ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިރު އެރީ ކޮން ކޮޅަކުން؟: “ބޫން ބޫން ލާފައި” މިއޮއްގެން އިވޭ އަޑުތަކެއް!

މިނިސްޓަރު އަލީ ވަހީދުގެ ހުތުރު ބަސްތަކުގެ އޯޑިއޯތަކެއް އާއްމުންނާއި ހަމައަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އޯޑިއޯތަކެއް މިވަނީ ފުލުފުލުގައި ލީކުވެފައެވެ. ފިލްމް ސީރީސްއެއްހެން ލީކުވީ އެ އެޕިސޯޑުތަކުން ފެނިގެން ދިއައީ އަލީ ވަހީދުގެ އަސްލު ސިފަކަމަށް ބައެއް މީހުން ދެކެއެވެ. އިރު އަރައިގެން އުޅޭ ކޮޅެއް ބައެއް ބޭފުޅުންނަށް ނޭނގުނަސް އެނގި ހާމަވާ ކަމަކީ މިއޮތީ “ބޭޒާރެއް” ވެފައި ކަމެވެ. ކޮރަަޕްޝަންގެ ބޮޑު ސައްލާތަކުން ފެށިގެން، ތިމާ މީހާގެ “ގަދަ” ކަމުގެ ވާހަކައިން އެންމެފަހުން ސަފާރީތަކަށް “ކުދިންކޮޅެއް” ގޮވައިގެން ޕާޓީކޮށްލަން ދާ ވާހަކަ އެއޮގެން ދައްކަވަނީ އެވެ. މި ވާހަކަ މަޖިލީހުގެ މެމްބަރުންނަށް އިވޭބާއެވެ. ނޫނީ މަސައްކަތުގެ މައިދާނުގައި ބިޒީއީބާއެވެ.

ދިވެހި ރާއްޖޭގެ ވަޒީރެއްގެ ފަރާތުން މިފަދަ ހުތުރު ހަޑި މަންޒަރެއް ފެނުނު މިއީ ފުރަތަމަ ފަހަރެވެ. އެނގި ހާމަވާ ކަމަކީ، ފުރައްސާރައިގެ ވާހަކައާއި، ކޮރަޕްޝަންގެ ވާހަކަ އަދި އަނެކާގެ “ސިޔާސަތުގެ” ގޯސްކަމުގެ ވާހަކައިގެ ސައްލާ މޭޒަކަށް މިނިސްޓަރުގެ ކޮަޓަރި ހަދާފައިވާކަމެވެ. އެއީކީ ހިތު ހުރި ވާހަކަ ދައްކަން ހޮޅުއައްޓެއް ނުވަތަ ކޮފީ މޭޒެއް ނޫނެވެ. ޒުވާން ވަޒީރެކެވެ. އެކުގައި ހީ ނަގާ ސަކަރާތުގެ ތެރޭން، އެ ދައްކާ ވާހަކައަށް ޖޯކު ޖަހަމުން ގެންދެވީ ޒުވާނުންގެ މިނިސްޓްރީގެ ސްޓޭޓު އައްސަދު އަލީ އެވެ. އާއްމު ބަހުން ބުނާނަމަ ކުރީގެ ގައުމީ ޓީމުގެ ކުޅުންތެރިއާ އަޑުބަރޭއެވެ.

އެ ދެއްކެވި ވާހަކަތައް ކަންފަތުން އަޑުއަހަން ކިތަންމެހާވެސް އުނދަގުލެވެ. އެ އޯޑިއޯތަކަކީ މީޑިއާއަކަށް އާއްމުންނާއި ހަމައަށް ގެނެސްދެވޭ ވަރުގެ ދަށު ދަރަޖައިގެ ވާހަކަތައް ދައްކަވާ އޯޑިއޯތަކެކެވެ. އެ ދެއްކި ވާހަކަތަށް އެހެން ކަންފަތަކަށް ގޮސްދާނެ ކަމެއް އަލީ ވަހީދުގެ ހިތަކަށް ވެސް ނާރާނެއެވެ. ވާހަކަތަކުން އެނގޭހާވެސް ކަމަކީ، މިއީ އެތައް ދުވަހަކު އެ “މޭޒެއް” ދޮށުގައި ތިބެގެން ދެކެވޭ ވާހަކަތަކެއް ކަމެވެ. އެކައްޗަށްފަހު އަނެކަތި ލީކުވަމުން ދާއިރު ކުރިއަށް އޯޑިއޯއެއް އޮތް ނަމަ އެ އޯޑިއޯގައި ދައްކާނެ ވާހަކައަކަށް މަވާ ސަލާމެވެ.

އަލީ ވަހީދުގެ އޯޑިއޯތައް ތަހުގީގުކޮށް ފިޔަވަޅު އަޅާ، އޭނާ މަގާމުން ވަކި ކުރުމަށް އާއްމުން ދަނީ ގޮވާލަމުން – ފޮޓޯ: ސަން

ދެން ކުރެވޭނެ ކަމެއް ނެތެވެ. ބޭފުޅަކު ސާފު ހުދު، ދުވާލާއި ރޭނގަނޑުވެސް ވަކިވާހާ ވީޑިއޯއެއް އާއްމުވީމާ “ބަލަ، އެ މީހާއާއި އަޅުގަނޑާއި ހާދަ ވައްތަރޭ….. މިހާރުގެ ކުދިން ހާދަ މޮޅޭ އެޑިޓްކޮށްލަން” މިހެންވެސް ވިދާޅުވިއެވެ. އެ ވީޑިއޯގެ ވާހަކަ ބާއްވާނަމެވެ. “ވިސިލް ބްލޯވާ” އެއްގެ އެކައުންޓަކުން މި ލީކު ކުރާ ސީރީސްތަކަކުން ރައްޔިތުން ނުހަނު ކަންބޮޑުވެއްޖެއެވެ. މިނިސްޓަރެއްގެ އެހެރަ ވިސްނުމެއް ފެނިފައެވެ. އެހަރަ ބަސްތަކަކާއި، ބަސްމަގެއް އަޑުއިވިފައެވެ. ހިތަށް ވެސް އަރާނީ ކިހިނެއް ބާއެވެ. ބައެއް ބޭފުޅުން ދުވަސްތަ ހޭދަ ކުރެއްވި ގޮތް 2007 ހިސާބުގައި ކިޔައިދެއްވި ބޭފުޅާ މިނިސްޓަރު ކަމުގައި ހުންނަވައިގެން ދުވަސްތައް ގުނުއްވި ގޮތް މިއޮތް ފެންނަނީއެވެ.

އެ ހަޑި ހުތުރު ބަސްތަކުގައި “މޯރަލް ސަޕޯޓު” ދޭން ތިއްބެވި އެންމެނެއް ސާފެއް ނޫނެވެ. އެހެން ނަމަވަސް އެ އޯޑިއޯގައި އައްސަދުގެ އަޑު އިވޭކަން ވަރަށް ވެސް ސާފެވެ. އެއަށްފަހު ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްސަދު ރިޒާގެ އަޑުވެސް އިވެއެވެ. ކަންދިމާ ކުރާގޮތުން، މި ތިން ބޭފުޅުންވެސް އެ މަގާމަށް ކަނޑައަޅާފައިވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓުގައެވެ.

އެއްކޮޅުން ދައްކަވަމުން ގެންދެވީ، އެއް މިނިސްޓަރަކު މަސައްކަތް ނުކޮށް އަބަދު “ހެދިކާ ކާ” ވާހާކައެވެ. ހެލްތް މިނިސްޓަރު އަބްދުﷲ އަމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. ކޮރޯނާ ވައިރަސްއާއި ގުޅިގެން ކަރަންޓީން ފެސިލިޓީތަކާއި، މާސްކުތައް ހޯދުމާއި، އަދި ޓާސްކް ފޯސް އެނޫންވެސް ހުރިހާކަމެއްގެ ކްރެޑިޓް ނަންގަވައެވެ. އެއަށްފަހު ދެން ދައްކަވަނީ އެޑިއުކޭޝަން މިނިސްޓަރުި ޑރ. އައިޝަތު އަލީ ސައިޒުކުރާނެ ވާހަކައެވެ. ކެބިނެޓް ބައްދަލުވުމުގައި އެންމެގެ ތެރޭ “ބުލީކޮށް” ދައްކާލާނެ ވާހަކައެވެ. މިއީ ވާހަކަތައް ހުރި ލެވެލްއެވެ. ހުރި ފެންވަރެވެ.

އެއަށްފަހު ދެން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއަށް މިސްވެގެން ގުޅާލައެވެ. ނަހުލާވެސް، ހީ ސަކަރާތުގެ ތެރެއިން ވާހަކަ ދައްކަވައެވެ. އެއަށް އަލީ ވަހީދު ބޭއަދަބީ ރާގަކަށް ނަހުލާއާއި ވާހަކަ ދައްކަވައެވެ. އޭގެ އިތުރުން، ފޯނު ބޭއްވުމަށްފަހު ދެ ބޭފުޅުންގެ ދެމެދުގައި ހިނގިކަމެއްގެ ވާހަކައެއް ކަމަށް ބުނެ ބޭއަދަބީކޮށް ވާހަކަ ދައްކަަވައެވެ. މިއީ ބަލަންޖެހޭ ކަންތަކެވެ. އަލީ ވަހީދު، އާއި އައްސަދު ޓްވީޓުކޮށްފިއެވެ. ދެން ނަހުލާވެސް ޓްވީޓު ކުރަންވީ ނޫންތޯއެވެ. ތިމަންނާއަށް އެކަހަލަ ކޯލްއެއް ނާންނަކަމަށް ބުނަންވީ ނޫންތޯއެވެ.

އަލީ ވަހީދުކަމަށް ބެލެވޭ މީހާގެ ފަސް ވަނަ އޯޑިއޯ، ދައްކަވަނީ ނަހުލާގެ ވާހަކަ

ނަހުލާގެ ރީތިކަމަށް ތައުރީފްކުރުމާއި ހަމައިން، އިސްލާމްދީނާއި ހިލާފު ކަންކަމަށް ހިއްވަރު ދިން އޯޑިއޯވެސް ލީކުވިއެވެ. އެއީ ފަސް ވަނަ އެޕިސޯޑެވެ. މިހާވަރުންވެސް އަލީ ވަހީދު ހަމަ “ޑެނައި” ކުރައްވަނީއެވެ. ތަހުގީގަކަށް ގޮވާލިއެވެ. ތެދެކެވެ. ތަހުގީގު ކުރާށެވެ. އެއީ އަލީ ވަހީދުކަމަށް ޝައްކެއް ވެސް ނެތް މިންވަރަށް ސާބިތުވާނަމަ މި ސައްލާ ތެރޭގައި ޝާމިލްވީ އެންމެން ވަކި ކުރާށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެކެވެ.

މިހުރިހާކަމަކަށް ވެސް އަލީ ވަހީދަށް ދެންނެވުނީ، “އެއީ އަބުރު ކަތިލުން” ކަމަށެވެ. “އަޒުމެއް ނުގުޑާނެ” ކަމަށް ބުނެ އަޑަށް ބާރުލިއެވެ. އަލީ ވަހީދަކާއި އެހެން އެހެން “ނުކުޅެވޭނެ” މިހެން ބުނާތީ ވެސް މީގެ ކުރިން އަޑުއެހީމެވެ. އެއޮތީ، އެއް މޭޒެއްގައި އިން މީހަކު ރަނގަޅަށް ވެސް ކުޅެލާފައެވެ.

މި ހުރިހާ ކަމަކީ ފޭކެއް ނޫންކަން ގަބޫލު ކުރެވޭ ވަރަށް ގިނަ ސަބަބުތައް ހުރެއެވެ. އަލީ ވަހީދާއި އާއްމުކޮށް ވާހަކަ ދެއްކުނު ކޮންމެ މީހަކަށް އަލީ ވަހީދުގެ ރާގު ވަރަށް ރަނގަޅަށް އިނގޭނެއެވެ. ހާއްސަކޮށް “ހަލޯ، ހަމަ މިސް ވެގެން ގުޅާލީ” އެ ޖުމްލައިން އެކަން ވަރަށް ސާފެވެ. އެ އޯޑިއޯއިން ކުރީ ޖިންސީ ފުރައްސާރަކަމަށް އެތައް ބަޔަކު ގަބޫލު ކުރެއެވެ. އެއީ އެބުނާ “ފްލާޓު” ކުރުމެއް ނޫނެވެ.

އެއްކުވެރިން ކައިރީ ދެއްކި ވާހަކައިގައި ފާހިޝް އަމަލެއްގެ ވާހަކަ ދައްކަވައެވެ. އެކަމާ އެހެން މީހުން ބައިވެރިވުމަށް ވެސް ދައުވަތު ދެއެވެ. މިއީ އަސްލެއް ނަމަ ކިތަންމެހާވެސް ކަންބޮޑުވާންޖެހޭ މައްސަލައެކެވެ. ވަގުތުން ވަގުތަށް ތަހުގީގުކޮށް ފިޔަވަޅު އަޅަންޖެހެއެވެ. މިއީ ފިިރިހެނުން ދެން ދައްކާނެ ވާހަކަތަކެއް ނޫންހޭ ބުނެ ފަރު ޖައްސައެއް ނުލެވޭނެއެވެ. އައަށްވުރެ އެ އޯޑިއޯގައި ބުނާ ވާހަކަތައް މާ ސީރިއަސްއެވެ.

އޯޑިއޯގައި ނަހުލާއާއި ގުޅޭގޮތުން ދެއްކެވި ވާހަކަ ތަހުގީގު ކުރަންޖެހޭ

ޒީރޯ ޓޮލަރެންސްގެ ސްލޯގަން ބޭނުން ކުރަންވީ އަސްލު ވަގުތަކީ މިއީއެވެ. ބައެއް ވަޒީރުން ތަކަކަކާއި، ހެދި ނޫނީ ކޯލިޝަންއަށް އައިސްދާނެ ލޮޅުމަކާއި ހެދި “އޯކޭ” ދީގެން ނުހުރެވޭނެއެވެ.

ދެން މީހަކު މިއީ އެފްއޭއެމްގެ އިންތިހާބަށް ކުރާ ބްލެކްމެއިލްއެއް ކަމަށް ބުނުމުން ރައީސް މައުމޫން ވިދާޅުވީހެން އަޅުގަނޑަށް ހަމަ އަންނަނީ ހިންޏެވެ. ކްލަބުތަކުގެ ހުރިހާ ތާއީދެއް ބައްސާމަށް އޮތްއިރު މިއީ ކޮން ގޭސްގަނޑެއްގެ ވާހަކަ ބާއެވެ. މި އޯޑިއޯއާއި އެފްއޭއެމްއަކާއި ކޮން ގުޅުމެއް ހެއްޔެވެ. “އެކްސްޕްލެނޭޝަންއެއް” ނޫނީ “ޖަސްޓިފިކޭޝަންއެއް” ދޭއިރު ތަންކޮޅެއް ސިކުނޑިއަށް ވެސް ވަންނަ ކަހަލަ ވާހަކައެއް ދައްކަވާށެވެ.

އެއް މިނިސްޓަރެއްގެ ގޯހަށް، މަގާމުން ދުރު ކުރެވިއްޖެއެވެ. މަޖިލީހުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވަ އަބްދުﷲ މެން އަޑަށް ބާރުލާފައި ވާހަވެސް ދެއްކިއެވެ. މިއަދު އީވާ ކޮބާ ހެއްޔެވެ. ދެން ތިއްބެވި މެމްބަރުން ކޮބާހެއްޔެވެ. އަލީ ވަހީދު ވީމަ ހަމަ ދެން މަޑުން ތިބެންވީ ހެއްޔެވެ. ސިޔާސީ އަނގަތައް މައިތިރި ވާންވީ ސަބަބު ވަޒަންކޮށްލަން ރައްޔިތުންނަށް އެނގޭނެއެވެ. އެވާހަކަ އަޅުގަނޑެއް ނުދައްކާނަމެވެ. ހުދު، ޖޭޕީގެ ލީޑަރު ގާސިމް ވެސް އެހުންނެވީ މައިތިރިވެގެންނެވެ. އެހެން ނަމަވެސް، ގާސިމް ހިތުތެރޭގައި އެއްޗެސް ނޭނބުރިއެއް ނުހުންނާނެއެވެ.

ދެން އޮތީ، އަލީ ވަހީދު ޖޭޕީން ދުރަށް ޖެހިދާނެ ވާހަކައެވެ. ގާސިމްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވެސް އަލީ ވަހީދު ކުނޫޒުން ނުފެނުމެވެ. ކުނޫޒަށް ވުރެ ތިލަފަތް ޖެހި ޕޯޑިއަމްއަކުން އަލީ ވަހީދު ފެނުން ގާތީ ބާއެވެ؟ ހަމަ އެހާވެސް އަލީ ވަހީދު އެމްޑީޕީއަށް މުހިންމު ހެއްޔެވެ؟ ކޮން ބަރުދަނެއް ހުރެގެން ބާއެވެ.

ސަރުކާރަށް މި އޯޑިއޯއަށް ބީރު ކަންފަތެއް ނުދެވޭނެއެވެ. އޭރުން ރައްޔިތުން ބީރު ކަންފަތެއް ދޭނީ ކައުންސިލް އިންތިހާބަށެެވެ. އެކަން ވަރަށް ސާފެވެ.

ދެން ހިތަށް އަރާ ސުވާލަކީ، ހުން އަންނާނެ ކަމަށް މިހާރު ކިތަށް މިނިސްތަރުން “ރަޖާ” އަޅައިފިތޯއެވެ. ސަބަބަކީ އެ އޯޑިއޯ ލީކު ކުރި ޓްވިޓާ އެކައުންޓްއިން ބުނާގޮތުން އަދި ކުރިޔަށް އޮތީ އެހެން މީހުންގެ އޯޑިއޯތަކެވެ. ވިސިލް ބްލޯއެކެވެ. އީވާ މެންނާއި ވަރަށް ގާތް ބަހެއް ވެސް މެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: