ކަނޑުތަކުގެ ދިރުންތައް ދެމެހެއްޓުމާ އެކު އެ ދިރުންތަކުން ފައިދާ ހޯދުމަށް އެހީތެރިވެދޭން މަސައްކަތްކުރާ “ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން” އިން ރާއްޖޭގައި ފެށި ދިރާސާ އަަކީ ކަނޑުތަކުގެ ބޯހިމެނުމެއް ކަަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހްވިދާޅުވެއްޖެ އެވެ.
ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގެ ދިރާސާ ފެށުމަށް ހދ. ނޭކުރެންދޫގައި މިއަދު ބޭއްވި ރަަސްމިއްޔާތުގައި ރައީސް ވިދާޅުވީ މި ދިރާސާ އަކީ ކަނޑުތަކުގެ ދިރުންތަކާ ބެހޭ ގޮތުން ރާއްޖޭގައި މިހާތަނަށް ކުރާ އެންމެ ބޮޑު ދިރާސާ ކަމަށެވެ.
ދިރާސާ ކުރިއަށް ގެންދާނީ ދެބަޔަކަށް ބަހާލައިގެން ކަމަށާއި އެގޮތުން ރާއްޖޭގެ ކަނޑުތަކުގެ ދިރުންތަކުގެ ސްޓޮކެއް ފުރަތަމަ ނަގާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ކަނޑުތަކުގައި އުޅޭ މަސްމަހާމެއްސާއި ދިރުންތަކުގެ އަދި ފަރުތަކާއި މުރަކަ އާއި އެންދެރި އާއި އެހެން ތަކެތީގެ ސްޓޮކެއް ނަގާނެ ކަމަށެވެ.
“އަދި މިތަކެއްޗަށް ގެއްލުން ލިބެނީ ކޮން ކަހަލަ ކަންތައްތަކެއް ކުރިމަތިވެގެންތޯ ބަލައި އެބަ ހޯދާ. ޖުމްލަ ގޮތެއްގައި އަޅުގަނޑުމެންނަށް ފުރަތަމަ މި ކުރެވެނީ ކަނޑުތަކުގެ ބޯހިމެނުމުގެ މަސައްކަތެއް” ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ކަނޑުތަކާއި ފަރުތައް ހިމާޔަތްކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތަކުގެ ސިޔާސަތު ކަނޑައަޅާނީ ރައީސް ވިދާޅުވި ގޮތުގައި ދިރާސާގެ ކަރުދާސް އާއްމުކުރުމުން އެ ހޯދުންތަކަށް ބިނާކޮށްގެންނެވެ. ބައެއް ތަންތައް ހިމާޔަތްކުރެވިފައި އެބަހުރި ކަމަށާއި ނަމަވެސް އެތަންތަނުގެ ފައިދާ ހޯދޭނީ ކިހިނެއްކަން ދެނެގަންނަން ޖެހޭ ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.