ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަށްތައް މިވަރަށް ގިރަންޏާ ކުރެވޭނެ ކަމެއް ނެތް، ތަރައްގީ ހުއްޓާލެވޭކަށް ނެތް: ނަޝީދު

ކޮމިޓީ ބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން، ރަށްތަށް މިވަރަށް ގިރާނަމަ ކުރެވޭނެ މާބޮޑު ކަމެއް ނެތް ކަމަށާއި އެކަންކަމާއި ގުޅިގެން ތަރައްގީ އާއި އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުން ހުއްޓައި ނުލެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ބައެއް ރަށްރަށް އާދަޔާ ހިލާފަށް ވަރަށް ބޮޑަށް ގިރަމުންދާ މައްސަލައާ ގުޅިގެން، މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން ނޫނަސް ތިމާވެއްޓަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެކަން ދިމާވާ ސަބަބު ރަނގަޅަށް ދިރާސާކޮށް ބަލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އިންސާނުން ކުރާ ނޭދެވޭ ބައެއް އަމަލުތަކާއި ސަރުކާރުން ހިންގާ ތަރައްގީގެ ބައެއް މަޝްރޫއުތަކުގެ ސަބަބުންވެސް ތިމާވެއްޓަށް ނޭދެވޭ އަސަރު ފޯރަމުންދާ ކަމަށެވެ. ނަމަވަސް އެއްވެސް މީހަކު ނުކުރާ ކަންކަމުން ވެސް މޫސުމަށާއި ވެއްޓަށާއި ގުދުރަތީ ހަމަތަކަށް ބަދަލު އަންނަމުން އެބަދާ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ބަދަލުތައް އައި ނަމަވެސް ދިރިއުޅުމަށްޓަކައި ރައްޔިތުންނަށް އަސާސީ އަދި އުމްރާނީ މަޝްރޫއުތަކާއި ތަރައްގީގެ މަޝްރޫއުތައް ހިންގަން ޖެހޭ ކަމަށެވެ.

ތަރައްގީގެ ބައެއް މަޝްރޫއުތައް ހިންގަނީ ވެސް ރަށްރަށް ހިމާޔަތް ކުރުމަށާއި ސަރުކާރުން ކުރަން ޖެހޭ އެހެން ބައެއް ކަންކަން ކުރުމަށް އާމްދަނީ ހޯދުމުގެ މަސައްކަތްތައް ގެންދަން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

“މޫސުމަށް އަންނަ މިފަދަ ބަދަލުތަކާ ގުޅިގެން މައްސަލަ ހައްލު ކުރަން ހަގީގަތުގައި ސަރުކާރަށް ކުރެވޭ މާ ބޮޑު ކަމެއް ނޯންނާނެ، ދުނިޔޭގެ އެއްވެސް ސަރުކާރަކަށް، ވަގުތުން ހައްލު ގެނެވޭ ވަރުގެ ކަހަލަ ކަމެއް ނޫން މިއީ އެއްދިރިއުޅުން ހުއްޓާލެވޭކަށް ނެތް. ތަރައްގީ ހުޓާލެވޭކަށްވެސް ނެތް. ބޯހިޔާވަހިކަން ދިނުން ހުއްޓާލެވޭކަށް ވެސް ނެތް. އޮޑިދޯނި ފަހަރު ފުރާ ލެފުން ވެސް ހުއްޓާލެވޭކަށް ނެތް” ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީ ކުރިއަށް ގެންގޮސްފައިވަނީ އާންމުންނަށް ވަދެވޭ ގޮތަށް ހުޅުވާލައިގެން ކަމަށްވުމުން އެ ބައްދަލުވުމަށް ތިމާވެށި ހިމާޔަތް ކުރާ ޖަމިއްޔާތަކުގެ މެންބަރުންނާއި އާންމުންވެސް ވަދެ ތިއްބެވެ.

މި ބައްދަލުވުމުގައި އާންމުންނަށް ވާހަކަ ދައްކަން ފުރުސަތު ދިނުމުން ދެ ފަރާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން  ވާހަކަ ދެއްކި ދެ މީހަކު ވަނީ ސަރުކާރުން ހިންގާ ބައެއް މަޝްރޫއުތަކާއި ޓޫރިޒަމްގެ ބޭނުމަށް ބައެއް ފަޅުތައް ހިއްކަމުން ދާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ގޮތުން އެއްވެސް ރޭވުމެއް ނެތި ބައެއް ފަޅުތައް ހިއްކަމުން ދިއުމުގެ އިތުރުން ރަށްރަށުން ރުއްގަސް ނަގައިގެން ގެންދާ މައްސަލަ ވެސް ފާހަގަ ކޮށްފައިވެއެވެ. މިފަދަ ބައެއް މަޝްރޫއުތައް މަޑުޖައްސަން ޖެހޭ ކަމަށް އެ މީހުން ފާހަގަ ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: