ތެލެސިމިއާ ޕޭޝަންޓުނަނަށް ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމަށް ޒަކާތު ހައުސްއިން 2.5 މިލިއަން ރުފިޔާ ދީފިއެވެ.
ޒަކާތު ހައުސްއިން އާއްމުކޮށްފައިވާ މައުލޫމާތުގައި ވަނީ 21 ފެބުރުވަރީ 2024 ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި މިނިސްޓްރީ އޮފް ހެލްތާ ދެމެދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން، ކޮންމެ އަހަރަކުވެސް ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން މާލީ އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ.
އެ އިދާރާއިން ބުނެފައިވަނީ ތެލެސީމިއާއަކީ މުޅި އުމުރަށް ލޭ އެޅުމާއި ސިއްހީ ފަރުވާ ބޭނުންވާ، ވާރުތަވާ ލޭގެ ބައްޔެއް ކަމަށެވެ. އަދި މި ބައްޔަށް މިވަގުތު އޮތް ހަމައެކަނި ދާއިމީ ފަރުވާއަކީ ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުން ކަމަށެވެ. ޒަކާތު ހައުސްއިން ބުނީ މި ފަރުވާގައި ކުރެވޭ ކަމަކީ ބަލިމީހާގެ މައްސަލަ ހުރި ބޯންމެރޯގެ ބަދަލުގައި، ގުޅޭ ހަދިޔާކުރާ ފަރާތެއްގެ ދުޅަހެޔޮ ސްޓެމް ސެލްތައް ޓްރާންސްޕްލާންޓްކުރުން ކަމަށެވެ.
މީގެ ސަބަބުން ހަށިގަނޑަށް އާދައިގެ ރެޑް ބްލަޑް ސެލްތައް އުފެއްދުމުގެ ގާބިލުކަން ލިބި، ކާމިޔާބުކަމާ އެކު ބޯންމެރޯ ހެދުމުން ބަލިމީހާގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ގަވާއިދުން ލޭ އެޅުމަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެ، ބަލީގެ ސަބަބުން ކުރިމަތިވެދާނެ ދިގު މުއްދަތުގެ ނުރައްކާތަކުން ސަލާމަތްކޮށްދޭ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
މިއީ ވަރަށް ބޮޑަށް ޚާއްސަވެފައިވާ އަދި އަގުބޮޑު ފަރުވާއަކަށް ވުމުން، ޝަރުތުހަމަވާ ބަލިމީހުންނަށް މި ފުރާނަ ސަލާމަތްކޮށްދޭ ފަރުވާ ހޯދައިދިނުމުގައި މާލީ އެހީތެރިކަން ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށްވެސް ޒަކާތު ހައުންސްއިން ވަނީ ބުނެފައެވެ.
އެހެންނަމަވެސް މި ފަހުމުނާމާގައި ސޮއިކުރުމުގެ ކުރިން 2014 ވަނަ އަހަރުން ފެށިގެން އެކި ފަހަރުމަތިން ޒަކާތު ފަންޑުން ތެލަސީމިއާ ބަލިމީހުންގެ ބޯންމެރޯ ޓްރާނސްޕްލާންޓް ހެދުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާކަން ޒަކާތު ހައުސްއިން ވަނީ ބުނެފައެވެ.

