ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިއްރުޖަހާފައި ރިޕޯޓުތައް ފޮނުވުމަކީ އަޅުގަނޑު ވަރަށް ހިތްނުރުހޭ ކަމެއް: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ސިއްރު ޖަހާފައި ރިޕޯޓުތައް އެކި މުއައްސަސާތަކުން، ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަކީ ވަރަށް ހިތްނުރުހޭ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްއޭސީއެލުން ބޮޑު ހޭދައެއްކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދާ ސީޕްލޭން ޓާމިނަލް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޓީއެމްއޭ އަށް ދޭން އުޅޭ ކަމަށް ހުށަހެޅި މައްސަލައިގައި، އޭސީސީން ރައްޔިތުންގެ މަޖިލީހާ ހިއްސާކުރި ރިޕޯޓަކީ ސިއްރު ރިޕޯޓެއް ނޫން ކަމަށް އެކޮމިޝަނުން ބުނެފައިވަނިކޮށެވެ.

ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ ރައީސް ނަޝީދު ވިދާޅުވީ ސީޕްލޭން ޓާމިނަލްގެ ތަހުގީގާ ގުޅޭ ގޮތުން އޭސީސީގެ ރިޕޯޓު ލިބިފައި ވަނީ ސިއްރު ރިޕޯޓެއްގެ ގޮތުގައި ކަަމަށެވެ.

އެކަމާގުޅިގެން އޭސީސީން ބުނެފައިވަނީ ޓާމިނަލް މައްސަލައިގައި ރައްޔިތުންގެ މަޖިލީހާ ހިއްސާކުރި ސިއްރު ރިޕޯޓުގައިވާ މުހިއްމު ހޯދުންތައް މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އާއްމު ކޮށްފައިވާނެ ކަމަށެވެ. އަދި ތަހުގީގުގެ ފުރަތަމަ މަރުހަލާގައި ފާހަގަވި ކަންކަން ސިއްރު ޖަހާފައި މަޖިލީހުގެ އިދާރާ އާއި އަދި އެހެން މުއައްސަސާތަކަށް ފޮނުވީ އެ މައުލޫމާތު އެ ކޮމިޝަނުން އިސްވެ އާއްމުކުރަން ބޭނުންވާތީ ކަމަށެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ “ރައްޔިތުންގެ މަޖިލީހުގެ ރައީސް އަރިހުގައި ސިއްރުން ދައްކާނެ ވާހަކައެއް ނޯންނާނެ” ކަމަށެވެ.

ނަޝީދު ވިދާޅުވީ އޭސީސީގެ ރިޕޯޓު މަޖިލީހަށް ލިބުނު އިރު އޭގެ ބޭރުގައި ސިއްރު ޖަހާފައި އޮތް ކަމަށެވެ. ނަމަވެސް ސިއްރުވެފައި އޮތީ ހަމައެކަނި ސިޓީކަން ފަހުން އެނގިވަޑައިގެންނެވި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ސިއްރު ޖަހާފައި ރިޕޯޓުތައް ތަންތަނުން މަޖިލީހަށް ފޮނުވުމަކީ އެމަނިކުފާނު ވަރަށް ހިތްނުރުހޭ ކަމެއް ކަމަށާއި ސިއްރު ޖަހާފައި ތަކެތި ފޮނުވިޔަސް މަޖިލީހުގެ 87 މެމްބަރުންނަށް އެ ހިއްސާ ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

“އަޅުގަނޑު ކައިރީގައި އެކަނި ދައްކާނެ ސިއްރު ވާހަކައެއް މި މަޖިލީހަކު ނޯންނާނެ. ސަރުކާރުގެ އެއްވެސް ބޭފުޅަކުވެސް. ދައުލަތުގެ އެއްވެސް ބޭފުޅަކުވެސް. މަޖިލީހުގެ ރައީސް ކައިރިއަކު ސިއްރުން ވާހަކައެއް ދައްކަވައިގެން ނުވާނެ. އަޅުގަނޑަށް އެނގޭ ވާހަކައެއް ވެއްޖެއްޔާ 87 މެމްބަރުންނަށް ހަމަ ސިއްރުން އަޅުގަނޑު ދަންނަވާނަން.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ދައުލަތުގެ އެއް އިދާރާއަކުން އަނެއް އިދާރާއަކަށް ސިއްރު ޖަހާފައި ފޮނުވާ އެފަދަ ރިޕޯޓްތަކާއި މައުލޫމާތުތައް އާއްމުކުރެވޭނީ އެ ފޮނުވި އިދާރާއެއްގެ ހުއްދައާ އެކުގަ އެވެ. އެގޮތުން ސިއްރު ރިޕޯޓެއްގެ ގޮތުގައި މަޖިލީހަށް ފޮނުވި ރިޕޯޓް އާއްމުކުރެވޭނީ އޭސީސީން ލިޔުމުން އެކަން މަޖިލީހަށް އެންގުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: