ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފަރު އެއާޕޯޓުގެ ބިން ބޮޑު ކުރުން ހުއްޓުވުމަށް އީޕީއޭއިން ދީފައިވަނީ އެކަށިގެންވާ ސަބަބުތަކެއް ނޫން: މިނިސްޓްރީ

ޝެއާރކޮށްލާ ކަހަލަދޯ؟

މާފަރު އިންޓާނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީ ކުރަން ސަރުކާރުން ހުށައަޅާފައިވާ މަޝްރޫއު ކުރިއަށް ގެންދަން ތިމާވެށީގެ ގޮތުން ދޭންޖެހޭ ހުއްދަ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނުދީ ހިފަހައްޓާފައި ވަނިކޮށް އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު އެ ހުއްދަ ދެއްވައިފި އެވެ.

އެކަމާއި ގުޅިގެން ބަޔާނެއް ނެރެ މިނިސްޓްރީއިން ބުނެފައިވަނީ މި ހުއްދަ ދީފައި ވަނީ، މާފަރު އިންޓަނޭޝަނަލް އެއަޕޯޓުގެ ރަންވޭ ބޮޑު ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއަށް ތައްޔާރު ކޮށްފައިވާ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގެ އެޑެންޑަމް ރިވިއު ކުރުމަށްފަހުގައި ކަމަށެވެ. އަދި އެ މަޝްރޫއު ކުރިއަށްގެންދަން ހުށަހަޅާފައި ވާގޮތަށް ކުރިއަށް ގެންދަން ތިމާވެށީގެ ގޮތުން ދޭންޖެހޭ ހުއްދަ ދެވެން ނެތްކަމަށް އީޕީއޭ ނިންމި ނިންމުން ޕްލޭނިން މިނިސްޓްރީން އެންވަޔަރަންމަންޓް މިނިސްޓަރަށް އިސްތިއުނާފު ކުރުމާ ގުޅިގެން “ތިމާވެށްޓަށްކުރާ އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު” ގެ ދަށުން އެ މައްސަލަ ބެލުމަށް ފަހުގައި ކަމަށް ބަޔާނުގައި ވެއެވެ.

މިނިސްޓަރު ހުއްދަ ދެއްވާފައިވަނީ، މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ކުރާނެކަމަށް ބެލެވޭ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަށް އަޅަމުން ގެންދިޔުމާއިއެކު، އެ ރިޕޯޓުގައި ކަނޑައަޅާފައިވާފަދަ މެނޭޖްމަންޓް ޕްލޭނަކާއި މޮނިޓަރިންގް ޕްލޭނަކާއިއެކު އެ މަސައްކަތް ކުރިއަށްގެންދާ ގޮތަށް ކަމަށެވެ. އީޕީއޭއިން ހެދި އީއައިއޭގެ މައްޗަށް ބިނާކޮށް އެ އޭޖެންސީއިން ވަނީ މާފަރު އެއާޕޯޓު ބޮޑު ކުރުމުގެ މަޝްރޫއުގެ އަމާޒަކީ ބޮއިން 777 ގެ ޓުވިން ޖެޓް ޖެއްސުން ކަމަށް ބުނެފައިވާ ކަމަށެވެ. އެހެން ނަމަވެސް ސަބަބުތަކަކީ ދުރު ރާސްތާގައި އެކަމާ ގުޅިގެން ތިމާވެއްޓަށް ދިމާވާނެ ނޭދެވޭ އަސަރުތައް އަޅާބަލާއިރު އެކަށިގެންވާ ސަބަބުތަކެއް ނޫން ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި މާފަރު އެއާޕޯޓުގައި ބޮޑެތި ފްލައިޓުތައް ޖައްސާނީ ކިހާ ވަރަކަށް ކަމެއް ނޭނގޭ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

އީޕީއޭއިން މާފަރު އެއާޕޯޓާއި ގުޅޭގޮތުން ނެެރުނު ރިޕޯޓުގައި ބުނެފައިވަނީ ބިން ބޮޑު ކުރުމަށް ހިކުމުގެ ސަަބަބުން ފަޅުގެ ބައެއް ދާއިމީކޮށް ގެއްލިގެން ދާނެ ކަމަށެވެ. އަދި އޭގެ ސަބަބުން އީކޯ ސިސްޓަމަށް އަސަރު ކުރާނެ ކަމަށާއި ފަރަކީ ވެލާ ބިސްއަޅުމުގައި މަޝްހޫރު ރަށަކަށްވީއިރު އެ މަޝްރޫއުގެ ސަބަބުން އެ ކަމަށް ސީދާ ނޭދެވޭ އަސަރު ކުރާނެ ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ. އޭގެ އިތުރުން އެ މަޝްރޫއުގެ ދަށުން ރަށުގައި ހުރި 22،000 ގަހަށް އަސަރު ކުރާނެ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

“… މި މައްސަލަ ބެލުމުގެ ގޮތުން ގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން މައްސަލަ ތަހުގީގު ކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ އޮފިސަރަކާއި ހަވާލުކޮށް އޭނާ ހުށައެޅި ރިޕޯޓަށާއި، ޖުމުލަކޮށް ދެވަނަ އެޑެންޑަމް ރިޕޯޓަށާއި ވަކިން ޚާއްސަކޮށް އެ ރިޕޯޓްގެ ކޮންކްލޫޝަންސްގެ އެންމެ ފަހު ޕެރެގްރާފުގައި، “ޕްރޮޖެކްޓް ތަންފީޒުކުރުމުގެ ސަބަބުން ތިމާވެށްޓަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރެވޭނެ ފިޔަވަޅުތަކާއި (މިޓިގޭޝަންސް މެޝާސް)، މެނޭޖްމަންޓް ޕްލޭން އާއި އޯލްޓަނޭޓިވްސް އާއި މޮނިޓަރިން ޕްލޭންގައި ކަނޑައަޅާފައިވާގޮތަށް، މަޝްރޫއު ކުރިއަށް ގެންދިޔުމަށް ލަފާދޭ (ރިކަމެންޑް ކުރާ) ކަމަށް” ބުނެފައިވާ ބުނުމަށާއި، މައްސަލާގެ ހަގީގަތްތައް އިތުރަށް އޮޅުންފިލުވުމަށް މި ހިނގާ ޖަނަވަރީ މަހު ހަތަކުން އަށަކަށް މިނިސްޓްރީގެ ވަފުދަކާއެކު މިނިސްޓަރު މާފަރަށް ޒިޔާރަތްކޮށް، އެރަށުގެ ރަށުކައުންސިލާއި ރައްޔިރުންނާއި އަދި މިލަދުނަމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ މަސްއޫލުވެރިންނާއި ބައްދަލުކޮށް ކުރި މަޝަވަރާތަކަށާއި، މި މަހު ނުވަ ވަނަ ދުވަހު މޯލްޑިވްސް ސިވިލް އޭވިއޭޝަން އެތޯރިޓީ އާއި މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްއަރިޒަމް އިންޑަސްޓްރީ (މަޓީ) ގެ މަސްއޫލުވެރިންނާއި ބައްދަލުކޮށް ކުރި މަޝްވަރާތަކުގެ މައްޗަށާއި، މި ބައްދަލުވުންތަކުން ލިބުނު އިތުރު މައުލޫމާތުގެ މައްޗަށް ރިއާޔަތްކޮށް.”

އާބާދީގައި 1،257 މީހުން ދިރިއުޅޭ މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓު ރަސްމީކޮށް ހުޅުވާފައި ވަނީ މި ސަރުކާރުންނެވެ. ނަމަވެސް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އޭގެ ކުރިންވެސް މި އެއާޕޯޓު ތަރައްގީ ކުރަން އެކި ފެންވަރުގައި މަސައްކަތް ކޮށްފައިވެ އެވެ. އެއާޕޯޓް އަޅަން އެކި ފެންވަރުގައި 2007 ވަނަ އަހަރުން ފެށިގެން ދިޔައީ މަސައްކަތް ކުރަމުންނެވެ. މާފަރުގައި ވައިގެ ބަނދަރެއް ހެދުމުގެ ވިސްނުންތަކާއި ޕްލޭންތައް ގެންގުޅޭތާ 15 ވަރަކަށް އަހަރު ވެއްޖެ އެވެ.

މާފަރަކީ އާބާދީ މަދު ނަމަވެސް، ބިން ބޮޑު ރަށެކެވެ. ރަށުގައި އެއާޕޯޓު ތަރައްގީ ކުރުމަށްޓަކާ، ތިމާވެއްޓަށް ގެއްލުންތަކެއް ދީފައިވާކަމަށް ބުނެ ވެސް ސޯޝަލް މީޑީއާ ވަރަށް ބޮޑަށް ހޫނުވެގެން ދިޔައެވެ. ރަންވޭ މަތިން ވެލާ ނަގައިގެން ގެންގޮސް މޫދަށް ދޫކޮށްލި ނަމަވެސް އޭގެ ފަސް ދުވަސް ފަހުން އެ ވެލާ މަރުވެފައި އޮއްވާ ފެނުނެވެ.

މާފަރު އެއާޕޯޓު ރަސްމީކޮށް ހުޅުވާފައިވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އޭގެ ފަހުން މަހަކާއި ގާތް ވެފައިވާއިރު މިއަދުގެ ވަގުތެއްގައި އަނެއްކާވެސް އެއާޕޯޓުގެ ރަންވޭއަށް ވެލައެއް އަރާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ.

އީޕީއޭ އިން ބުނީ މާފަރުން ބިން ހިއްކަން ހުށަހަޅާފައި ވަނީ އެކަން ކޮށްފި ނަމަ ލިބޭނެ ގެއްލުމާ އަޅާބަލާއިރު އެކަށީގެންވާ ސަބަބުތަކެއް ނޫން ކަމަށެވެ. ބިން ހިއްކަން ބޭނުންވާ ސަބަބެއް ކަމަށް ބުނެފައި ވަނީ ބޮއިން 777 މަރުކާގެ މަތިންދާ ބޯޓް ޖެއްސޭ ވަރަށް އެއާޕޯޓް ބޮޑުކުރުމެވެ. އެކަމަކު އެވަރުގެ ބޯޓުތައް އެއާޕޯޓަށް ޖައްސާނީ ކިހާ ވަރަކަށްކަން ނޭނގޭ ކަމަށް އީޕީއޭ އިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: