ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2019: އިދިކޮޅު ބޮޑުތަނުން ބަލިކޮށް މަޖިލީހުގެ ތަހުތަށް ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

2019 ވަނަ އަހަރު ވެގެން ގޮސްފައިވަނީ ރާއްޖޭގ ސިޔާސީ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް އައި އަހަރަކަށެވެ. 2019 ދިވެހިންނާއި ކުރިމަތިލީ 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް މަރުޚަބާ ކިޔަމުންނެވެ. އަހަރުގެ ކުރީކޮޅު ވެގެން ދިޔައީ ސިޔާސީ ފޯރިގަދަ ދުވަސް ވަރަކަށެވެ. ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން މަޝްރަހު އެންމެ ހޫނު ވެގެން ދިޔައީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އެކައުންޓުތައް ފްރީޒްކުރުމާއި، އެމަނިކުފާނު ޖަލަށް ލުމުންނެވެ. ސިޔާސީ ފޯރީގެ ތެރެއަށް ޖަޒުބާތީ ކުޅިގަނޑެއް ފެށުނެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހަށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ އެމްޑީޕީން ނިކުތީ “އެޖެންޑާ 19” ސްލޯގަންއާއެކުގައެވެ. އެޖެންޑާ 19 ގެ ދަށުން ހުރިހާ ދާއިރާއަކަށް އެމްޑީޕީން ވާދަކުރުމަށް 2018 ވަނަ އަހަރުގެ ނޮވެމްބަރު 24ވަނަ ދުވަހު ނިންމާފައިވާތީވެ، އެ ޕާޓީން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ މަޖިލިސް ޕްރައިމަރީ ބާއްވާފައިވަނީ، 18 ޖެނުއަރީ 2019 ވަނަ ދުވަހުއެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް އެމްޑީޕީގެ އެކި ދާއިރާތަކުގައި ވާދަކުރެއްވި ބޭފުޅުންނަށް ބަލާލާއިރު، ފާހަގަކޮށްލެވޭ ވަރުގަދަ ސިޔާސީ ބޭފުޅުން ހިމެނެއެވެ. އެގޮތުން އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އިވާ ޢަބްދުﷲ އާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއާއި، މެދު ހެންވެއިރު ދާއިރާގެ މެންބަރު އަލީ އާޒިމް އާއި، އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަޠީފުއާއި، އެ ޕާޓީގެ ނައިބު ޗެއަރޕާސަން އަޙްމަދު ޢަބްދުﷲ އާއި، ނައިބު ޗެއަރޕާސަން ޢަލީ ނިޔާޒުގެ އިތުރުންވެސް ވަރަށް ގިނަ މެންބަރުން ވާދަކުރެއްވިއެވެ. 

18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވިއިރު 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ވާދަކުރެއްވިއެވެ. ނަން މަޝްހޫރި ބައެއް ބޭފުޅުން ޕްރައިމަރީ ކާމިޔާބު ކުރެއްވިއިރު ބައެއް ބޭފުޅުންނަށް އެމްޑީޕީގެ ޕްރައިމަރީ ނާކާމިޔާބުވިއެވެ. އެމްޑީޕީގެ ޕްރައިމަރީ ނާކާމިޔާބުވި ބައެއް ބޭފުޅުންގެ ތެރޭގައި، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޢަލީ ނިޒާރުއާއި، ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އާއި، ޢަބަދުﷲ ޖާބިރު، އަދި ޖާބިރުގެ އަނބިކަބަލުން ދިޔާނާ ސައީދުވެސް ހިމެނެއެވެ.

null

ޕީޕީއެމްއިން މަޖިލިސް އިންތިޚާބަށް ތައްޔާރުވީ ފޯރިއާއެކުގައެވެ. ޕްރައިމަރީއަށް ވާދަކުރުމަށް ހުޅުވާލި ނަމަވެސް ގިނަ ޓިކެޓްތައް ދިނީ ހިބައިންނެވެ. ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު އިސްވެ ހުންނަވައިގެން ޓިކެޓްތައް ބައްސަވަމުން ގެންދެވިއެވެ. އެގޮތުން ޕީޕީއެމް ގެ ލީޑަރޝިޕްގައި އިސްކޮށް ޚަރަކާތްތެރިވި ގިނަ ބޭފުޅުންނަށް ޓިކެޓް ލިބުނުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޢަބްދުއްރަހީމު ޢަބްދުﷲ އަށް ފޮނަދޫ ދާއިރާގެ ޓިކެޓް ހިބައިން ލިބުނު އިރު، ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް، ރައީސް ޔާމީން ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު، ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު، އެމްޑަބްލިއު އެސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒޫލު ރަޝީދުގެ އިތުރުންވެސް މުހިންމު ބޭފުޅުންނަށް ޓިކެޓް އެރުވިއެވެ. ބާރަށު ދާއިރާއަށް އިބްރާހިމް ޝުޖާއުއަށް ޓިކެޓު ލިބުނުއިރު ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކު ވާދަކުރީ ތިނަދޫ ގޮޑިއަކަށެވެ.

މަޖިލިސް އިންތިޚާބަށް ތައްޔާރުވެ ކެމްޕެއިން ފަށާފައިވަނިކޮށް، އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ޖަލުބަންދަށް ބަދަލުކުރިއެވެ. ކޯޓު އަމުރެއްގެ ދަށުން އެމަނިކުފާނު ހައްޔަރުކުރުމަށްފަހު ކޯޓު އަމުރެއްގެ ދަށުން އެ މަނިކުފާނުގެ އެކައުންޓުތައް ފްރީޒުކުރިއެވެ. އަދި ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޟިރުކޮށް ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ.

ފޮޓޯ: ވަން އޮންލައިން

މަޖިލިސް އިންތިޚާބުގައި ޖުމްހޫރީ ޕާޓީންވެސް ވަނީ ގިނަ ދާއިރާތަކަށް ވާދަކޮށްފައެވެ. ސަރުކާރު ކޯލިޝަން ޕާޓްނަރެއް ނަމަވެސް އެމްޑީޕީން ވަނީ މަޖިލިސް އިންތިޚާބުގައި ޖޭޕީއާއި އަދި އެނޫންވެސް ޕާޓީއަކާއި ކޯލިޝަން ނުހެދުމަށް ނިންމާފައެވެ. ޖުމްހޫރީ ޕާޓީންވެސް ޓީކެޓް ދިނުމުގައި އުސޫލެއް ހަދާ ޓީކެޓް ގިނަ ބޭފުޅުންނަށް އެރުވިއެވެ. އެގޮތުން ފާހަގަކޮށްލެވޭ ބޭފުޅުންނަށް ބަލާއިރު، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް މާމިގިލީ ދާއިރާއަށް ، އަދި އެމަނިކުފާނުގެ އެޑްވައިޒަރު ކުރީގެ ޑިފެންސް މިނިސްޓަރު ދަގެތި ދާއިރާއަށް، ކުރީގެ ސީޕީ އަދި ކިބިނދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވަނީ ތިމަރަފުށި ދާއިރާއަށް ވާދަކުރެއްވުމަށް ޓިކެޓް ހިބަކޮށްދެއްވިއެވެ. އޭގެ އިތުރުން، ބައެއް ބޭފުޅުންނަށް ބަލާއިރު، ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން، ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްޚާން ފަހުމީ، ކުރީގެ އެކްޓިން ސީޕީ ޢަބްދުﷲ ނަވާޒު އަދިވެސް ބައެއް ބޭފުޅުންނަށް ޓިކެޓް އެރުވިއެވެ.

އިންތިޚާބު ގާތްވެފައިވަނިކޮށް ޖުމްހޫރީ ޕާޓީއާއި އިދިކޮޅު ކޯލިޝަނުން، އެކުގައި މަސައްކަތް ކުރަން ނިންމިކަން އިއުލާނުކޮށް ބައެއް ދާއިރާތަކުން ދޫކޮށްފައިވާ ޓިކެޓް އަތުލިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވުނު އެއް ދާއިރާއަކީ ގެމަނަފުށު ދާއިރާގެ ޓިކެޓް ދީފައިވާ ޕީޕީއެމްގެ އިސްސަފުގައި މަސައްކަތްކުރައްވާ ޖަމީލު އުސްމާނުގެ ޓިކެޓްވެސް ޕީޕީއެމްއިން ވަނީ އަތުލާފައެވެ. ނަމަވެސް ޕީޕީއެމްއާއެކުގައި ގުޅިގެން މަޖިލިސް އިންތިޚާބުގައި ވާދަކުރި ކަމެއް ޖުމްހޫރީޕާޓީން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބު ވެއްޖެނަމަ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ޤާނޫނުގައި ލިޔެފައިވާ މާއްދާ ބާޠިލުކުރުމަށް ޢަބްދުﷲ ޖާބިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން ވަނީ އެ މާއްދާއަކީ ޤާނޫނު އަސާސީއާއި ޚިލާފު މާއްދާއެއް ކަމަށް ކަނޑައަޅާ އެ މާއްދާ ބާޠިލުކޮށްފައެވެ.

ފޮޓޯ: ޕީއެސްއެމް

ރައްޔިތުންގެ މަޖިލިސް އިންތިޚާބު އޮތީ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ. މަޖިލިސް އިންތިޚާބުގައި 87 ދާއިރާއަކަށް ވާދަކުރުމަށް 407 މީހުން ފޯމް ހުށަހެޅިއެވެ. އެކަމަކު އަށް މީހެއްގެ ކެންޑިޑެސީ އީސީން ގަބޫލުނުކުރެއެވެ. އަދި 16 ފަރާތަކުން ވަނީ ނަން އަބުރާ ގެންގޮސްފައެވެ.

އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން 86 ދާއިޜާއަކަށް ވަނީ ވާދަކޮށްފައެވެ. ޖުމްހޫރީ ޕާޓީން 41 ދާއިރާއަކަށް ކުރިމަތިލިއެވެ. ޕީޕީއެމްއިން 26 އަދި ޕީއެންސީން ވަނީ 23 ކެންޑިޑޭޓުން ނެރެފައެވެ. މޯލްޑިވްސް ލޭބަރ އެންޑު ޝޯޝަލް ޑިމޮކްރަޓިކް ޕާޓީން 11 ގޮޑިއަށް ވާދަކުރިއިރު، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކް އިން 8 ކެންޑިޑޭޓުން ވާދަކުރިއެވެ. އަދި މޯލްޑިވްސް ޑިވޮލޮޕްމެންޓް އެލަޔަންސުންވެސް 8 ކެންޑިޑޭޓުން ވާދަކުރިއެވެ. އަދާލަތު ޕާޓީން 9 ކެންޑިޑޭޓުން ވާދަކުރިއިރު ދިވެހި ރައްޔިތުންގެ ޕާޓީން 5 ދާއިރާއަކަށް ވާދަކުރިއެވެ. އަދި އަމިއްލަ ގޮތުން 190 ކެންޑިޑޭޓުން ވަނީ ވާދަކޮށްފައެވެ.

މަޖިލިސް އިންތިޚާބު ގައި ރައްޔިތުންގެ ފުރިހަމަ ތާޢީދާއެކު އެމްޑީޕީއަށް ވަނީ ސުޕަރ މެޖޯރިޓީ ލިބިފައެވެ. އެގޮތުން، 65 ދާއިރާއެއް އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ. ޕީޕީއެމްއަށް ކާމިޔާބު ކުރެވުނީ 5 ގޮނޑިއެވެ. ޕީއެންސީއަށް 3 ގޮޑި ކާމިޔާބު ކުރެވުނުއިރު ޖުމްހޫރީ ޕާޓީއަށް ކާމިޔާބު ކުރެވުނީވެސް 5 ގޮނޑިއެވެ. އެމްޑީއޭއަށް ދެ ގޮނޑި ކާމިޔާބު ވިއިރު އަމިއްލަގޮތުން ވާދަކުރެއްވި 7 ކެންޑިޑޭޓަކު ވަނީ މަޖިލީހުގެ ގޮޑިތައް ކަށވަރުކޮށްފައެވެ.

މަޖިލިސް އިންތިޚާބުގައި އެމްޑީޕީން 65 ގޮޑި ކާމިޔާބު ކުރިއިރު ސިޔާސީ މައިދާނުގައި ހަރުބަސް ބުނެ، ބަސްކިޔާ ގޮތް ނިންމަން ތިބި ގިނަ ބައެއް ވަނީ ފެއިލްވެފައެވެ. އެގޮތުން ފޮނަދޫ ދާއިރާއިން ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ)އަށް ވަނީ ނޫނެކޭ ބުނެފައެވެ. އުފަން ރަށް ތިނަދޫއިން ވަނީ ނިހާނަށް ނޫނެކޭ ބުނެފައެވެ. ޢަލީ އާރިފު، ޢަބްދުﷲ ޚަލީލު، އައްސަދު، މުޙައްމަދު އިސްމާޢިލް، އިބްރާޙިމް ދީދީ (އައިބީ) އަދިވެސް ވަރަށް ގިނަ ބަޔަކަށް ވަނީ އިންތިޚާބުގައި ނާކާމިޔާބާއި ކުރިމަތިލާން ޖެހިފައެވެ.

ސުޕަރ މެޖޯރިޓީއާއެކު މަޖިލީހުގެ ރައީސްކަމަށް އެމްޑީޕީގެ ތެރެއިން ރައީސް ނަޝީދު ވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމްގެ ނަން ހުށަހަޅުއްވާފައެވެ. އަދި އަސްލަމަށް ތާޢީދުކުރައްވާކަން އިއުލާނުކުރެއްވިއެވެ. އަސްލަމް މަޖިލީހުގެ ރައީސް ކެމްޕެއިން ފެށުމާއެކު އެ މަޤާމަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފުވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ޕީޖީ ގުރޫޕުގެ ތެރޭގައު ފޯރި ގަދަވެ، އެއްބަޔަކު އަނެއްބަޔަކަށް ތާޢީދު ކުރައްވާ ފަރާތް އިއުލާނުކުރަމުން ގޮސް ޕާޓީގެ މަސްލަހަތަށް ވިސްނުމަށްފަހު އަސްލަމް ވަނީ ޝައުގުވެރިކަން ދޫކޮށްލާ މަޖިލީހުގެ ރައީސްއަކަށް މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު ރައީސް މުޙައްމަދު ނަޝީދުގެ ނަން ހުށަހަޅުއްވާފައެވެ. އަދި އަސްލަމް ހުށަހެޅުއްވި ނަމަށް ތާޢީދުކުރެއްވީ ޙަސަން އަފީފެވެ. އެއާއެކު ޕީޖީ ގުރޫޕުން ނިންމެވީ ރައީސް ނަޝީދަށް މަޖިލިސް ރައީސްކަން ދެއްވުމަށެވެ. އަދި މަޖލީހުގެ ނައިބު ރައީސްކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ގެނައުމަށްވެސް ފާސްކުރެވުނެވެ.

null

29 މެއި 2019 ގައި ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާއިން ރައީސް ނަޝީދުވަނީ މަޖިލިސް ރައީސްކަމަށް އިންތިޚާބުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: