ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޅި ނިޒާމް މުޝުތެރެއަށް ލައްވައިގެން ވެސް މަސައްކަތް ކުރައްވަނީ ހެޔޮނިޔަތުގައި!

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އަދި ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގެ ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ދެނެގަނެ، ދާއިރާގެ ތެރެއަށް ވަދެފައި އޮތް ކޮރަޕްޝަން ނައްތާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދަނީ ހެޔޮ ނިޔަތެއްގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިވަނީ ވިދާޅުވެފައެވެ.

އެމަނިކުފާން ވިދާޅު ގޮތުގައި ބޭނުންވަނީ ނުފޫޒެއް ނެތް ފަނޑިޔާރު ގެއެކެވެ. އަދި ގާނޫނު އަސާސީގެ ދަށުން ފަނޑިޔާރުންނަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާއިރު ފަނޑިޔާރުންގެ މައްޗަށް ލާޒިމް ވެގެންވަނީ އެއްވެސް ތަފާތު ކުރުމެއް ނެތި އިންސާފު ގާއިމް ކުރުން ކަމުގައި ރައީސް މިވަނީ ވިދާޅުވެފައެވެ.

ސުވާލަކީ ހަމަހަގީގަތުގައި ވެސް ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ބަޔަކު މީޙުން ކުރަނީ ހެޔޮނިޔަތުގައިތޯއެވެ.؟ ސުވާލަކީ މިއަދު ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަނޑިޔާރުން މަސައްކަތް ކުރަްވަމުން ގެންދަވަނީ ނުފޫޒެއް ނެތިތޯއެވެ.؟

ފެންނަމުންދާ މަންޒަރުތަކާއި އިވެމުންދާ އަޑުތަކާއި ނިންމަމުންދާ ނިންމުންތަކަށް ބަލާއިރު ފެންނާން އޮތް ހަގީގަތަކީ ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ހެޔޮ ނިޔަތެއް އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުންގެ ނެތްކަމެވެ. ކޮންމެ ބަޔަކު ވެސް ކޮންމެ ސަރުކާކާރަކުން ވެސް މަސައްކަތް ކުރަނީ ޝަރުއީ ދާއިރާ މުޝުތެރެއަށް ލައިގެން ނިޒާމް ކޮންޓްރޯލް ކުރުމަށެވެ. އެއީ މިހާތަނަށް ދިވެހިރާއްޖޭގެ ތާރީހުން ފެންނަން އޮތް ހަގީގަތެވެ. މިއަދު ދިވެހިރާއްޖޭގެ ވެރިކަމުގައި ތިއްބެވި ބޭފުޅުން ވެސް ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ދައްކަވާ ވާހަކަ ކިތަންމެހާ ވެސް ފުރިހަމައެވެ. ސަޅިއެވެ. އޭގެން ބައެއް ވާހަކަތައް ހިއްސާކޮށްލާނަމެވެ.

އެގޮތުން ރައީސް ސާލިޙްގެ ސަރުކާރުގެ ކުރިއަށް އޮތް ފަސް އަހަރުގެ އެކްޝަންސް ޕްލޭނުގައި “ހެޔޮ ވެރިކަން”  ބެހިފައި ވަނީ ޖުމުލަ ހަތް ދާއިރާ އަކަށެވެ. އެއީ ޤާނޫނުގެ ޙުކޫމަތު ނެގެހެއްޓުމާއި ޝަރުޢީ ނިޒާމު އިޞްލާޙުކުރުމާއި ޤައުމީ ސަލާމަތާއި އާންމުންގެ ރައްކާތެރިކަން، ކޮރަޕްޝަން ނައްތާލުން، ހަމައެހެންމެ ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ގާއިމް ކުރުމާއި މިނިވަން މުއައްސަސާތަކާއި ޕަބްލިކް ސާވިސް އިޞްލާޙުކުރުމާއި މިންތީގެ ހަމަހަމަކަމުގެ އިތުރުން ޚާރިޖިއްޔާއެވެ.

ހެޔޮވެރިކަން ގާއިމްކުރުމުގެ ސިޔާސަތުގެ ދަށުން އެންމެ ފުރަތަމަ ކަނޑައަޅާފައިވާ ސިޔާސަތު ކަމުގައިވާާ ގާނޫނުގެ ޙުކޫމަތު ނެގެހެއްޓުމާއި ޝަރުޢީ ނިޒާމު އިސްލާޙު ކުރުމުގެ ބައިގައި ބުނެފައިވާ ގޮތުގައި ޤާނޫނީ އަދި ޝަރުޢީ ނިޒާމު އިޞްލާޙު ކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އަދި އެންމެ މުހިންމު އެއް ވައުދެވެ.

މައްސަލަތައް ނިންމުމުގައި ޝަރުޢީ ދާއިރާއިން ވަކި ފަރާތަކަށް ބުރަވާ ކަމަށާއި، ކޮރަޕްޝަނާއި ސިޔާސީ ނުފޫޒުގައި އެފަރާތްތައް ޖެހިފައިވާ ކަމުގެ ތުހުމަތުގެ އިނގިލި އެ ދާއިރާއަށް ދިއްކުރެވެމުން އަންނައިރު، ޤާނޫނުތައް މި ފަދަ ޝަރުޢީ ނިޒާމަކުން ތަންފީޒުކުރަމުން ގެންދިއުމަކީ ވެސް ދިވެހި ރާއްޖޭގައި ޑިމޮކްރެސީ ހަރުދަނާ ކުރުމަށް ދިމާވާ ގޮންޖެހުން ތަކެއް ކަމަށް އެކްޝަން ޕްލޭންގައި ވަނީ ބުނެފައެވެ. އަދި އަދުލު އިންސާފުގެ ދާއިރާއަށް ކުރިމަތި ވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފުރިހަމަ އަދި ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ނެތުން ކަމާއި، މިހާރު ޢަމަލުކުރެވެމުން އަންނަ ޤާނޫނީ އޮނިގަނޑުގައި ފުށުއެރުން ތަކަކާއި ފޫނުބެއްދޭ ކަންތައްތަކެއް ހުރިކަން ފާހަގަ ކޮށްފައިވެއެވެ.

ކޮންމެއަކަސް ދައުލަތުގެ ތިން ބާރުގެ ތެރެއިން ގާނޫނުގެ ވެރިކަން ނަގަހައްޓާ ފަރާތަކީ އަދުލު އިންސާފު ގާއިމުކޮށްދިނުމުގެ ބާރެވެ. އަނިޔާ ލިބިފައިވާ ފަރާތްތަކަށް ބަދަލު ހޯދައިދޭ ފަރާތަކީ ވެސް ޝަރުއީ ނިޒާމެވެ. އަނިޔާ ދިން ފަރާތްތަކަށް ހައްގު އަދަބު ދެނީ ވެސް ފަނޑިޔާރުންނެވެ. އެ ނިޒާމު މިނިވަން ކުރަން ޖެހޭނީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކޮށް، ކަށަވަރުކޮށް ދިނުމުގެ ބޭނުމުގަ އެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރީއްޔާގެ ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ އަދުލު އިންސާފް ގާއިމް ކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ސުޕްރީމް ކޯޓަށާއި ހައިކޯޓަށާއި އަދި ގާނޫނަކުން ކަނޑައަޅާފައިވާ ދަށު ކޯޓުތަކަށް ކަމަށެވެ. ހަމައެހެންމެ މި ދެންނެވި މާއްދާގެ (ށ) ގައި ބުނެފައި ވަނީ އަދުލު އިންސާފް ގާއިމް ކުރުމުގެ އެންމެ އިސް ފަރާތަކީ ސުޕްރީމް ކޯޓު ކަމަށާއި ސުޕްރީމް ކޯޓުގެ އެންމެ އިސް ފަރާތަކީ އުއްތަމަ ފަނޑިޔާރު ކަމަށެވެ. މި މާއްދާގެ (ނ) ގައި ބުނެފައި ވަނީ އަމިއްލަ ފަރުދަކު ވިޔަސް ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެހުރި މީހަކު ވިޔަސް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒް ފޯރުވައި ހަދައިގެން ނުވާނެ ކަމަށެވެ.

ހަމައެހެންމެ ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ރ) ގައި ބުނެފައި ވަނީ ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކުރުމަށާއި، ކޯޓުތަކުގެ ހައިބަތާއި ގަދަރު ރައްކާތެރިކޮށްދީ އެތަންތަނަކީ ކޮންމެ މީކަށްމެ ފަސޭހައިން މައްސަލަ ހުށަހެޅޭ، ވަކިފަރާތަކަށްނުޖެހި، ހަރުދަނާގޮތެއްގައި މަސައްކަތްކުރާ ތަންތަން ކަމަށް ހެދުމަށްޓަކައި ގާނޫނާއި ގަވާއިދުތަކުގެ ޒައްރީއްޔާއިންނާއި، އެހެންނިހެން ގޮތްގޮތުން ވެސް ދައުލަތުގެ އިދާރާތަކުންނާއި، ދައުލަތުގެ ކަންތައްތައް ހިންގުމާ ހަވާލުވެތިބި އެންމެހައި މީހުން ކޯޓުތަކަށް އެހީތެރިވާންވާނެ ކަމަށެވެ.

ނަމަވެސް ހިތާމައަކީ މިއަދު ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާ މިނިވަން ކަމަށް ވަކިބަޔަކު ގަބޫލުކުރި ނަމަމަވެސް ކަންއޮތީ އެހެން ނޫން ކަމަށެވެ. ޝަރުއީ ކޯޓުތަކާއި ފަނޑިޔާރުންނަށާއި ފަނޑިޔާރުން ޖަވާބްދާރީ ކުރުވައި ފަނޑިޔާރުންގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމަށް މަތިކޮށްފައިވާ މުއައްސަސާތައް ވެސް ވަނީ ވަކިބައެއްގެ މަޝުތެރޭގައެވެ. އެއީ މިއަދު ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ  އެމްޑީޕީގެ މުޝުތެރޭގައެވެ. ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މުޝުތެރޭގައެވެ.

މިއަދު ސަރުކާރުގައި ތިއްބެވި ބޭފުޅުން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އެންމެ އަޑުހަރުކޮށް ދެއްކެވި އެއް ވާހަކައަކީ ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށްޓަކައި އެންމެ ފުރަތަމަ ބަދަލު ގެންނަން ޖެހޭ ތަނަކީ ޖުޑިޝަލް ސާވިސް ކޮމިޝަން ކަމަށެވެ. ހާއްސަކޮށް ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަކީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް އެންމެ ފުރަތަމަ ކުރަން ޖެހޭ މަސައްކަތް ކަމަށް މިއަދު ސަރުކާރުގައި ތިއްބެވި ވެރިން އޭރު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ނުކުރި ނަމަވެސް ވަރަށް މުހިންމު މަސައްކަތްތަކެއް މިއަދުގެ ސަރުކާރުން ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ކޮށްފިއެވެ. އެއީ މިއަދުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް ތަފާތު އެކިއެކި މައްސަލަތަކުގައި ވަކާލާތު ކޮށްދެއްވި ބޭފުޅުންނަށް ފަނޑިޔާރުންގެ ގޮނޑިކޮޅު ޔަގީން ކޮށްދީފިއެވެ. މިއަދުގެ ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ ހައްގުގައި ވަކާލާތު ކުރެއްވި ބޭފުޅުން ޖޭއެސްސީއަށް އައްޔަން ކުރައްވައި ޖޭއެސްސީ މިނިވަން ކޮށްފިއެވެ. ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ހުށަހަޅަނީ އެއްބައެކެވެ. މައްސަލަތައް ބަލައި ތަހުގީގު ކުރަނީ އެއްބައެކެވެ. ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުގެ ޖުޑޝަރީ ކޮމެޓީގައި ކުރަނީ އެއްބައެކެވެ. ފަނޑިޔާރުން ވަކިކުރުމަށް ވޯޓް ދެއްވަނީ ވެސް އެއްބައެކެވެ. އެހެން ވީމާ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ނިޔަތް ވަރަށް ވެސް ސާފުނޫންތޯއެވެ. އަދި އެހާމެ ފުރިހަމައެވެ. ތެދެކެވެ.މުޅި ނިޒާމް މުޝުތެރެއަށް ލައްވައިގެން ވެސް މަސައްކަތް ކުރައްވަނީ ހަމަ ހެޔޮނިޔަތުގައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: