ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑަށް ރުފިޔާ ދޭން އުޅޭކަށް އެއްވެސް ބަޔަކަށް ނުކެރޭނެ: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ރިޝްވަތު ދީފައިވާ ކަމަށް ކޮށްފައިވާ ތުހުމަތުތައް އެމަނިކުފާނު ދޮގު ކުރައްވައިފި އެވެ.

އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރުގެ އިންވެސްޓް ކޮށްގެން ހަދާ ސީޕްލޭން ޓާމިނަލުގެ  ބޮޑު ބައެއް ކުޑަ އަގަކަށް ޓީއެމްއޭއަށް ދިނުމަށް އެމްއޭސީއެލް އިން ނިންމުމުގައި، ރައީސް ނަޝީދަށް 13 މިލިއަން ޑޮލަރުގެ ރިޝްވަތެއް ދީފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ތުހުމަތު ކުރެއްވި ގޮތުގައި ރައީސް ނަޝީދަށް ޓީއެމްއޭއިން 13 މިލިއަން ޑޮލަރު ދީފައިވެއެވެ.

ނޮޅިވަރަމް ދާއިރާގެ މެންބަރުގެ ތުހުމަތުތައް ދޮގު ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ރިޝްވަތު ދިނުމަށް އެއްވެސް ބަޔަކު ނޫޅޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ރިޝްވަތު ދިނުމާއި ހިފުމަކީ މަނާ ކަމެއް ކަމަށެވެ. އަދި ޓީއެމްއޭ އަށް ވިޔަސް އަދި އެހެން މީހަކު ވިޔަސް އެމަނިކުފާނަކަށް ރުފިޔާ ދޭން ނޫޅޭނެ ކަމަށާއި ނުވެސް ދެވޭނެ ކަމަށެވެ. އެފަދަ ކަމަކާ އެއްވެސް މީހަކު  ނުވިސްނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ވަކިކަމެއް ވަކިގޮތަކަށް ކުރުވުމުގެ ބޭނުމުގައި އެއްވެސް ބޭފުޅަކު އެމަނިކުފާނާއި ރަހުމަތްތެރިކަން ބާއްވަން ނޫޅުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

“އަޅުގަނޑަށް ޔަގީން އިއްޒަތްތެރި މެމްބަރުން ކުޑަކޮށް ވެސް ގަބޫލެއް ނުކުރައްވާނެ ޓީއެމްއޭ އަކަަށް ވެސް، އެހެން މޭ އަކަށް ވެސް އަޅުގަނޑަކަށް ރުފިޔާ އެއް ނުދޭ، ނުވެސް ދޭނެ، ދޭކަށް ނުވެސް އުޅޭނެ. ދެއްވަން އުޅުއްވަބަލަ އެއްވެސް މީހަކު އެއްވެސް އެއްޗެއް، އެކަން ގޮސް ނިމިދާނެ ގޮތް އެބަޔަކަށް ވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ، ރިޝްވަތު ދިނުމަކީ ވެސް މަނާ ކަމެއް، ރިޝްވަތު ހިފުމަކީ ވެސް މަނާ ކަމެއް، ރިޝްވަތު ދޭން އުޅޭކަން އެނގި އެކަމާ އަޅާނުލުމަކީ ވެސް މަނާ ކަމެއް،” ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އެމްއޭސީއެލް އިން ސީޕްލޭން ޓާމިނަލް އެކީގައި ޓީއެމްއޭ އަށް ދިނުމަށް ކުރީ ސަރުކާރުން ނިންމި ނިންމުން ބަދަލުކޮށް، މި ސަރުކާރުގެ ފަރާތުން މިހާރު ހުށަހަޅާފައިވާ ހައްލަކީ، އެކަމުގައި އޮތް އެންމެ ފަހު ބަސް ކަމަށެވެ.

ނަޝީދު ވިދާޅުވީ، މާލިއްޔަތު ކޮމިޓީގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސަރުކާރުގެ ސިޔާސަތު ވަރަށް ސާފުކޮށް ކިޔާދެއްވާފައިވާ ކަމަށެވެ.

“ހީލަތާއި މަކަރާއި އޮޅުވާލުމުގެ ތެރެއިން އެ ޓާމިނަލް އެކީގައި ޓީއެމްއޭއަށް ކުރީ ސަރުކާރުން ދޭން ނިންމާފައި އޮތް ނިންމުން ރައީސް އެ ބަދަލުކުރެއްވީ. އަދި އާ ނިންމުން ރޭގައި ފިނޭންސް މިނިސްޓަރު އެ ވިދާޅުވެދެއްވީ އެއީ އަޅުގަނޑު ހިތުން މިހާރު މިކަމުގައި އޮތް ގޮތް. ފަހު ބަހަކީވެސް އެއީ އޮތް ބަހަކީވެސް އެއީ،” ނަޝީދު ވިދާޅުވި އެވެ.

މީގެ ކުރިން ރައީސް ނަޝީދު ވަނީ އެމްއޭސީއެލްއާ ޓީއެމްއޭއަށް އެއްބަސްވެވޭ ގޮތަކަށް މައްސަލަ އަވަހަށް ނިންމުން މުހިންމު ކަމަށާއި އެހެންނޫނަމަ ޓީއެމްއޭއަށް ބަދަލު ދޭން ޖެހިދާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ އެ ވާހަކަފުޅުތަކާއި ގުޅިގެން އެމަނިކުފާނު އެ މައްސަލާގައި ވަކި ބައެއްގެ ދިފާއުގައި ވާހަކަފުޅު ދައްކަވަނީ ކަމަށް ގިނަ ބަޔަކު ބުންޏެވެ. އަދި އެގޮތަށް ވާހަކަފުޅު ދައްކަވަނީ އެމަނިކުފާނުގެ ބައިނަލްއަގްވާމީ ވަކީލުންގެ ޓީމުގައި ހިމެނޭ މެންބަރެއްގެ މަސްލަހަތުގައި ކަމަށް ވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: