ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަފްރާޝީމާއި ރިލްވާނާއި ޔާމީންގެ މަރުގެ މައްސަލައިގައި ދެ މީހަކަށް ދައުވާ ކުރުމަށް އެދި ފޮނުވައިފި

އަފްރާޝީމާއި ރިލްވާނާއި ޔާމީންގެ މަރުގެ މައްސަލައިގައި ދެ މީހަކަށް ދައުވާ ކުރުމަށް އެދި ފޮނުވައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

އަނިޔާވެރިކޮށް ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގައި މަރާލުން އަދި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް މަރުތަކާއި، ގެއްލިފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ރިޔާސީ ކޮމިޝަނުން ދައުވާކޮށް ދިނުމަށް އެދިފައި ވަނީ މުހައްމަދު މަޒީދާއި ސާމިތު މުހައްމަދުގެ މައްޗަށެވެ. ކޮމިޝަނުން ވަނީ މި ދެމީހުންނަކީ ވެސް ހަރުކަށި ފިކުރުގެ މީހުން ކަމަށް ބުނެފައެވެ. މައްސަލަތައް ތަހުގީގު ކުރުމަށްފަހު ކޮމިޝަންގެ ރައީސް، ހުސްނުއް ސުއޫދު ވިދާޅުވީ ތިން މަރުގެ މައްސަލައިގެ ހަގީގަތް އެނގިފައިވާކަމަށެވެ.

ކޮމިޝަންގެ ތަހުގީގު ރިޕޯޓުގައި އެނގުނު ގޮތުގައި އަފްރާޝީމް އަވަހާރަކޮށްލަން ބަޔަކާ ހަވާލުކުރީ ރާއްޖޭގައި ހިންގާ ޖިހާދީ ފިކުރުގެ ޖަމާއަތަކުންނެވެ. އެ ޖަމާއަތް ހިންގަމުން އައީ މަޒީދާއި ސާމިތުއެވެ. އަދި އެ ދެ މީހުންވެސް ރިލްވާން ވަގަށް ނެގުމުގައި ބައިވެރިވެފައިވާކަމަށް ކަމަށް ކޮމިޝަނުން ބުނެ އެވެ.

ޔާމީން ރަޝީދާއި ރިލްވާން މަރާލީ ރާއްޖޭގައި ހިންގާ އަލްގައިދާގެ ގޮތްޕެއްގެ ރޭވުމުގެ ދަށުންނެވެ. އަލްގައިދާ ބްރާންޗުން އޮޕަރޭޝަންތައް ހިންގަނީ އެ ގްރޫޕުން ތަމްރީނު ކުރާ މީހުންގެ ސެލްތައް ބޭނުންކޮށްގެން ކަމަށާއި، ދެ މަރަކީ ވެސް އެފަދަ ސެލްތަކުން ހިންގާފައިވާ އަމަލެއްގެ ގޮތުގައި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން 2014 ވަނަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހު މީހަކު ކަނޑު ފައްތަން އުޅޭކަމުގެ އަޑުތައް ފުލުހުންގެ އިންޓެލިޖެންސްއަށް ލިބިފައިވާކަމަށް ރިޕޯޓުގައި ވެއެވެ. އެހެން ނަމަވެސް، އެކަމާއި މެދު އޭރު ފުލުހުންގެ މުވައްސަސާއިންނާއި، އިންޓެލްގެ ވެރިން އެޅި ފިޔަވަޅެއް ނެތް ކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ރިލްވާން ވަގަށް ނަގައި މަރާލުމަށް ފަހު ކަނޑުފައްތާފައިވާ ކަމަށް، ކޮމިޝަންގެ ތަހުގީގަށް އެނގިފައި ވާއިރު ރިލްވާންގެ ތަހުގީގަށް ހުރަސް އަޅައި، ރިލްވާން ރާއްޖޭން ބޭރަށް ގޮސްފައިވާކަން ދައްކަން ޕާސްޕޯޓެއް ހަދަން ދެ ފުލުހުން ދިޔައީ އޭރުގެ އިމިގްރޭޝަން ކޮންޓްރޯލާ ހަސަން އަލީގެ އަރިހަށް ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ރިޕޯޓުގައި ހެއްކަކާ ހަވާލާދީ ބުނެފައިވާ ގޮތުން، ރިލްވާން ކިޑްނެޕްކޮށް ގެންގޮސް އެރުވީ އއ. އުކުޅަހު ދޯންޏަކަށް ކަމަށް އޭނާ ބުނާ ކަމަށެވެ. އެ ދޯނީގެ ވެރިޔާއަކީ މާވަޑިއާގޭ މުހައްމަދު ރާޝިދެވެ. ރިޕޯޓުގައި ބުނެފައިވާ ގޮތުން އެ ދޯނި ނިސްބަތް ވަނީ، ރިލްވާން މަރާލި ދީނީ ޖަމާއަތަށެވެ.

މަރުތައް ތަހުގީގުކުރާ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ވާގޮތުގައި ޑރ އަފްރާޝީމްގެ މަރުގެ ފަހަތުގައިވަނީ ދީނީ ގޮތުން ޑރ އަފްރާޝީމްއާއި ޚިޔާލުތަފާތު ބައެއްގެ އަތެވެ. އަދި އެ ހަމަލާ ރޭވީ މާލޭގައި ކުށުގެ އަމަލުތައް ހިންގަމުން ދިޔަ އަޒްލީފް ރައޫފެވެ. އަދި އޭނާއާއި އެކަން ހަވާލުކުރީ ދީނީގޮތުން އަފްރާޝީމާ ޚިޔާލުތަފާތު ބައެއްކަން ރިޕޯޓުގައި ހާމަކޮށްފައި ވެއެވެ.

2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުގެ ދަންވަރު ޑރ. އަފްރާޝީމް މަރާލުމަށްފަހު ޖިހާދީ ފިކުރުގެ ޖަމާއަތުން ތަމްރީނުކޮށް، އެ ޖަމާއަތުން މާލޭގައި ހިންގާފައިވާ އެކި އެކި ހަރަކާތްތަކުގައި ބައިވެރިވެފައިވާ މީހުން އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުގެ ހެނދުނު މާލެއިން ގަތަރަށް ފުރި ފްލައިޓުން ސީރިއާއާއި ސޫދާނަށް ފުރާފައިވާކަމަށް ކޮމިޝަންގެ ރިޕޯޓުގައި ވެއެވެ.

ކޮމިޝަނުން، ކުރިޔަށް ގެންދިޔަ ތަހުގީގަށްފަހު މިއީ ރިޔާސީ ކޮމިޝަނުން ބައެއްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވި ފުރަތަމަ މައްސަލަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: