މި ސަރުކާރުގެ ވިސްނުމަކީ ހދ. ކުޅުދުއްފުށީގައި މުޅިން އައު ހޮސްޕިޓަލެއް އިމާރާތް ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ދިމާކޮށް، އެމްޑީޕީގެ “އެޖެންޑާ 19” ޕްރޮމޯޓުކުރުމަށް، ތިލަދުއްމައްޗަށް ކުރަމުން ގެންދަވާ ކެމްޕެއިން ދަތުރުގެ ތެރެއިން، ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، އެ ރަށުގައި މިހާރު ހުރި ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރަން ސަރުކާރުން ބޭނުންވި ނަމަވެސް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް މިހާރު ހުރި ފެންވަރަކުން އެކަމެއް ނުވާނެ ކަމަށެވެ.
މިހާރު ހުރި ހޮސްޕިޓަލަކުން އެކަމެއް ނުވާނެ. އަޅުގަނޑުމެންނަށް އެނގޭ. އަޅުގަނޑުމެންގެ ވިސްނުމަކީ މި ރަށުގައި އަލުން ހޮސްޕިޓަލެއް އަޅައި ތިޔަބޭފުޅުން ބޭނުންވާ ހިދުމަތްތައް އެ ތަނުން ލިބޭ ގޮތަށް ބަދަކުރުން،
ރައީސް ވިދާޅުވީ، ކުޅުދުއްފުށީ އާ ހޮސްޕިޓަލް ވާނީ ހަމައެކަނި އެ ރަށުގެ ރައްޔިތުންނަށް ހިދުމަތް ދޭ ތަނަކަށް ނޫން ކަމަށެވެ.
ތިލަދުންމައްޗާއި ކުޅުދުއްފުއްޓާ ކައިރި ސަރަހައްދުތަކުގެ ހުރިހާ ރައްޔިތުންނަށް އެތަނުގެ އެހީ އާއި ހިދުމަތްތައް ލިބޭނެ ޕްލޭނެއް އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.