ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީން ގެނައުމަކީ ސަރުކާރު ތެރޭގައި ތިބި ބަޔަކު ކުރާ ވިޔަފާރިއެއް: ރީކޯ މޫސަ

ޝެއާރކޮށްލާ ކަހަލަދޯ؟

ބިދޭސީންގެ މައްސަލައަށް ޙައްލެއް ނުލިބެގެން އުޅެނީ، ސަރުކާރުގެ އެތެރޭގައި ތިބި ބަޔަކު ކުރާ ވިޔަފާރިއަށް އެކަން ވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ “ޚަބަރަށް ފަހު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ ބިދޭސީންގެ މައްސަލައަށް ޙައްލެއް ނުގެނިވެގެން އުޅެނީ، އެމީހުން ރާއްޖެއަށް ގެންނަން ފެށި ހިސާބުން، އެކަށީގެންވާ ގޮތެއްގައި ހިސާބުތައް ބެލެހެއްޓިފައި ނުވާތީ ކަމަށެވެ.

މޫސަ ވިދާޅުވީ މި ސަރުކާރު އައިފަހުންވެސް، ގަލޮޅުދަނޑަށް ހުރިހާ ބިދޭސީން އެއްކޮށްގެން ދެވަނަ ފުރުސަތެއް ދޭން އުޅުނު މަންޒަރު ފެނުކަމަށެވެ. ނަމަވެސް ގަހަކުން ފަތްތައް ތަޅާލާހެން އެކަންކޮށް 15 ހާސް މީހުން ރަޖިސްޓްރީ ކުރުމަކުން އެ މައްސަލައަށް ހަލެއް ނުލިބޭނެ ކަމަށް މޫސަ ވިދާޅުވިއެވެ.

ބިދޭސީންގެ އުދަގޫ ދިވެހިންނަށް ވަރަށް ބޮޑަށް ޖެހެމުންދާކަން ފާހަގަކުރައްވާ މޫސަ ވިދާޅުވީ މެދު ފަންތީގެ ވިޔަފާރިތަކުގެ ކޮންޓްރޯލް މިހާރު އޮންނަނީ ރާއްޖޭގައި ވަގަށް އުޅޭ ބިދޭސީންގެ އަތުގައި ކަމަށެވެ.

މޫސަ ވިދާޅުވި ގޮތުގައި ޕާޓީ ސިސްޓަމާއި ޑިމޮކްރަސީ ކިތަންމެ ފުޅާވެގެން ދިޔަސް، މާދަމާ ވެސް ޤަވައިދާ ޚިލާފަށް އުޅޭ ބީދޭސީން މާލޭ މަގުތަކަށް ނުކުމެ މުޒާހާރާ ކުރަން ފަށައިފިއްޔާ އެކަންހުއްޓަވަން ޖެހޭނީ ހަތިޔާރުގެ ބޭނުން ކުރަން ކަމަށެވެ.

“މިބުނަނީ ދިވެހިން ކަންނެތީއޭ، ދިވެހިން ކަންނެތީއެއް ނޫން، ދިވެހިންނަށް ކުރާނެ ކަމެއް ނެތީ، އާންމުކޮށް މިކުރާ ފިޔާރި ދިވެއްސަކަށް ކުރެވޭނެ މަގެއް ނެތީ، މާރުކޭޓު ގޮޅިއެއް ވިއްޔާ އެމީހުން، މާލޭގައި ގެއެއް ކުއްޔަން ދެންޏާ މި ދެނީ އެމީހުން، މަހަށްދަނީ އެމީހުން، މަސް ވިއްކާނީ އެމީހުން، ނުވިތާކަށް ޑޮލަރުގެ މާކެޓް ކޮންޓްރޯލް ކުރަނީ އެމީހުން” މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން މޫސަ ވިދާޅުވީ، ދިވެހިރާއްޖޭގައި ރެފިއުޖީންނާއި ގުޅޭ ޤާނޫނެއް ހެނދުމަށް ދުނިޔޭގެ އެކި ގައުމުތަކުން ޕްރެޝަރ ކޮށްފައިވާ ކަމަށެވެ. އެފަދަ ޤާނޫނެއް ގެނައުމަށް ގައުމުތަކުން ޕްރެޝަރ ކުރީވެސް ރާއްޖޭގައި އުޅޭ ބިދޭސީންނަށް ރެފުޖީ ސްޓޭޓަސް ލިބެންޖެހޭނެ ކަމަށް އެފަރާތްތަކުން ޤަބޫލުކުރާތީ ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ބޭރުގެ ފަރާތްތަކުގެ ޑިމާންޑުތަކަށް ރެފިއުޖީންނާއި ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހުން އެކުލަވާލި ކަމަށެވެ. އަދި ޤާނޫނެއްގެ އިތުރުން ރާއްޖޭގެ ކޮންމެވެސް ސަރަހައްދެއްގައި ރެފިއުޖީ ކޭންޕެއް ޤާއިމް ކުރުމަށް ޑިމާންޑްތަކެއް އައި ކަމަށް މޫސަ ވިދާޅުވިއެވެ.

“އަޅުގަނޑު އޭރު އިންނަނީ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީގައި، އެމީހުން އަޅުގަނޑުމެންނަށް އަންގަނީ ދިވެހިރާއްޖޭގައި ރެފިއުޖީންނާއި ބެހޭ ޤާނޫނެއް ހަދަން، ދެން އެޤާނޫނެއް ނަހަދައިގެން މައްސަލަ ބޮޑު ސަރުކާރުން މެންބަރުންނަށް ގުޅާ ހިސާބަށްދިޔަ، ދެން އެ ބިލެއް ފަރުމާވެސް ކުރި، ދެން އެމީހުން ޑީމާންޑްކުރަނީ ވިލިގިލީގައި ރެފިއުޖީ ކޭމްޕެއް ހެދުމަށް” މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ އެއް އަތުން ފިރުމާލާފައި އަނެއް އަތުން ޖަހާ އުސޫލު ގެންގުޅެގެން ސަރުކާރުން ޙައްލުކުރަން އުޅޭ އެއްވެސް ކަމަކަށް އަލިމަގެއް ނުފެންނާނެ ކަމަށެވެ. ސަރުކާރުގައި ތިބެގެން ސަރުކާރަށް ދުއްތުރާ ކުރުމުން، ގެއްލުންވެ “ހަނާ” ވާނީ ހަމަ ރައްޔިތުން ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

 

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: