ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެއިލްވި މޭޔަރުންނަށް އިންތިހާބް ކާމިޔާބުވިނަމަ އިންތިހާބްވާނީވެސް ރައީސް ޔާމީންގެ މޮޅުފުޅުކަމުންތޯއެވެ!؟

ރައީސް ޔާމީނާއި ރައީސް ނަޝީދު 2013 ވަނަ އަހަރު ހުވާ ކުރެއްވުމުގެ ދަރުބާރުގައި.. ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ ޖެނުއަރީމަހުގެ 31 ވަނަ ދުވަހަކީ މުހިއްމު ޓެސްޓެއް ކުރެވުނު ދުވަހެކެވެ. ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، ވެރިކަންކުރާ އެމްޑީޕީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް އިންތިހާބް ބޭއްވުނު ދުވަހެވެ. އެތައް ސަތޭކަ ކެންޑިޑޭޓުންނެއް ވާދަކުރި އިންތިހާބްގެ ފޯކަސް އެންމެ ބޮޑަށް ގޮސް ހުއްޓުނީ މާލެ، އައްޑޫ، ފުވައްމުލަކު ސިޓީ މޭޔަރުންނަށް އިންތިހާބްވާނެ ފަރާތްތަކަށެވެ. ސަބަބަކީ މި ތިން ސިޓީގައިވެސް މިހާރު ތިއްބެވި މޭޔަރުން ޕްރައިމަރީގައި ވާދަކުރެއްވުމެވެ. މާލެއިން ޝިފާއެވެ. އައްޑޫއިން ސޯބެއެވެ.ފުވައްމުލަކުން ފަލާހު ޝަރީފެވެ. 

މާލޭގެ މައްސަލަތައް ނުހަނު ގިނައެވެ. ބޯހިޔާވަހިކަމާއި، ޓްރެފިކާއި، ތޮއްޖެހުމާއި، ބިދޭސީންގެ މައްސަލަތަކާއި، ޕާކިންގ މައްސަލައާއި، މިހެންގޮސް ޝިފާ ބޭނުންނުވާ އެއްވެސްކަމެއް ނެތެވެ. މިހުރިހާ މައްސަލައަކަށް ޝިފާއެއް ބޭނުންވެއެވެ. ކަންދިމާކުރިގޮތުން މާލޭގެ މޭޔަރުކަމުގައި މިވަގުތު ހުންނެވީ ސިފާ މުހައްމަދު “ޝިފާ” އެވެ. މާލޭގެ މައްސަލަތަކަށް ސިފާގެ މޭޔަރުކަމުގެ ދަށުން ހައްލު ނުލިބޭކަމަށް މާލެއިން ގޮވަމުންދިޔަނަމަވެސް، ސިފާ އަލުން އެމްޑީޕީގެ ޓިކެޓަށް ވާދަކުރެއްވިއެވެ. ސިފާއާއެކު ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފާއި، މެދު ހެންވޭރު ކައުންސިލަރު ނިޔާޒު ވާދަކުރެއްވިއެވެ. ނަމަވެސް މިހުރިހާ ބޭފުޅުން ބަލިކުރައްވާ އެމްޑީޕީގެ ޕްރައިމަރީ މާލޭ ސިޓީ މޭޔަރު ޓިކެޓް ހޯއްދެވީ އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރެވެ. މާލޭގެ މައްސަލަތަކަށް ޝިފާއެއް ބޭނުންވިނަަމަވެސް އެމްޑީޕީ މެމްބަރުން ހޯއްދެވީ ސިފާ ނޫން ގޮތެކެވެ.

އައްޑޫގެ މޭޔަރަކަށް މިހާރު ހުންނެވި، އަބްދުﷲ ސޯދިގު (ސޯބެ) އެވެ. މާލޭ މޭޔަރުކަމަށް 7 ބޭފުޅަކު ވާދަކުރެއްވިނަމަވެސް އައްޑޫގައި ސޯބެއާއި ދެކޮޅަށް ނުކުންނެވީ އައްޑޫ ހިތަދޫ ދާއިރާގެ މެމްބަރު އަލީ ނިޒާރާއި އައްޑޫ ސިޓީ އެމްޑީޕީ ދާއިރާ ރައީސް އަހްމަދު އަދުހަމެވެ. ގިނަ ޒަމާންތަކެއްވަންދެން އައްޑޫ މޭޔަރުކަން ސޯބެ ކުރެއްވިއިރު، ސޯބެއާއި ދެކޮޅަށް ބޭނުންކުރެވުނު ޝިއާރަކީ “ބަދަލަކަށް” އެވެ. ސިޓީ ކައުންސިލްތައް އުފެދުނުފަހުން މިއަދާއިހަމައަށްވެސް މޭޔަރަކީ ހަމަ ސޯބެއެވެ. މިހުރިހާ ދައުރެއްގެ ތަޖުރިބާއިން އެމްޑީޕީ އާއްމު މެމްބަރުން ނިންމެވީ ބަދަލެއް މިފަހަރު ހަގީގަތުގައިވެސް ބޭނުންވާކަމަށެވެ. އައްޑޫގެ ނިންމުމަކަށްވީ ނިޒާރެވެ. 

ފުވައްމުލައް ސިޓީގެ މޭޔަރަކީ އަބްދުﷲ ފަލާހު ޝަރީފެވެ. މާލެ ސިޓީއާއި އައްޑޫ ސިޓީ ފަދައިން މިވަގުތު ތިއްބެވި މޭޔަރުންނާއިމެދު ރައްޔިތުންގެ ހިތްހަމަނުޖެހުން ހުރިކަން ފުވައްމުލަކުންވެސްވަނީ ފެނިފައެވެ. އައްޑޫގައި މޭޔަރުކަމަށް ތިން ބޭފުޅެއް ވާދަކުރެއްވިގޮތަށް، ފުވައްމުލަކުގައި މިވަގުތުގެ މޭޔަރު ފަލާހް ޝަރީފާއި ދެކޮޅަށް ދެ ބޭފުޅަކު ނުކުންނެވިއެވެ. އެއީ މުހައްމަދު ނިޒާމް ހަސަންއާއި އިސްމާއިލް ރަފީގެވެ. ފުވައްމުލަކުން ރައްޔިތުންގެ ހިތް އަތުލީ އިސްމާއިލް ރަފީގެވެ.

ކަންކަން ނުވާ ކޮންމެ ފަހަރަކު މިދެންނެވި މޭޔަރުން ވިދާޅުވެއެވެ. ކައުންސިލްތަކަށް ބާރެއް ނެތެވެ. ތިމަންނާމެންގެ ބާރެއް ނެތެވެ. ރައީސް ޔާމީން ހުރިހާ ބާރެއް އަތުލައްވައިފިއެވެ. ތިމަންނާމެން މިތިބީ ކަސްތޮޅެއްގައެވެ. ނަމެއްގައެވެ. ސުވާލަކީ ނަމެއްގައި އެތަނުގައި ގޮނޑި ހޫނުކުރައްވާ މުސާރަ ނަންގަވައިގެން ތިބެން ބުނީ ކާކުހެއްޔެވެ؟ އޮތީ ކޮން މަޖުބޫރުކަމެއްހެއްޔެވެ؟ ކަމެއް ކުރުމުގެ އިހްތިޔާރާއި އާރާއި ބާރު ނެތްނަމަ، އެކަން އިހްސާސްވުމާއެކު ގޮނޑި ދޫކޮށްލަންވީނުންތޯއެވެ! މާލޭގެ އެންމެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކް ހެއްދެވީ އެހެންނެވެ. އޭރު އޮތީވެސް އެމްޑީޕީގެ ވެރިކަމެކެވެ. އަމިއްލަ ޒަމީރު ގަބޫލުނުކުރާކަންތައް ކުރަން ޖެހުމުން އާދަމް މަނިކް އިސްތިއުފާ ދެއްވީއެވެ. އެއީވެސް ދުވަހަކެވެ. ހިތަށް އަރަނީ މޭޔަރުގެ މަގާމު ދޫކޮށްލައްވަން މިއިން ބޭފުޅަކަށް ނުކެރުނީ “މޭޔަރުގެ ލަގަބު” ގެއްލިދާނެތީހެއްޔެވެ؟ އިއްޔެ މޭޔަރުކަމުން އިސްތިއުފާ ދެއްވާ، މިއަދު މަގާމަށް ކުރިމަތިލެއްވިނަމަ ރައްޔިތުން ގާތު ދައްކާނެ އެހެން ވާހަކައެއްވެސް އޮންނާނެތާއެވެ. 

އިންތިހާބަށްފަހު ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން މީޑިއާއާއި ބައްދަލުކުރެއްވިއެވެ. ނޫސްވެރިއަކު ސުވާލުކުރެއްވިއެވެ. އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އާއި މާލޭގެ މޭޔަރު ސިފާ މުހައްމަދާއި ފުވައްމުލަކު މޭޔަރު ފަލާހު ޝަރީފު ޕްރައިމަރީގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީ އަކީ އެ ބޭފުޅުން ފެއިލްވުން ކަމަށް ދެކެވަޑައިގަންނަވަމުތޯއެވެ. 

އަޅުގަނޑަށް ފެންނަ ފެނުމުގައި ފެއިލްވީ ކުރީގެ ސަރުކާރު. ފެއިލް ކޮށްލައިގެން މިއުޅެނީ. އަޅުގަނޑުމެންގެ ސިޓީ ކައުންސިލްތަކަށް އެނގިވަޑައިގަންނަވާނެ މަސައްކަތް ނުކުރެވުނު އެންމެ ބޮޑު ސަބަބަކީ، ރައީސް ޔާމީން ލާމަރުކަޒީ ނިޒާމް ރުޅާލުމާއި ސިޓީ ކައުންސިލްތައް ހަލާކު[ކޮށްލުން]…ކައުންސިލްގެ އިދާރާ ވެސް އަތުލީ، ކައުންސިލްގެ ގޮނޑި މޭޒު ވެސް އަތުލީ. ކައުންސިލްގެ ކައުންސިލަރުންގެ މުސާރައިން ވެސް ބައެއް ނެގީ. ކައުންސިލަރުން ވެސް ހައްޔަރު ކުރެއްވީ: ރައީސް ނަޝީދު

ރައީސް ނަޝީދުގެ މިޖަވާބުން އަޅުގަނޑު ހިތަށް އެރިއެވެ. ރައީސް ޔާމީން ވެރިކަމުން ދުރަށް ވަޑައިގެންނެވިތާވެސް 15 މަސްދުވަސްވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާއަކީ އެމްޑީޕީގެ ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތީ އެމްޑީޕީ އަތުގައެވެ. މި 15 މަސް ދުވަހުވެސް ސިޓީތަކަށް، ރައްޔިތުންނަށް ހިނިތުންވުން ގެނުވާނެވަރުގެ ކަމެއް މާލެ، އައްޑޫ، ފުވައްމުލަކު ކައުންސިލަށް ނުކުރެވުނީވެސް ހަމަ ރައީސް ޔާމީންގެ ސަބަބުންހެއްޔެވެ. އެހެންކަމަށްވާނަމަ ރައީސް ޔާމީން ހާދަހާވާ ކުޅަދާނަތާއެވެ. އެމަނިކްފާނު އޮންނެވީ ޖަލުގެ ތޭރިތަކުގެތެރޭގައެވެ. އެހެންވިޔަސް ދައުލަތުގެ ހަގީގީ ބާރުވެރިއަކީ ހަމަ ރައީސް ޔާމީންތާއެވެ. އެއްވެސް މީހަކަށް އެއްވެސް ކަމެއް ނުވެގެން މިއުޅެނީ ރައީސް ޔާމީނާއިހެދިތާއެވެ. އެންމެ ބޮޑު ސިޔާސީ ޕާޓީ، ވެރިކަމުގައި އޮވެމެ، އެޕާޓީން ބާއްވާ އެތެރޭގެ އިންތިހާބްތަކުގައި ކެންޑިޑޭޓުން މޮޅު ކޮށްދިނުމުގެ ބާރާއި އިހްތިޔާރުވެސް މިއޮތީ ރައީސް ޔާމީން އަތުގައިތާއެވެ. ހާދަހާ މޮޅު ސިޔާސީ ސިކުނޑިއެއްތާއެވެ. 

މިހުރިހާ ސުވާލެއްގެތެރެއިން ހަމަ ހިތަށް އެރިއެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބްގައި މާލޭ މޭޔަރަކަށް ޝިފާ، އައްޑޫ މޭޔަރަކަށް ސޯބެ، ފުވައްމުލަކު މޭޔަރަކަށް ފަލާހު އިންތިހާބުވިނަމަ އިންތިހާބްވާނީވެސް ހަމަ ރައީސް ޔާމީންގެ މޮޅުފުޅުކަމުންދޯއެވެ!؟

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: