބެއް ނޭނގޭ ކަމަށެވެ. ސުޕްރީމް ކޯޓުގެ ބެންޗު އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގައި ކަމަށާއި އެކަމަށް ކިހާވަރެއްގެ ސަމާލުކަމެއް ދެއްވަންތޯ ތަކުރާރުކޮށް ސުވާލު ކުރުމުން ހޫދު ވިދާޅުވީ އޭނާ ޖެހޭނީ އޭގެ ތަފްސީލު “ހޯދާލަން” ކަމަށެވެ.
ނަންތައް ނުފޮނުވާ ސަބަބާއި ގުޅޭގޮތުން އަނެއްކާވެސް ސުވާލު ކުރުމުން ވެސް ހަމަ އެއް ޖަވާބެއް ދެއްވައި ހޫދު ވިދާޅުވީ “ފަހަރެއްގައި އޭގައި ބަލަން ޖެހޭ ކަމެއް” އޮތީ ކަމަށް ވެސް ވެދާނެ ކަމަށެވެ. “ބަލަން ޖެހޭ ކަމެއް” ގެ ވާހަކައިގެ މާނައަކީ ކޮބައިތޯ ސުވާލު ކުރުމުން ހޫދު ވިދާޅުވީ އެއީ “އޭނާއަށް ހީވާ އެއްޗެއް” ކަމަށެވެ.
“ދެން އަޅުގަނޑަކަށް ވެސް ނޭނގެ. ފަހަރެއްގައި ޖެހޭނެ އެގައި ބަލަން ޖެހޭ ކަމެއް އޮތީ ކަމަަށް ވެސް…….. މިއީ އަޅުގަނޑަށް ހަމަ ހީވާ އެއްޗެއް އިނގޭތޯ. ވެދާނެ ހަމަ ކަމެއް ބަލަނީ ކަމަށް ވެސް. ނަމަވެސް، ހަމަ ހީވާ އެއްޗެއް މި ބުނެލީ” ހޫދު ވިދާޅުވިއެވެ
ސުޕްރީމް ކޯޓަށް އާ ފަނޑިޔާރަކު މި އައްޔަން ކުރަނީ އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) މަގާމުން ވަކިކުރުމުން އޭނާގެ ބަދަލުގަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އިތުރު ދެ ބޭފުޅަކު ވަނީ އެ ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވައިފަ އެވެ. އެއީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދެވެ.