ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓާމިނަލް ކަންތަކުގައި ސަރުކާރުގެ ނިންމުމުން ދައުލަތަށް ގެއްލުމެއް ނެތް: ސަރުކާރު

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްސީއެލް) އިން ހަދާފައިވާ އާ ސީޕްލޭން ޓާމިނަލް ދޫކުރުމާ ގުޅޭ ގޮތުން ސަރުކާރުން މިހާރު ނިންމާފައިވާ ގޮތުގެ ސަބަބުން ދައުލަތެއް ލިބޭނެ ގެއްލުމެއް ނެތް ކަމަށް ސަރުކާރުން ބުނެފިއެވެ.

ވަކި އޮޕަރޭޓަރަކާ ޓާމިނަލް ހަވާލުކުރަން ހިންގި މުއާމަލާތްތައް ހުއްޓުވައި، އެމްއޭސީއެލަށް އަހަރެއްގެ މައްޗަށް 33 މިލިއަން ޑޮލަރުގެ ފައިދާވާނެ ގޮތަށް އެކަން ހަމަޖައްސުމަކީ އެންމެ އިންސާފުވެރި ހައްލު ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.

ބުދަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ކުރީގެ ސަރުކާރުގައި މަޝްވަރާތައް ފަށައި، ޑްރާފްޓް އެއްބަސްވުމެއް އެކުލަވާލައި ސޮއިކުރަން ތައްޔާރުވީ އާ ޓާމިނަލުން ދައުލަތަށް ބޮޑު ގެއްލުމެއް ލިބޭގޮތަށެވެ.

އަމީރު ވިދާޅުވީ މި ސަރުކާރުން ނިންމީ އެމްއޭސީއެލްއާއި ދައުލަތަށް އެންމެ ފައިދާ ވާނެ ގޮތަކީ އެމްއޭސީއެލް އިން އެ ޓާމިނަލް ހިންގުމުން ކަމަށެވެ. އެގޮތުން މުޅި ސީޕްލޭން ޓާމިނަލް ހިންގަން ޓީއެމްއޭއަށް ދޫކުރުމަށް ވިސްނާފައި އޮތް ގޮތް ބަދަލު ކުރުމަށް ސަރުކާރުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ނިންމާފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.

މިހާރު ސަރުކާރުން ނިންމާފައިވާ ގޮތުން ވަކި އޮޕަރޭޓަރަކަށް އާ ޓާމިނަލުން ބޮޑު މަންފާއެއް ލިބުމުގެ މަގު ފަހިގެން ނުދާނެ ކަމަށާއި ސަރުކާރުން މިހާރު ނިންމާފައި އޮތް ގޮތުން، ވާދަވެރި މާހައުލެއްގައި އޮޕަރޭޝަންސްތައް ހިންގި، އެމްއޭސީއެލަށް ފައިދާ ބޮޑުވާނެކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވި ގޮތުގައި އާ ޓާމިނަލް ހިންގައިގެން އެމްއޭސީއެލަށް ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވާ އާމްދަނީ އަކީ އޮޑިޓަ ޖެނެރަލްވެސް ފާހަގަކޮށްފައިވާ ގޮތަށް އަހަރަކު 33.7 މިލިއަން ޑޮލަރެވެ. އަދި ދެ އަހަރު ފަހުން 47.3 މިލިއަން ޑޮލަރު، އަހަރެއްގެ މައްޗަށް ލިބޭނެ ކަމަށް އަމީރު ވިދާޅުވިއެވެ.

ގެއްލުން މިނެކުރުމުގައި ހަމައެކަނި ލިބޭނެ ފައިސާގެ އާމްދަނީއަށް ވިސްނައިގެން ނުވާނެ ކަމަށް އަމީރު ވިދާޅުވިއެވެ. އަދި ޓީއެމްއޭއަކީ ރާއްޖޭގައި އިންވެސްޓް ކޮށްފައިވާ އެންމެ ބޮޑު އެއް ފޮރިން އިންވެސްޓަރަށް ވުމުން މިފަދަ މައްސަލަތަކުގައި އިންވެސްޓަރުންގެ އިތުބާރު ނުގެއްލި އިގްތިސާދަށް އެންމެ ރަނގަޅު ގޮތް ވިސްނަން ޖެހޭ ކަމަށް އަމީރު ވިދާޅުވިއެވެ.

“ފުރަތަމަ ދުވަހު ވެސް އަޅުގަނޑުމެން ސަރުކާރާ ހަވާލުވެ ނިންމުމަކަށް ވީ ދިވެހި ދައުލަތަށް، ރައްޔިތުންނަށް އެންމެ ފައިދާ ހުރި ރަނގަޅު ގޮތަކަށް، ދައުލަތަށް އާމްދަނީ އިތުރުވާނެ ގޮތަކަށް މި މަސައްކަތް ކުރިއަށް ގެންދިއުން. އަދި ރާއްޖެ އަންނަ ފޮރިން ޑައިރެކްޓް އިންވެސްޓަރުންގެ އިތުބާރާއި ޔަގީންކަން ރާއްޖެ އަށް އޮންނާނެ ގޮތަކަށް ނިންމުން،” އަމީރު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ އޮޑިޓާ ޖެނެރަލާއި އޭސީސީން އަންދާޒާ ކުރާ އަދަދަށް އާ ސީޕްލޭން ޓާމިނަލް އިން އެމްއޭސީއެލް އިން އާމްދަނީ ލިބޭނެ ކަމަށް ސަރުކާރަށް އަންދާޒާ ނުކުރެވޭ ކަމަށެވެ.

ޓީއެމްއޭ އަށް ޓާމިނަލް ހިންގަން ދިނުމާއި ގުޅޭގޮތުން ކުރެވުނު މުޢާމަލާތްތަކާއި ގުޅިގެން އެ ކުންފުނިން ގާނޫނީ މައްސަލަތަކެއް ދެއްކުމުން،  އެކަމުގައި ގާނޫނީ ގޮތުން ހުރީ ކިހާ ބުރަދަނެއްތޯ ވެސް ސަރުކާރުން ގޮތެއް ނިންމުމުގެ ކުރިން މިނެ ކިރައި ހެދި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ސަރުކާރުން ނިންމާފައިވާ ގޮތަށް ސީޕްލޭން ޓާމިނަލް ދޫކޮށްގެން މަދުވެގެން ވެސް 25 މިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ.

“އޮޑިޓާ ޖެނެރަލް އިން ލަފާ ދީފައި ވަނީ އޭސީސީން ދީފައިވާ އަދަދަށްވުރެ ކުޑަ އަދަދެއް. އެއީ ހުރިހާ ލައުންޖެއް ކުއްޔަށް ދިނީމަ ލިބޭނެ ކަމަށް ލަފާ ކުރެވޭ އަދަދެއް. އަޅުގަނޑުމެން ގަބޫލެއް ނުކުރަން އޭސީސީއާއި އޮޑިޓާ ޖެނެރަލް ލަފާ ކުރާ ވަރަށް ވެސް ލިބޭނެ ކަމަކަށް. އެކަމަކު ވެސް އަޅުގަނޑުމެން ގަބޫލު ކުރަން ފުދޭ ވަރެއްގެ ރަނގަޅު އާމްދަނީއެއް ލިބޭނެ،” ފައްޔާޒު ވިދާޅުވި އެވެ.

އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދިނުމަށް ސަރުކާރުން ފުރަތަމަ ވަނީ ޓީއެމްއޭ އަށް މިހާރު ވެސް ބިން ދޫކޮށްފައިވާ އަގަށް ކުރިއަށް އޮތް ދެ އަހަރަށް އާ ސީޕްލޭން ޓާމިނަލްގެ 5،000 އަކަމީޓަރު ބިމެއް ދޫކުރަން ނިންމާފަ އެވެ. އެކަމަކު ޓީއެމްއޭ އިން ބުނަނީ އާ ސީޕްލޭން ޓާމިނަލުން ބޮޑު ޖާގައެއް 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ދޭން އެމްއޭސީއެލް އިން އެއްބަސްވެފައިވާ ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: