ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީން ވާ ގުރުބާނީގެ އަގު، އަހަރެމެނަށް އަދައެއް ނުކުރެވޭ!

ބޭރުމީހުން --- ފޮޓޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ތްރީޑީ (ޑިފިކަލްޓް، ޑޭންޖަރ، ޑާޓީ) މަސައްކަތްތައް ޢާއްމުކޮށް ކުރަނީ ބިދޭސީންނެވެ. ހުރިހާ އުނދަގޫ، ނުރައްކާތެރި އަދި ނުތާހިރު މަސައްކަތް އަޅުގަނޑުމެންނަށް ކޮށްދޭ ބިދޭސީންނާއި މެދު އަޅުގަނޑުމެން ޢަމަލުކުރާނީ ކިހިނެއް ހެއްޔެވެ؟ ބިދޭސީން އެވާ ގުރުބާނީގެ އަގު އަހަރެމެނަށް އަދާކުރެވޭ ހެއްޔެވެ؟ ހައްތާހާ ވެސް ސުވާލެވެ.

އެވާލާ ޒަމާނުންސުރެ ވެސް، އޯގާތެރި، މެހުމާންދާރީ އަދާކުރަން ދަންނަ ނަމޫނާ ބައެއްގެ ގޮތުގައި ދިވެހިން ވަނީ މަޝްހޫރުވެފައެވެ. އެހެންނަމަވެސް ބައެއްފަހަރު ބައެއް މީހުން އެކަން އެބަ ހަނދާންނެތިގެންދެއެވެ. ބިދޭސީންނަށް ވީތީ އެމީހުންނާ މެދު ހިތުހުރި ގޮތަކަށް ކަންތައް ކުރާ މަންޒަރު ފެންނަލެއް މަދެއް ނޫނެވެ. އަމިއްލަ އުފަން ވަޒަނާއި ލޯބިވާ އާއިލާ ދޫކޮށް ބިދޭސީން މި ދިވެހި ރާއްޖެއަށް އަންނަނީ ވަރަށް ފޮނި އުންމީދުތަކާއި އެކުގައެވެ. ދަރިންނަށް މަތީ ތައުލީމު ހާސިލްކުރުމަށް މަގު ފަހި ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ އުންމީދުގައެވެ. ލޯބިވާ އަބިމީހާ އެދޭފަދައިން ރަނގަޅު ހަމަޖެހޭ ދިރިއުޅުމެއް ބިނާ ކުރުމަށްޓަކައެވެ. ހިތުގެ ފިނިކަން ކަމުގައިވާ މަންމަގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އެދޭ ހާލުގައެވެ. 

އެކަމަކު އަހަރެމެންގެ ތެރެއިން ބައެއް މީހުން އެމީހުންނަށްދޭ ހަދިޔާ އަކީ ހެސްކިޔާފައި މަސައްކަތްކުރުވާފައި މުސާރަ ނުދީ މަގުމަތިކޮށްލުމެވެ. ނިދަން ބާއްވަނީ އިންސާނުން އުޅެން ހެޔޮނުވާވަރުގެ ތަންތަނުގައެވެ. އެމީހުންނާއި މެދު އިހުމާލުވާ މީހުން އަސްލުވެސް ދިވެހިންގެ ތެރޭގައި މަދެއް ނޫނެވެ. ދެތިން އަހަރަށް ރާއްޖޭގައި މަސައްކަތް ކުރަން އައި މީހުންވެސް އަދިވެސް އެމީހުންގެ އަމިއްލަ ގައުމަށް ނުދެވިފަ އެބަތިއްބެވެ. 

ބިދޭސީންގެ ސަބަބުން ދިވެހިންނަށް ފަސޭހަތަކެއް އެބަވެއެވެ. އެކަމަކު އޭގެ އަގެއްގެ ގޮތުން އެމީހުންނަށް މިދެނީ ހިތްދަތި ކަމެކެވެ. މިވަރުން ދަންޏާ ބިދޭސީން ނުގެންނަމާ ހެއްޔެވެ؟ ބިދޭސީން ގެނައުން މަދުކުރަންޖެހޭ ނުވަތަ ހުއްޓާލަންޖެހޭ ސަބަބުތައް މި ނޫނަސް އެބަ ހުއްޓެވެ.

އެގޮތުން، ބިދޭސީންގެ ރާއްޖޭގައި ގިނަވެ، ތޮއްޖެހޭ ވާހަކައަކީ އަބަދުހެންމެ ދައްކާ އެއް ވާހަކަ އެކެވެ. ބިދޭސީންގެ އުނދަގުލާ ހެދި އެކި ފަހަރު ނިކުންނަނީ އެކި މައްސަލަ އެވެ. މުޖުތަމައަށް ވިޔާނުދާ އެކި އާދަތައް ފެތުރުމެވެ. ބައެއް ފަހަރު ދުއްތުރާ ބޮޑުވުމެވެ. މި ހުރިހާ ކަމަކަށް ވުރެ އިގްތިސޯދަށް ހުރި ބިރު އަދި މާބޮޑެވެ. ދިވެހިން ވަޒީފާގެ ބާޒާރުގައި ބިކަވެ ހަނި ފުރުސަތުތަކެއް ދިވެހިންނަށް އޮންނަނީ ބިދޭސީ މަސައްކަތު މީހުންގެ ސަބަބުންކަމަށް ދެންނެވިދާނެ އެވެ. ވިސްނުމުން އެކަން ދޫކޮށްލާފައި ވިޔަސް ބިދޭސީންގެ އަތް ރާއްޖޭގެ އިގްތިސޯދުގައި މާ ބާރުގަދަ އެވެ.

މިއަދު ރާއްޖޭގެ މަސައްކަތުގެ މާހައުލަށް ބަލާއިރު އެ މަސައްކަތްތެއްގައި ބިދޭސީން ބައިވެރިނުވާ ނުވަތަ އެމީހުންގެ އަތެއް ނުވާ ދާއިރާއެއްނެތެވެ. ދިވެހިންގެ އިގްތިސާދުގެ މައިގަނޑު ދާއިރާ، ފަތުރުވެރިކަމުގައިވެސް ދިވެހިންނަށް ވުރެ ގިނައީ ބިދޭސީންނެވެ.

ދިވެހިންގެ ލޭނާރުކަމުގައި ބުނެ ފަހުރުވެރިވާ މަސްވެރިކަމުގައިވެސް ބިދޭސީންގެ ވަކިތަށް ގެންދަނީ ހިއްޕަމުންނެވެ. އަދި ފިހާރަތަކަށް ބަލާލިކަމުގައި ވިޔަސް ސޭލްސްމަނަކަށް ނުވަތަ ފިހާރާގެ ސޭޓަކަށް ނަމަވެސް ބިދޭސީއަކު މަސައްކަތް ނުކުރާ ފިހާރައެއް ނެތޭ ބުނެވިދާނެ އެވެ.

އެކަމަކު އެމީހުންގެ އަގު އަހަރެމެންގެ ކުރިމަތީގައި ހާދަހާ ދަށެވެ. އެމީހުންގެ ކުށަކީ ކޮބާ ހެއްޔެވެ؟ އެއީ ދިވެހިން ކަންނެތް ކަން މަތީ ބައިތިއްބާފަ މަސައްކަތް ކޮށްދޭ މީހުންނަށް ވީމަ ހެއްޔެވެ؟ މިއަދުގެ ރާއްޖެ ފާހަގަކުރެވިފައިވަނީ ނަސްލީ ތަފާތު ކުރުންތައް ބޮޑު ގައުމެއްގެ ގޮތުގައެވެ. ބިދޭސީންނަށް ވީމާ އޮތީ ދެރަ ގޮތެވެ. ނިކަމެތި ގޮތެވެ. މިއީ ބޮޑު މައްސަލައެކެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: