ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާ ވައިރަސް: ޓްރެވެލް ހިސްޓްރީއަށް ބަލާ 37 މީހަކަށް ރާއްޖެއަށް އެތެރެވިޔަ ނުދިން!

ކޮރޯނާ ވައިރަސް: ޓްރެވެލް ހިސްޓްރީއަށް ބަލާ ރާއްޖެއަށް 37 މީހަކަށް އެތެރެވިޔަ ނުދިން!
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްގެ ބަލި ރާއްޖޭގައި ފެތުރިދާނެ ކަމަށް ރައްކާތެރިވެ ތިބުމުގެ ގޮތުން، ފަތުރުވެރިންގެ ކްރޫޒްލައިނާތައް ރާއްޖެ އައުން މި ވަގުތަށް މެދުކަނޑާލަން ސަރުކާރުން ނިންމައިފި އެވެ.

ކޮރޯނާވައިރަސް، އެކި ގައުމުތަކަށް ފެތުރެން ފެށުމާ އެކު، ރާއްޖެ އަންނަ މީހުން ސްކްރީން ކުރުމުގެ މަސައްކަތް އެއާޕޯޓްތަކުގައި ވަނީ ފަށައިފަ އެވެ. އަދި އެ ވައިރަސް ހުރި މީހަކު ފެނިއްޖެ ނަމަ، ކަރަންޓީން ކުރުމަށްޓަކައި ހުޅުމާލޭގެ އޯޓިޒަމް ސެންޓަރު ކައިރީގައި ހުންނަ 10 ކްލާސްރޫމުގެ ޕްރީ ސްކޫލް ވަނީ ހަމަޖައްސައިފަ އެވެ. އަދި ހުޅުމާލޭ ޕްރީސްކޫލްގައި ކަރަންޓީން ކުރާ ގޮތަށް ހަމަޖައްސާފައި ވިޔަސް، ކޮރޯނާވައިރަސްގެ ނުރައްކާތެރި ކަން އިތުރަށް ބޮޑުވެއްޖެ ނަމަ، ތެޔޮ ރައްކާކުރާ ކ. ފުނަދޫގައި ވެސް ކަރަންޓީން ކުރެވޭ ގޮތަށް ވަނީ ނިންމާފައެވެ. ނަމަވެސް އެ ވައިރަސް ހުރި މީހަކު މިހާތަނަށް ރާއްޖެ އިން ނުފެންނަ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން ސަރުކާރުން އެކުލަވާލި ހެލްތު އިމަޖެންސީ ކޯޑިނޭޝަން ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، ކްރޫޒްލައިނާތައް ރާއްޖެ އައުމުގެ ހުއްދަ ދެން ދޭނީ ކޮރޯނާވައިރަސްގެ ހާލަތަށް އަންނަ ބަދަލުތަކަށް ބެލުމަށް ފަހު ކަމަށެވެ.

މި ނިމުމާއި އެކު، ސަރުކާރުން ކޮރޯނާ ވައިރަސްގެ ކިނަ ކޭސްތަކެއް ފެނިފައިވާ އީރާންގެ މަގުންނާއި އެ ގައުމުން ރާއްޖެއަށް އެއްވެސް މީހަކަށް ރާއްޖެ އެތެރެ ނުވެވޭގޮތަށް އުސޫލަށް ބަދަލު ގެނެސްފައެވެ. ޗައިނާގެ އިތުރުން މި ވައިރަސް އެންމެ ބޮޑަށް ފެތުރޭ ސައުތްކޮރެއާގެ ދެ ސިޓީއަކުންވެސް ރާއްޖެއަށް މީހުންނަށް އެތެރެ ނުވެވޭ ގޮތަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ދެ ގައުމަކުން ރާއްޖެއަށް މީހުން އައުން މަނާކޮށްފައިވާކަން ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

“މިހާރުގެ ހާލަތަށް ބަލާފައި، ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރެއްވުމަށްފަހު މިއަދު ނިންމެވީ ކްރޫޒް ލައިނާ ރާއްޖެއަށް އައުން މިވަގުތަށް މެދުކަނޑާލުމަށް. އެހެންވީމަ މިހާރުން ފެށިގެން ރާއްޖެއަށް ކްރޫޒްލައިނާ އައުމުގެ ހުއްދަ ދެން ދެވޭނީ މިހާލަތަށް އަންނަ ބަދަލަކަށްފަހު، އެކަން ރިވިއު ކުރުމަށްފަހު.” އަމީން

ޗައިނާ މީހުން ރާއްޖެ އެތެރެކުރުން ހުއްޓާލުމަށް ގޮވާލަމުންދަނިކޮށް، ސަރުކާރުން ވަނީ ޗައިނާއިން ރާއްޖެއަށް، އަދި ރާއްޖެއިން ޗައިނާއަށް ކުރާ ޑައިރެކްޓު ދަތުރުތައް މެދުކަނޑާލުމަށް ސަރުކާރުން ނިންމާފައި ވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ. ޗައިނާގެ ރައްޔިތުންނާއި ޗައިނާއަށް ގޮސް އަންނަ އެއްވެސް މީހަކަށް ރާއްޖެ އެތެރެނުވެވޭ ގޮތަށް މަނާކުރުމަށް ވެސް އޭގެ ތެރޭގައި ވަނީ ހިމަނާފައެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ ވައިރަސްއިން ރައްކާތެރިވެ ތިބުމަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އަދި މިހާތަނަށް ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނިފައިނުވާކަމަށް އަމީން ވިދާޅުވިއެވެ. އަންގާރަ ދުވަހުގެ ނިޔަލަށް ރާއްޖެެއަށް 147،000 މީހުން އެތެރެވެފައިވާއިރު އެ ހުރިހާ މީހުންނާއި ވެސް އޮންނަ އުސޫލުގެ ދަށުން ސުވާލުކޮށް ސްކްރީންކޮށްފައިވާނެ ކަމަށް އަމީން ވިދާޅުވިއެވެ. އަދި 538 މީހަކާއި އިތުރަށް ސުވާލުކޮށް ފާއިތުވީ 14 ދުވަހުގެ ޓްރެވެލް ހިސްޓްރީއަށް ބަލާ 38 މީހަކު ރާއްޖެއަށް އެތެރެވިޔަނުދީ އަނބުރާ ފޮނުވާފައިވާ ކަމަށެވެ.

 

“ހުމުގެ އަލާމާތް ނެތް ކަމުގައި ވިޔަސް އަދި އަޅުގަނޑުމެން އެކި ގޮތްގޮތުން ފާހަގަކުރެވޭ 538 ފަރާތަކާ ސުވާލު ކުރިން. ރާއްޖެ އަށް އެތެރެވުމުގެ ހުއްދަ ނުދީ އަނބުރާ ފޮނުވައިލެވުނު 37 ފަރާތެއް. ކަރަންޓީން މިހާތަނަށް ކުރެވުނީ 16 ފަރާތެއް،” އަމީން

 ކޮރޯނާ ވައިރަސްގެ ހާލަތު ދުވަހުން ދުވަހަށް ބަދަލު ވަމުން އަންނައިރު، ސަރުކާރުން ދާނީ އެ ބަދަލިތަކާއި އެއްވަރަށް ފިޔަވަޅުތައް ވެސް ވަރުގަދަ ކުރަމުން ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކޮރޯނާ ވައިރަސްގެ ކޭސްތަކެއް ރާއްޖެއަށް ގިނަ ފަތުރުވެރިން އަންނަ ގައުމެއް ކަމަށްވާ އިޓަލީއިން ވަނީ ފެނިފަައެވެ. އެކަމަށް އިޝާރާތް ކުރައްވާ އަމީން ވިދާޅުވީ އިޓަލީގެ ހާލަތު ވެސް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

މި ވައިރަސްގެ ތިން ކޭސްއެއް އަވައްޓެރި ކެރެލާއިން ފެނުނެވެ. ޗައިނާއިން އެ ސިޓީއަށް އައި، ދެ މީހަކު އެކަހެރިކޮށް ފަރުވާދެމުން ދަނިކޮށް ޖުމްލަ ތިން މީހަކު، އެ ވައިރަސްއަށް ޕޮޒިޓިވްވެފައިވާކަން ކެރެލާއިން ވަނީ ޔަގީންކޮށްދީފައެވެ. އަދި އެ ތިން މީހުންނަށް ފަރުވާ ދީ މިހާރު ވަނީ އެކީ ރަނގަޅު ވެފައެވެ. އަދި އަވައްޓެރި ލަންކާއިން ވައިރަސް ފެނުނު މީހާ ވެސް ވަނީ އެކީ ރަނގަޅު ވެފައެވެ.

ދުނިޔޭގެ 30 ގައުމަކުން ވައިރަސް ފެނުނުއިރު. އޭގެ ތެރޭ ގިނައީ އެއް ކޭސް ދެ ކޭސް ފެނުނު ގައުމުތައް

ނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ސިންގަޕޯރ އިން ފެނުނު ކޭސްތަކުގެ އަދަދު 93 އަށް އަރައެވެ. އެއީ މިއަދު ޔަގީންވީ 2 ކޭސްއާއި އެކުއެވެ. ފަރުވާ ދިނުމަށްފަހު އެ ގައުމުން 62 މީހަކު ވަނީ ރަނގަޅު ވެފައެވެ. އިއްޔެގަ މިއަދު ހުރީ 58 ގައެވެ. އެހެން ކަމުން ދެ މީހަކު ވަނީ މިއަދު ބަލީން އެކީ ރަނގަޅުވެފައެވެ. އަދި 7 މީހެއްގެ ހާލަތު ގޯސްކަމަށް ދައްކައެވެ. ތައިލޭންޑުން 40 ކޭސް ފެނުނުއިރު، އޭގެ ތެރޭގައި މިއަދު ފެނުނު 3 ކޭސް ހިމެނެއެވެ. އަދި 22 މީހަކު ވަނީ އެކީ ރަނގަޅުވެފައެވެ. އަދި ދެ މީހެއްގެ ހާލަތު ގޯސްކަމަށް ދައްކައެވެ.

ދެން ދިވެހިން އެންމެ ގިނައިން ދިރިއުޅޭ އަދި ދަރިވަރުން ތައުލީމް ހާސިލް ކުރަމުން އަންނަ މެލޭޝިއާ އިން 23 ކޭސް ފެނިފައިވާއިރު އޮސްޓްރޭލިއާ އިން 22 ކޭސްއެއް ވަނީ ފެނިފައެވެ. މެލޭޝިއާގައި ފަރުވާ ދެމުން އައި އެންމެން ވަނީ އެކީ ރަނގަޅުވެފައެވެ. އަދި އޮސްޓްރޭލިއާގައި 15 މީހެއް އެކީ ރަނގަޅުވެފައި ވެއެވެ. މި ދެ ގައުމުގައި ފަރުވާ ދެމުން އަންނަ އެއްވެސް މީހެއްގެ ހާލު ގޯހެއް ނޫނެވެ.

ދުނިޔޭގެ 30 ގައުމަކުން މި ވައިރަސް ފެނިފައިވާއިރު، ބައެއް ގައުމަތަކުން ފެންނަ ކޭސްތައް އަންނަނީ އިތުރުވަމުންނެވެ. އޭގެ ތެރޭގައި އެއް ގައުމަކަށް އީރާން ހިމެނެއެވެ. އޭގެ އިތުރުން އިޓަލީ ވެސް ހިމެނެއެވެ. ބައެއް ގައުމުތަކުގައި އޮބްޒަވޭޝަންއާއި، އެކެހެރި ކުރެވިފައިވާ މީހުން ހިމެނެއެވެ. އެ ގައުމުތަކުންނާއި، އަދި ވައިރަސްއާއި ދެކޮޅަށް ފިޔަވަޅު އަޅަމުން އަންނަ ބައެއް ގައުތަކުން ވަނީ ޗައިނާއިން އެ ގައުމަށް ކުރާ ދަތުރުތައް ހުއްޓާލުމާއި އެކު، ޗައިނާ މީހުންނަށް ވަގުތީގޮތުން އެ ގައުމުތަކަށް އެތެރެ ނުވެވޭ ގޮތަށް ފިޔަވަޅުތަކެއް އަޅާފައެވެ.

ނޯޓު: ކޮރޯނާ ވައިރަސް އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު https://www.worldometers.info/coronavirus/#countries ވޯލްޑް މީޓާސްއިން ލިބޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: