ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރު ފެށުނުއިރު ހުރިހާ ސްކޫލެއްގެ ޓީޗަރުން ވަނީ ހަމަވެފައި، އެއްވެސް މައްސަލައެއް ދިމާ ނުވޭ: އެޑިއުކޭޝަން

އަހަރު ފެށުނުއިރު ހުރިހާ ސްކޫލެއްގެ ޓީޗަރުން ވަނީ ހަމަވެފައި، އެއްވެސް މައްސަލައެއް ދިމާ ނުވޭ - ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

2020 ވަނަ އަހަރުގެ ދިރާސީ އާ އަހަރު ފެށުނީ، ހުރިހާ ސްކޫލަކަަށް ވެސް ބޭނުންވާ ޓީޗަރުން ހަމަވެގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފިއެވެ.

އާ އަހަރުގެ ކިޔެވުން މިއަދު ފެށުނުއިރު، އެޑިއުކޭޝަނުން ވަނީ އެކަމަށް ވެވިފައި ހުރި ތައްޔާރީތަކާއި ބެހޭ މައުލޫމާތުތައް ހިއްސާކުރުމަށް ނޫސްވެރިންނާއި ބައްދަލުކޮށްފައެވެ.

އެގޮތުން އެ ބައްދަލުވުމުގައި ޑެޕިއުޓީ މިނިސްޓަރު ޝަރުމާ ނަސީރު ވިދާޅުވީ ސްކޫލްތައް ހުޅުވި އިރު ޓީޗަރުން ހަމަވެފައިވާ ކަމަށާއި ސްކޫލްތަކަށް ބޭނުންވާ ބިދޭސީ ޓީޗަރުން ވެސް ހަމަވެފައިވާ ކަމަށެވެ. ބިދޭސީ ޓީޗަރުން ބޭނުންވެގެން 251 ޓީޗަރުން ހަމަޖައްސާފައިވާކަން ފާހަގަކޮށް ޝަރުމާ ވިދާޅުވީ އަހަރު ފެށުމުގެ ކުރިންވެސް ހުރީ އެ އިންތިޒާމުތައް ހަމަޖެހިފައި ކަމަށެވެ.

ރާއްޖެއިން ޓީޗަރުން ހޯދުމުގައި އެއްވެސް ދަތިތަކަކާއި ދިމާ ނުވާކަމަށް ޝަރުމާ ވިދާޅުވިއެވެ. މީގެ ކުރީގެ އަހަރުތަކުގައި ޓީޗަރުން ހޯދުމުގައި ދަތިތަކަމެއް ދިމާވީނަމަވެސް މިދިޔަ އަހަރުން ފެށިގެން ޓީޗަރުން ހޯދުމުގެ މަސައްކަތް ފަށާ އެކަން ކާމިޔާބު ކުރިކަން ޝަރުމާ ވަނީ ފާހަގަކުރައްވާފައެވެ.

“ބިދޭސީން ބޭނުންވާ ހަމަ ހުރިހާ މަގާމަކަށް އަޅުގަނޑުމެންނަށް މުދައްރިސުން ހަމަކުރެވިއްޖެ. ގުރުއާން މި މާއްދާއަށް ބިދޭސީން ހަމަޖެހުނު އަދަދަކުން ސްކޫލުތަކަށް ފޮނުވިން. މީގެ އިތުރުން ސްކޫލުތަކުން، އެ ރަށްރަށުން ޕްރިންސިޕަލާއި މުުޖުތަމައު ގުޅިގެން މުދައްރިސުންގެ ކަންކަން ހަމަޖައްސާފައި ވަނީ،” ޝަރުމާ

ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ މިދިޔަ އަހަރުގެ ކިޔެވުން ފެށުނުއިރު އަރަބިއްޔާ ސްކޫލަށް ދިމާވީ މައްސަލައަށް ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން މިދިޔަ އަހަރުގެ ކިޔެވުން ފެށުނުއިރު މުދައްރިސުން ހަމަނުވުމާއި، އޭލެވެލްއަށް ކިޔަވަމުން އައި ދަރިވަރުންގެ ބައެއް އިންތިހާނުތައް ހެދޭނެ ކަމާއި މެދު ސުވާލު އުފެދުނެވެ. މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވީ އަރަބިއްޔާ ސުކޫލަށް ޓީޗަރުންނާއި ފޮތްތައް ހަމަނުވުމަކީ މިދިޔަ އަހަރު ކުރިމަތިވި އެންމެބޮޑު ދެ މައްސަލަ ކަމަށެވެ. އެގޮތުން މިއަދު ސުކޫލަށް ކުދިން ނުކުތީ ހުރިހާ ކުދިންނަށް ފޮތްތައް ބަހައި، ފޮތްތައް ހަމަކޮށްގެން ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.

“އެއީ މި ސަރުކާރުގެ ސަކްސެސް ސްޓޯރީއެއް. މި އަހަރު ފެށުނު އިރު މުދައްރިއްސުން އެބަތިބި. ފޮތްތައް ހަމަވެއްޖެ.” މިނިސްޓަރު

އެކަމާ އެޑިއުކޭޝަން މިނިސްޓްރީ އަދި އަޒްހަރު ޔުނިވާސިޓީއަށް ގުޅުމުން މުދައްރިސުން ހަމަ ނުވަނީ އެބޭފުޅުންގެ “ސެލެކެޝަން ޕްރޮސެސް” ނުނިމޭތީ ކަމަށް އެނގިފައިވާ ކަމަށް އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް އަލްއުސްތާޒް މުހައްމަދު ޝުޖާއު އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރު އަރަބިއްޔާ ސްކޫލަށް އަޒްހަރު ޔުނިވަސިޓީން އަންނަން ޖެހޭ 22 މުދައްރިސުންގެ ތެރެއިން ސުކޫލުގައި ކިޔަވައިދޭން ފެށިއިރު އައިސްފައި ވަނީ އެންމެ ހަތަރު މުދައްރިސުންނެވެ. އަދި އަހަރުގެ ކިޔެވުން ފެށުނު އިރުވެސް އަރަބިއްޔާ ސުކޫލަށް އަންނަން ޖެހޭ ޓީޗަރުން ނުލިބުމުގެ ސަބަބުން ކިޔެވުން ކުރިޔަށް ގެންގޮސްފައި ވަނީ ވަގުތީ ގޮތުން ގައުމީ ޔުނިވަސިޓީ އާއި އިސްލާމިކް ޔުނިވަސިޓީގެ ބައެއް ލެކްޗަރާއިން ބޭނުންކޮށްގެންނެވެ.

ސަރުކާރާއި އަމިއްލަ ސްކޫލުތަކާއެކު މިއަހަރު 83،955 ދަރިވަރުން ތައުލީމް ހާސިލްކުރާނެ އެވެ. ސަރުކާރު ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންގެ އަދަދު އުޅެނީ 73،067 ގަ އެވެ.

މިއަހަރު ރާއްޖޭގެ ސްކޫލުތަކަށް 9،427 ޓީޗަރުން ބޭނުންވެ އެވެ. އޭގެ ތެރެއިން ބިދޭސީންގެ އަދަދު އުޅެނީ 1995 ގަ އެވެ. ދިވެހި ޓީޗަރުންގެ އަދަދަކީ 7،432 ގެ ގޮތުގައި މިނިސްޓްރީއިން މައުލޫމާތު ދެއެވެ. ޕްރެސް ކޮންފަރެންސްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ފާއިތުވީ އަހަރު ސްކޫލުތައް ނިމުނުއިރު މި އަހަރަށް ބޭނުންވާ ހުރިހާ ފޮތްތަކަކާއި ވައުޗަރުވެސް ހަމަވެފައިވާ ކަމަށެވެ. އޭގެ އިތުރުން ސްކޫލުތައް ބަންދުވުމާއި އެކު ސްކޫލުތައް މަރާމާތު ކުރުމުގެ މަސައްކަތް ވެސް ކުރިޔަށް ގެންދެވުނު ކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: