ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީނާއި އަނބިކަނބަލުންނަށް ބައްދަލު ކުރެވޭނީ ކައިވެނީގެ ސެޓްފިކެޓް ހުށަހެޅުމުން!

މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީލޯންޑްރިންގެ މައްސަލައިގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އާއި ބައްދަލު ކުރެވެނީވެސް ކައިވެނީގެ ސެޓްފިކެޓް ދައްކައިގެން ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވެފައި ވަނީ ރައީސް ޔާމީން ޖަލަށް ލައިފައި ހުންނަނީ ނުހައްގުން ކަމަށް ބުނެ އިދިކޮޅުން ބާއްވަމުން އަންނަ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކވަމުންނެވެ.

އެ ޖަލްސާގައި ވާހަކަ ދައްކވަމުން ސައިދު ވިދާޅުވީ ރައީސް ޔާމީނާއި މެދު މި ސަރުކާރުން ކަންކަން ކުރަމުން އަންނަނީ އިންސާނިއްޔަތާއި ހިލާފުކޮށް ކަމަށާއި އެމަނިކުފާނާއި އާއިލާ އާއި ބައްދަލު ކުރެއްވުމަށް ދަތި ތަކެއް ކުރިމަތި ކުރަމުން އަންނަ ކަމަށެވެ. އަދި އެކި ކުދި އަނިޔާތައް ދެމުން އަންނަ ކަމަށާއި ކާއެއްޗެހި ވެސް ދެނީ ރޯ ނުފިލުވާ ކަމަށް ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން، އަސާސީ އެތައް ހިދުމަތަކުން އެމަނިކުފާނު މަހުރޫމް ކުރުން ސައިދު ވަނީ ފާހަގަކޮށްފައެވެ.

“އެންމެ ކުޑަމިނުން އެމަނިކުފާނުގެ އަނބިކަނބަލުން، ޖަލަށް ވަޑައިގަންނަވަން ބޭނުންފުޅުވީމަ ވެސް މި ސަރުކާރުން އެބަ ބުނޭ، ކައިވެނީގެ އޮރިޖިނަލް ސެޓްފިކެޓް ދެއްކީމައޭ ޖަލަށް ދެވޭނީ. މީތޯ 50 އަހަރާއި ނުބައްދަލު ތަރައްގީ މި ގައުމަށް ގެނައި ރައީސަކަށް ކަންކުރަން ޖެހޭނެ ގޮތަކީ”ސައީދު ވިދާޅުވިއެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ނޮވެމްބަރުމަހުގެ 28 ވަނަ ދުވަހުއެވެ. މަނީ ލޯންޑްރިންގެ ކުށަކީ ކަފާލާތުގެ ދަށުން މިނިވަން ވުމުގެ ފުރުސަތު ލިބޭ ކުށަކަށް ވާތީ، އެމަނިކުފާނުގެ ވަކީލުންގެ ފަރާތުން ވަނީ، އެމަނިކުފާނު ކަފާލާތުގެ ދަށުން މިނިވަން ކުރުމަށް ހުށަހަޅާފައެވެ.

ސައީދުގެ އިތުރުން، ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި، އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީން ކަފާލާތުގެ ދަށުން މިނިވަން ނުކޮށް، އެމަނިކުފާނު ޖަލުގައި ބަހައްޓަވާ ކޮންމެ ދުވަހަކީ ކަންބޮޑުވާން ޖެހޭ ދުވަހެއް ކަމަށެވެ. އޭނާ ވިދާޅުވީ މި ސަރުކާރުން ރައީސް ޔާމީނާމެދު ކޮންމެފަދަ ގޮތަކަށްވެސް އަމަލުކޮށްފާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. ރައީސް ޔާމީނާމެދު އަމަލު ކުރަމުންދަނީ އަނިޔާވެރިކޮށްކަން ހާމަވާ ސަބަބުތައް ބަޔާން ކޮށްދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު އާއިލާގެ ފަރާތުން ރައީސް ޔާމީންއާ ހަވާލު ކުރަން ދިން ތަކެތި އަދިވެސް އެމަނިކުފާނަށް ރައްދު ނުކޮށްދޭ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ބަހައްޓައިގެން އެމަނިކުފާނަށް ކޮށްފާނެ ކަމަކާ ދޭތެރޭގައިވެސް ކަންބޮޑުވެލައްވާ ކަަމަށެވެ. ޖަލަށް ލާފައިވާ އިދިކޮޅު ސިޔާސީ ލީޑަރުންނާމެދު އިހާނެތިކޮށް އަމަލު ކުރުމަކީ ދުނިޔޭގައި ހިނގާފައިވާ ކަންކަން ކަމަށް ވިދާޅުވެ ރައީސް ޔާމީންއާމެދު އެފަދަ ގޮތަކަށް އަމަލު ކޮށްފާނެތީވެސް އަބްދުއްރަހީމް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: