ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވެ، މަޖިލިސް ފުޅާވަމުން ބޮޑުވަމުން ގޮސް ރާއްޖޭގެ އާބާދީއަށް ނުކަތާ ވަރަށް ގިނަވާކަށް ރައްޔިތުންނެއް ބޭނުމެއް ނުވާކަމަށް އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
މޫކޭ މިހެން ވިދާޅުވީ، ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
މޫކޭ ވިދާޅުވީ، މިކަމަކީ ރައްޔިތުންގެ ސިކުނޑީގައި އަބަދުވެސް އުނދަގޫވާކަމެއް ކަމަށެވެ. މިގޮތުން މިހާރު އޮތް ސިސްޓަމްތަކަކީ ރައްޔިތުން ކަންބޮޑުވާ ރައްޔިތުންގެ ޝަކުވާތަކެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ޝަކުވާތައް އަޑުއަހާ އެމްޑީޕީގެ އެކިއެކި ގްރޫޕްތަކާއި ޤައުމީ މަޖިލީހާއި ކޮންގްރެސް އާއި ޕާޓީގެ އެކި ގޮފިތަކުގައިވެސް ފަންނީ ތަޖުރިބާ ހުންނެވި މާހިރުންނާއެކު ބޮޑެތި މަޝްވަރާތަކެއް ކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރު ހިންގާ ނިޒާމް ނުވަތަ ސިސްޓަމްގައި މައްސަލަތަކެއް ހުރިކަމީ މިއަދު މުޅި ރާއްޖޭގެ އެންމެންވެސް ގަބޫލުކުރާ އެއް ހަގީގަތްކަމަށް މޫކޭ ވިދާޅުވިއެވެ. އަދި ސިސްޓަމްގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ވަރަށް ގިނަ ދޮރުތަކެއް ހުޅުވިފައިވާކަން ގިނަ ރައްޔިތުން ގަބޫލްކުރާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، ޕްރޮކިއުމަންޓްގެ ތެރެއިން ވަރަށް ބައިވަރު ކަންކަން ހިންގާކަމަށާއި އެ ނިޒާމުތަކަށް ރައްޔިތުން ބަދަލުތަކެއް ގެންނަން މިއަދު ބޭނުންވާކަން މޫކޭ ފާހަގަކުރެއްވިއެވެ.
”ސިސްޓަމްގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ވަރަށް ގިނަ ދޮރުތަކެއް އެކި ގޮތްގޮތަށް ހުޅުވިފައިވާކަން ގިނަ ރައްޔިތުން ގަބޫލްކުރޭ، އެނިޒާމުތަކަށް ބަދަލުތަކެއް ގެންނަން މިއަދު ރައްޔިތުން ބޭނުންވޭ.“ މޫކޭ
މޫކޭ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާބޮޑަށް ބާރުގެ ބޭނުން ކުރަމުންގެންދާކަމަށް ތުހުމަތު ކުރެއްވާފައެވެ. މިގޮތުން ފެނަކައިގެ ސެކިއުރިޓީ ބަލަހައްޓަން ހުންނަ މީހާ ވަޒީފާއިން ކަނޑާލުމާއި، ގުޅަ ހަދަން އިންނަ މީހާގެ ވިޔަފާރި ހުއްޓާލުމުގެ ބާރުވެސް އޮންނަނީ ރައީސްގެ އަތްމަތީގައިކަމަށް މޫކޭ ވިދާޅުވިއެވެ.
”ގުޅަ ތެއްލަން އިންނަ މީހާގެ ވިޔަފާރި ހުއްޓާލުމުގެ ބާރުވެސް އޮންނަނީ ރައީސް ޑރ. މުއިއްޒުގެ އަތްމަތީގައި،“ މޫކޭ
މޫކޭ ވިދާޅުވީ، ދައުލަތުގެ ނިންމުންތައް ނިންމާއިރު ރައީސުލްޖުމްހޫރިއްޔާ މޮޔަކަމުން ކަމެއް ނިންމިޔަސް އެކަން ތަންފީޒުކުރަން ނިންމިޔަސް ކޮންމެވެސް މީހަކު އެކަން ހުއްޓުވަން އިންނަން ޖެހޭނެކަމަށެވެ.
މި ހުރިހާ މައްސަލަތަކެއް ފާހަގަކުރާ އެތަކެއް ރައްޔިތުން ތިބިކަން ފާހަގަކުރައްވާ މޫކޭ ވިދާޅުވީ، ހުރިހާ ރައްޔިތުން ބޭނުންވަނީ މި މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް ކަމުގައެވެ.
އެގޮތުން މީގެ ކުރިން އެމްޑީޕީގެ ސަރުކާރުގައި ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެންނަން އުޅުނުއިރުވެސް އެކަމާއި އޭރުގެ ސަރުކާރުންވެސް ދެކޮޅު ހަދައި ނުރުހުނުކަމަށް ވިޔަސް ގާނޫނުއަސާސީ ފާސްވުމުން ރައްޔިތުންނަށް އޭގެ ފައިދާތަކެއް ކުރިކަމަށް މޫކޭ ވިދާޅުވިއެވެ. މިސާލަކަށް އާސަންދައާއި ޓެކްސްގެ ނިޒާމަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް އެތަކެއް ފައިދާތަކެއް ކުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
މޫކޭ ވިދާޅުވީ މި ހުރިހާ ބޮޑެތި ބަދަލުތަކެއްވެސް ގެނެވުނީ އެމްޑީޕިގެ ވެރިކަމުގައި ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ރައްޔިތުން ބޭނުންވާ ބޮޑެތި ބަދަލުތައް ގެންނާނީ އެމްޑީޕީން ކަމަށް މޫކޭ ވިދާޅުވިއެވެ.

