ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ހުސްވެފައިވާ ނައިބް ރައީސް ކަމުގެ މަގާމަށް ކުރިމަތި ލުމަށް ވިސްނަަވަމުން ގެންދަވާކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެެވެ.
އެމްޑީޕީގެ ނައިބު ރައީސް ކަމުގެ ދައުރު މިހާރު ވަނީ ހަމަވެ، ހުސްކަމެއް އައިސްފަ އެވެ. އެއާ އެކު ލީޑާޝިޕް މަގާމުތަކަށް ކުރިމަތިލުމަށް އެޕާޓީއިން ވަނީ ހުޅުވާލާފައެވެ.
ނައިބު ރައީސްކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލައްވާކަން ރައިސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝީފާޒުވެސް ވަނީ އިއުލާނު ކުރައްވާފައެވެ.
ނަމަވެސް ޕާޓީގެ ލީޑާޝިޕްއިން ބަދަލެއް ފެންނަން ޖެހޭނެ ކަމަށް ބައެއް ބޭފުޅުން ޝުއޫރުފާޅު ކުރަމުން ގެންދަވަނިކޮށް، އަސްލަމް ނައީބް ރައީސް ކަމުގެ މަގާމަށް ކުރިމަތި ލައްވަން އުޅޭކަމަށް އަޑުތައް ފެތުރިިގެން ދިޔައެެވެ. އަދި ބައެއް އެމްޑީޕީ މެމްބަރުން ވަނީ އަސްލަމްއަށް ކެމްޕެއިންވެސް ފައްޓަވާފައެވެ.
ސޯޝަލް މީޑިއާގައި އެ އަޑުތައް ފެތުރެން ފެށުމުން “ސަންގު” އިން އަސްލަމްއަށް ގުޅާލުމުން ވިދާޅުވީ “އެކަމާ ވިސްނަމުން” އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް އަަސްލަމް ނުދެއްވައެވެ.
ނަވާރަ ވަނަ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް މަޖިލީހުގެ ސާފު އަގުލަބިއްޔަތު އޮތް އެމްޑީޕީގެ ފަރާތުން ހުށަހަޅާނެ ބޭފުޅެއްގެ އަރައިރުން ހޫނުވެ، ގައުމުގެ ޝައުގުވެރިކަން ހުއްޓިގެން ދިޔައީވެސް މިދިޔަ އޭޕްރިލް މަސްތެރޭގައެވެ. އޭރު ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފަށް ރައީސް ސޯލިހު ތާއީދުކުރެއްވިއިރު، ނަޝީދު ކެމްޕެއިން ކުރެއްވީ ހިތަދޫ އިތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަށެވެ.
ނަމެއް ހުށަހެޅުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި، ކެމްޕެއިނުގެ ތެރެއިން އެމްޑީޕީގެ ތެރޭގައި ބައިބައިވުން އުފެދިފައިވާކަމަށް ވިދާޅުވެ އަސްލަމް އޭނާގެ ނަން އަނބުރާ ގެންދެވިއެވެ. އަދި އަފީފް ވެސް އެ ރޭ ކަންތައް ކުރެއްވީ ހަމަ އެ ގޮތަކަށެވެ.
މަޖިލީހުގެ ރައީސްކަމަށް އަސްލަމް، އެމްޑީޕީން ހަމަޖައްސަފާނެ ކަމުގެ އިޝާރާތެއް ވެސް އެންމެ ފުރަތަމަ ދެއްވީ ރައީސް ނަޝީދެވެ. އަދި ބައެއް ބޭފުޅުން ގަބޫލު ކުރައްވާގޮތުން އަސްލަމްއާއި ރައީސް ނަޝީދަކީ ވަރަށް އަރިސް ބޭފުޅުންނެވެ.
އެމްޑީޕީގެ ރައީސްގެ މަގާމާއި ނައިބު ރައީސްގެ މަގާމަށް ބޭފުޅުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބޭނީ އަންނަ ހޮނިހިރު ދުވަހާ ހަމައަށް އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި މީހުނަށް ކަމަށް އެ ޕާޓީން ބުނެއެވެ.
އެންމެ ފަހުން ބޭއްވި ޕާޓީގެ އިންތިހާބުގައި ރައީސް ނަޝީދު އެކަނި ކުރިމަތިލަށްވައިގެން ލިބިވަޑައިގަތީ، 33،709 ވޯޓެވެ. އެ އިންތިހާބުގައި ޖުމްލަ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ، 57،204 މީހުން އެވެ.
އެމްޑީޕީގެ ރައީސްގެ މަގާމާއި އެ ޕާޓީގެ ނައިބު ރައީސްގެ މަގާމު ހުސްވެފައިވާތީ، އެ ދެ މަގާމުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.