ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ’ބޭންކް ފަންޑު‘ އަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މިއީ ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ޖަމިއްޔާ ޖަމާއަތްތަކުން ހިންގަން ބޭނުންވާ ދެމެހެއްޓެނިވި މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލާ ފުރުސަތެކެވެ.
މި ފަންޑު ހިންގަމުންދާ ތިންވަނަ އަހަރު ކަމަށްވާއިރު، ކޮންމެ އަހަރަކުވެސް ހޮވޭ 5 ޖަމިއްޔާއަކަށް، ކޮންމެ މަޝްރޫއަކަށް 200,000 ރުފިޔާގެ މާލީ އެހީތެރިކަން ބޭންކުން ފޯރުކޮށްދެއެވެ. މި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ތައުލީމު، ތިމާވެށި، ކުޅިވަރުގެ ދާއިރާގެ އިތުރުން މުޖުތަމައަށް ފައިދާހުރި އެކި މަޝްރޫއުތައް ހިންގުމަށެވެ. މިއީ ރާއްޖޭގެ ޖަމިއްޔާތައް ބާރުވެރިކޮށް، މުޅި މުޖުތަމައު ހިމެނޭހެން ޤައުމަށް ކުރިއެރުން ހޯދައިދިނުމަށް ބޭންކުން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ.
މިކަމާ ގުޅޭގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްއިން އަބަދުވެސް ޤަބޫލުކުރާ ގޮތުގައި ދެމެހެއްޓެނިވި ކުރިއެރުމެއް ހާސިލުކުރެވޭނީ މުޖުތަމައުގެ ބިންގަލުން ފެށިގެން ކުރެވޭ މަސައްކަތްތަކުން ކަމަށެވެ.
”’ބޭންކް ފަންޑު‘ އަކީ ރަށްރަށުގެ ޖަމިއްޔާ ޖަމާއަތްތަކުން ގެންގުޅޭ އުފެއްދުންތެރި ހިޔާލުތައް، މުޖުތަމައަށް ފައިދާކުރަނިވި ކަންކަމަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމަށް އަޅުގަނޑުމެން ދޭ އިސްކަން ހާމަކޮށްދޭ ރަމްޒެއް. މި ފަންޑުގެ އެހީގައި މިހާތަނަށް މުޖުތަމައަށް ލިބިފައިވާ ހެޔޮ ބަދަލުތަކާ މެދު އަޅުގަނޑުމެން ފަޚުރުވެރިވަން،“ ޝަރީފް ވިދާޅުވިއެވެ.
ބޭންކް ފަންޑު ތަޢާރަފުކުރި ފަހުން، މުޖުތަމަޢަށް ބޭނުންތެރި ތަފާތު އެކި މަޝްރޫޢުތައް ހިންގުމަށް މިހާތަނަށް ޖުމްލަ 9 ޖަމިއްޔާއަކަށް މި ފަންޑުން އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. ބޭންކުން އުންމީދު ކުރަނީ މި ފުރުސަތުގެ ބޭނުން ހިފައި، ގިނަ ޖަމިއްޔާތަކަކުން މުޖުތަމައަށް ފައިދާހުރި މުހިންމު މަޝްރޫއުތަކެއް ހުށަހަޅާނެ ކަމަށެވެ. ސީއީއޯ އިތުރަށް ވިދާޅުވީ 2026 ވަނަ އަހަރުވެސް ބޭންކުގެ އުއްމީދަކީ މުޖުތަމައަށް ނަފާލިބޭނެ ދެމެހެއްޓެނިވި އިތުރު މަޝްރޫއުތަކަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
މި ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖަމްޢިއްޔާ، ޖަމާޢަތްތަކާއި ކްލަބްތަކަށް މިހާރު ވަނީ ހުޅުވާލެވިފައެވެ. އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް bankfund@bml.com.mv އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 14 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތާއި އުޞޫލުތައް ބޭންކުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

