ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުއްޔަށް ތަންތަން ދޫކުރުން: ވިޔަފާރިއެއް ނޫން، ނިކަމެތި ރައްޔިތުން ފެލަނީ!

މާލެ މަތިން ފެންނަ ގޮތް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ވެރިކަން ކުރާ ރަށް ފުރަ މާލެއަކީ ރާއްޖޭގ އާބާދީގެ ބޮޑު އިންސައްތައެްް ދިރިއުޅެމުންދާ ސިޓީއެކެވެ. މީހުންތައް ފުރި ބާރުވެފައިވާއިރު، އިމާރާތްތަކުން މުޅި ސިޓީ ވަނީ ފުރާލާފައެވެ. މާލޭގެ ރަށްވެހިންނަށްވުރެ މާލޭގައި ގިނައީ ކުއްޔަށް ގެދޮރު ހިފައިގެން ދިރިއުޅެމުން ގެންދާ މީހުންނެވެ. ހަމައެއާއެކު ބިދޭސީންގެ އާބާދީވެސް ހަމައެހާމެ ބޮޑެވެ. މީހުން ގިނަވެ މުޅި ސިޓީ ތޮށްޖެހިފައިވާއިރު، މާލޭގައި ބޮޑު ކުލި ދައްކައިގެން ދިރިއުޅެމުންދާ އާއިލާތަކުން ކުރަމުންދާ ޚަރަދަކީ ހާދަހާ ބޮޑު ޚަރަދެކެވެ.

މި މާލޭގައި މައްސަލަތައް އޮތީ ފުނިޖެހިފައެވެ. އިޖުތިމާއީ ބޮޑެތި މައްސަލަތަކެވެ. މަސްތުވާތަކެތީގެ ވަބާ އެހާ ބޮޑެވެ. ފޭރުމާއި ވައްކަން ކުރުން އާންމުވެއްޖެއެވެ. މާރާމާރީ އާއި ގޭންގު ކުށްތައް އިންތިހާއަށް ގިނައެވެ. ބަލިމަޑުކަން އެހާ ބޮޑެވެ. ބައްޔެއް ނުފެތުރޭ ދުވަސް ވަރެއް ނުދެއެވެ. ޑެންގީ އާއި ޗިކުން ގުންޔާއާއި، ބޭރަށް ހިންގުމާއި، ޗިކަން ޕޮޮކްސްއާއި، އެނޫންވެސް ބަލިތައް ނުހުއްޓެއެވެ.

ނަމަވެސް އެހެން ގޮތެއް ނެތެވެ. ވަޒީފާ ހޯދަން އަންނަން އޮތްތަނަކީ މާލެއެވެ. މާސްޓަރސް ލެވެލް ހަދައިގެން ރަށަށް ދާއިރު ކަތީބު ކަމުގެ ސަނަދު އޮތްމީހާ މުޅި ރަށް ކޮންޓްރޯލް ކުރަނީއެވެ. ސިޔާސީ ގޮތުން ނޫން ގޮތަކަށް މަޤާމަކަށް މީހަކުވެސް ނެގޭކަމަކަށް ނުވެއެވެ. ވަޒީފާއެއް ހޯދަން ކިޔަވަން އަންނަން ޖެހެނީވެސް މާލެއަށެވެ. ވަޒީފާއެއް ހޯދަން އަންނަން ޖެހެނީވެސް މާލެއަށެވެ. ބަލިވީމަ ބޭސް ކުރަން އަންނަން އޮތީވެސް މާލެއެވެ. ދަރިންނަށް ރަނގަޅު ތައުލީމެއް ދޭން ބަލާއިރު ރަށުގައި ސުކޫލުތައް ހުއްޓަސް ތައުލީމީ ނިޒާމުވެސް ބަރޯސާވެފަ އޮންނަނީ ހަމަ މި މާލެއަށެވެ.

މާލޭގައި އާއިލާތައް އުޅޭގޮތް ބަލާ ދިރާސާކޮށްލީމެވެ. ސުބްހާނަﷲ. ހާދަހާވާ ދެރައެވެ. ހާދަހާވާ ހިތްދައްޗެވެ. ދިރާސާ ތަކުން ފެންނާން ހުރީ ލަދުވެތި ދެރަވަރު ދެރަފެންވަރުގެ ކަންކަމެވެ. އާއިލާއަކާއި ބައްދަލުކޮށް އެމީހުންގެ ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތް ސާފުކޮށްލީމެވެ. މާލެ ބަދަލުވިތާ އަދި އަހަރެއް ނުވެއެވެ. މާލެ ބަދަލުވާން މަޖުބޫރުވީ އަނބިމީހާގެ ސިއްޙީ ހާލު ހުރިގޮތުން ރަށުގައި އުޅެވެން ނެތުމުންނެވެ. ދެ ދަރިން ތިބެއެވެ. ދެކުންދިންވެސް ކިޔަވަމުން ދަނީ މާލޭގެ ސުކޫލެއްގައެވެ. އަލްޙަމްދު ލިﷲ. ދެކުދިންގެވެސް ކިޔެވުން ވަރަށް ރަނގަޅެވެ. ބައްޕަ އަކީ މަޖޫރީ އެކެވެ. މަހަކަށް އެވްރެޖްކޮށް 20،000 ރުފިޔާ ވަރު ލިބެއެވެ. އެ މުޅި އާއިލާގެ ދިރިއުޅުން ބަރޯސާވެފަ އޮތީ ބައްޕައަށް މަހަކަށް ލިބޭ އެ އާމްދަނީގެ މައްޗަށެވެ. ފިރިމީހާއަށް އެހިވުމުގެ ގޮތުން އަނބިމީހާ ރޮށި ފިހެގެން ކައިރި ފިހާރައަށް ލައިގެން ވިއްކައެވެ. ނަމަވެސް ބަލި ހާލަތު ހުންނަ ގޮތުން އެކަން ކޮންމެ ދުވަހަކު ނުވެއެވެ.

މި ދަންނަވާލެވުނީ އެ އާއިލާގެ ޙާލަތެވެ. ދަންނަވަންތޯއެވެ. އެ އާއިލާ ދިރިއުޅެމުން ދަނީ އެންމެ ކޮޓަރިއެއްގައެވެ. ކޮޓަރި ތެރޭގައި ކައްކާ ކެވޭ ގޮތަށް އެއް ކަނުގައި އުދުނެއް ހުރެއެވެ. ސިޓިންގް ރޫމެއް ނުވަތަ ބަދިގެއެއް ނުހުރެއެވެ. އެ ކޮޓަރީގެ އަނެއް ފަރާތުގައި ކުއީން ސައިޒު ބަންކު ބެޑެއް ބަހައްޓާފައި ހުއްޓެވެ. ކިޔަވަންވެސް ކާންވެސް އެނޫން ކަމެއް ކުރަންވެސް ބޭނުން ކުރަނީ ލައްޕާލެވޭ ގޮތަށް ހުންނަ މޭޒެކެވެ.

އެ ތަނުގެ ކުލީގެ އަޑު އަހާފަ ސަހަރޯއޭ ހިތަށް އެރިއެވެ. އެނދާ، މޭޒު ބަހައްޓާފައި ހިނގާލާނެ ޖާގައެއް ނެތް ތަނެއްގައި ދެމަފިރިންނާއި ދެ ދަރިން ދިރިއުޅެމުން ދަނީ މަހަކަށް 9000 ރުފިޔާ ދީގެންނެވެ. ފެނާއި ކަރަންޓުގެ ބިލް އަންނަނީ އަދިއެއާއި ވަކިންނެވެ. ދެ ބިލަށް އެއްކޮށް 1000 ރުފިޔާ ވަރު އަރާއިރު، އެމީހުން އެ ޖިފްޓި ގަނޑުގައި ދިރިއުޅުމަށް މަހަކަށް 10000 ރުފިޔާ ޚަރަދުކުރަން ޖެހެއެވެ. ކުޑަމިނުން ކޮޓަރި އޭސީއެއްވެސް ނޫނެވެ.

މާލޭގެ ކުއްޔަށް ދޭ ތަނެއް: ފޮޓޯ:ސަން

ބާކީ އަތުގައި އޮންނަ އެއްްޗަކުން ޚަރަދުކޮށް ނިމޭއިރު، މަހުގައި ނުނިމި ބާކީ ހައެއްކަ ދުވަސް އޮވެއެވެ. ނަމަވެސް ހިތްވަރުކޮށްލާފައި ދަރިންނަށް ކޮންމެވެސް ގޮތެއް ހަދާ ދިނުމަށްފަހު އެމީހުން ނުކައި ނިދާ ކިތަންމެ ދުވަހެއް ދާކަމަށްވެއެވެ. ނިމިދިޔަ ރަމަޟާން މަހުގައިވެސް ގިނަ ރޭރޭ ހާރު ކެއީ މަސްދަޅާ ބަތާކަމަށް އެ މީހުން ބުންޏެވެ.

އިތުރު ގެއަކަށް ވަދެ އެ ގޭގެ ހާލަތު ބަލާލީމެވެ. ހަމަ އެފަދައެވެ. 12 ފޫޓު 12 ފޫޓު ކޮޓަރިއެއްގެ ތެރޭގައި ނިދާ ކައްކާ ކައި ބޮއި ހަދާ އެ އާއިލާގެ ހާލަތުވެސް ހަމަ އެފަދައެެވެ. އެ ކޮޓަރި ހަދާފައި ހުރީ ލަކުޑި ފިލައިންނެވެ. އޭސީކޮށްފައި ހުރި އެކޮޓަރިއަށް ކުލި، ފެނާއި ކަރަންޓުގެ ގޮތުގައި އެ އާއިލާއިން މަހަކަށް 11500 ޚަރަދުކުރަން ޖެހެއެވެ. ދޮށީ ފިރިހެން ދަރިފުޅު ވަޒީފާއަށް ދަމުން ކިޔަވަނީއެވެ. ބައްޕަ އުޅެނީ މަސް ދޯންޏެއްގައެވެ. މަންމަ ގޭގައި ހަނގު ދެ ކުދިން ބަލަނީއެވެ.

ވިސްނަވާށެވެ. މިއީ މި މާލޭގައި ދެ އާއިލާއެއް އުޅެމުންދާ ވޭނެވެ. ކުޑަކުޑަ ކޮޓަރިއެއް ނަމަވެސް ގޭ ވެރި ފަރާތުން ބޭނުންވާ އަގެއް ދިނުން ނޫން ގޮތެއް އެމީހުންގެ ނެތެވެ. އެނބުރި ރަށަށް ދާން ބޭނުންވި ނަމަވެސް ވަޒީފާއާއި، ދަރިންގެ ތައުލީމާއި، ސިއްޙަތަށް ވިސްނުމަށްފަހު ވީހާލެއްގައި ވާން ޖެހުނަސް މި މާލޭގައި ތިބުން ނޫން ގޮތެއް އެމީހުނަކަށް ނެތެވެ.

ދަންނަވަންތޯއެވެ. އެމީހުންނަށްވެސް އެމީހުންގެ ރަށް މާ ޚާއްސައެވެ. އެ ރަށް ދެކެ އެމީހުން އިންތިހާއަށް ލޯބިވެއެވެ. އެ ރަށްރަށުގެ ހިތްގައިމު މާހައުލުގައި ދިރިއުޅެން އެމީހުން އިންތިހާއަށް ބޭނުންވެއެވެ. ނަމަވެސް ނިޒާމު އެކަމަކަށް ތަނެއް ނުދެއެވެ. ސިޔާސަތުތައް އެ ވިސްނުމަކަށް ޖާގައެއް ނުދެއެވެ. ވެރިން އެގޮތެއް ބޭނުމެއް ނުވެއެވެ.

އުންމީދީ ހިޔާލު ތަކެއްގައި ކޮންމެ އިންތިޚާބަކާއި ދިމާކޮށް ވެރިން އައިސް އެމީހުންގެ ރަށާއި އަތޮޅު ތަރައްޤީކޮށްދޭނެ ކަމުގެ އަނދުން އަޅުވައެވެ. އެކަން ކުރާން ބޭނުންވެފައިވާލެއް ބޮޑުކަމުން އެ އަދުން އެ ލޯތަކުގައި އަޅުވަން ވަރަށްވެސް ފަސޭހައެވެ. މާލޭގެ ދަރަނިވެރި ބޮލުގެ ރިހުން ހަޔާތަށް ނިމުމެއް ނެތްކަން އެމީހުންނަށް އިހްސާސްވާއިރު ވެރިން މަގާމުގައި ރަނގަޅަށް ފޫ ޖައްސާ ބާރުކޮށްލައެވެ.

މިހާލަތުގައި މާލޭގެ ކުލި ކޮންޓްރޯލް ކޮށްދިނުމަށް އާދައިގެ ދެރަ ނިކަމެތި މީހާ އެދެމުން ދަނީ މި ސަބަބުތަކާ ހުރެއެވެ. މި ރިޕޯޓުގައި މި ހިއްސާކޮށްލި ދެ ތަނަކީވެސް މީހުން ދިރއުޅެން ހޮޔްވާވަރުގެ ތަންތަނެއްވެެސް ނޫނެވެ. އެހެނަސް މަޖުބޫރީ ހަޔާތުގައި އެ މަޖުބޫރުކަންމަތީގައި އެމީހުން ދިރިއުޅުމުންދަނީއެވެ. އެމީހުން ޝަކުވާވެސް ކުރެއެވެ.

އެމީހުންގެ ޝަކުވާއަށް ވެރިން މިއަދު ދޭ ޖަވާބަކީ ކުއްޔަށް ތަންތަން ދޫކުރުމަކީ ވިޔަފާރިއެއްކަމަށެވެ. އެހެންކަމުން ވިޔަފާރީގައި ކުލި ކޮންޓްރޯލް ކޮށްދެވެން ނެތްވާހަކައެވެ. ފޫޓު ހަމަ ނުވާ ކޮޓަރިތެރޭގަައި ނިދާ ކައި ބޮއި  ކައްކާ ހަދާ ގޮތަށް ބޮޑު އަގުގައި ކުއްޔަށް ދޫކުރުން އެއީ ހަމަ ވިޔަފާރި ތޯއެވެ. ނޫނީ އެއީ ގޮތް ހުސްވެފައި ތިބި ނިކަމެތި ރައްޔިތުން ފެލަނީ ނޫން ތޯއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ދިރިއުޅުމުގެއަގުތައް ތިރިކުރަނީ ތިއޮއް! ބަލަގަ ނިކަމެތި މީހާ ހައްދައިގެން ގެންނަ ދަނޑުވެރި ކަމުގެ ތަކެއްޗަކީވެސް ވިޔަފާރި. އެތަކެތި އެމީހުން ބޭނުން އަގެއްގައި ވިއްކޭނެ!!! މިރުހުގެ އަގުބޮޑުވީމާ ކިހިނެއްބާވީ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: