ވޯޓުލާ މަރުކަޒުތަކަށް ގެނައި ބަދަލުތަކާ ގުޅިގެން އެމްޑީޕީގެ ކުރިއަށް އޮތް އެތެރޭގެ އިންތިހާބުގައި ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ މީކާއީލް ނަސީމް ރަސްމީކޮށް ޝަކުވާ ހުށަހަޅުއްވައިފިއެވެ.
އެ ޝަކުވާ ހުށަހަޅުއްވާފައިވަނީ ބައެއް ރަށްރަށުގައި ވޯޓުލާ މަރުކަޒުތަކުގެ ގޮތުގައި ޕާޓީގެ ޖަގަހަތައް ބޭނުންކުރަން ނިންމުމާ ގުޅިގެންނެވެ.
މީކާއީލް ހުށަހެޅުއްވި ޝަކުވާގައިވާ ގޮތުން، އިންތިޚާބީ ކޮމިޓީން ކުރިން ނިންމާފައިވަނީ އިންތިޚާބު އިސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ޓަކައި ހުރިހާ ރަށެއްގައިވެސް ވޯޓު ފޮށިތައް ސްކޫލްތަކުގައި ބެހެއްޓުމަށެވެ. ނަމަވެސް، ފަހުން ގެނައި ބަދަލަކާއެކު ފަސް ސަރަހައްދެއްގެ ވޯޓު ފޮށި ޕާޓީ އޮފީސްތަކަށް ބަދަލުކޮށްފައިވާ ކަމަށް އޭނާ ތުހުމަތުކުރައްވައެވެ.
އެގޮތުން ވޯޓުލާ މަރުކަޒު ބަދަލުކޮށްފައިވާ ރަށްތަކަކީ ފ. ފީއަލި، ލ. އިސްދޫ، ލ. އިސްދޫ ކަލައިދޫ ދާއިރާ، ގއ. ވިލިނގިލި، އަދި ލ. ގަން މަތިމަރަދޫ ދާއިރާއެވެ.
މީކާއީލްގެ ސިޓީގައި ވިދާޅުވެފައިވަނީ އިންތިޚާބު ބާއްވަންޖެހޭނީ ޑިމޮކްރެޓިކް އުސޫލުތަކާއި ހަމަހަމަކަމުގެ ތެރެއިން ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން، ކުރިން އެއްބަސްވެފައިވާ އިންތިޒާމުތައް މިހާ ވާދަވެރި ދަނޑިވަޅެއްގައި ބަދަލުކުރީ ކީއްވެގެންތޯ ސުވާލު އުފައްދަވައި އެ ބަދަލު ގެނައުމުގައި އެކަށީގެންވާ މަޝްވަރާއެއް ކުރެވިފައި ނުވާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އޭގެ އިތުރުން، ދާދިފަހުން ފީއައްޔަށް ކުރެއްވި ކެމްޕޭން ދަތުރުފުޅުގައި އިދިކޮޅު ކެންޑިޑޭޓެއްގެ ސަޕޯޓަރުން، ވޯޓު ފޮއްޓަށް ގަނޑުކޮށް ވޯޓު އަޅާނެ ކަމަށް ބުނެ ދެއްކި ވާހަކަތަކެއްގެ ކަންބޮޑުވުންވެސް މީކާއީލް ވަނީ ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ މިއީ ސީދާ ހެއްކެއްގެ ގޮތުގައި ނުބެލި ނަމަވެސް، މިފަދަ ވާހަކަތަކާއި ވޯޓުލާ މަރުކަޒުތަކަށް ގެނައި ބަދަލާ ގުޅިގެން އިންތިޚާބުގެ ސައްހަކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.
މީކާއީލް ވަނީ މި މައްސަލަ އަލުން މުރާޖައާކޮށް، އިންތިޚާބަށް އޮތް އިތުބާރު ދެމެހެއްޓުމަށް ޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް އިންތިޚާބީ ކޮމިޓީގައި އެދިވަޑައިގެންފައެވެ.
މި ޝަކުވާތަކާ ގުޅިގެން އެމްޑީޕީގެ އިންތިޚާބީ ކޮމިޓީން އަދި މިހާތަނަށް ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.

