ފޯޖުކުރި ސަނަދު ދޫކުރުމާއި ބޭނުންކުރުމަކީ ޖިނާއީ ބޮޑު ކުށަކަށް ހަދަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުންތަކެއް ހުށަހަޅުއްވައިފިއެވެ.
ދިވެހިރާއްޖޭގައި އެކްރެޑިޓްނުކުރާ އަދި ފެންވަރު ކަށަވަރުނުކުރެވޭ ސަނަދުތައް ދޫކުރުމާއި ފޭކު ސަނަދުތައް ގެންގުޅުން ހުއްޓުވުމުގެ މުހިންމުކަން ފާހަގަކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ފޮނުއްވި ސިޓީގައި ކުޑޫ ފާހަގަކުރެއްވީ، އެފަދަ ފޯޖްކުރި ސަނަދުތައް ބޭނުންކުރުމަކީ ތައުލީމީ ދާއިރާގައި މުޅި މުޖުތަމައުއަށް އޭގެ ނޭދެވޭ އަސަރު ވަރަށް ފުޅާ ދާއިރާއެއްގައި ފޯރާނެ ކަމެއް ކަމަށެވެ.
އެކަމުގެ ސަބަބުން ރާއްޖޭގެ ތައުލީމީ ފެންވަރު ދަށްވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ދަރިވަރުންނަށް ލިބެންޖެހޭ ފުރިހަަމަ އިލްމާއި ބޭނުންތެރި ހުނަރުތައް ނުލިބި ހަމައެކަނި ރަމްޒީ ސަނަދެއް ލިބޭއިރު، ކިޔަވައިދޭ މާއްދާތަކަކީ ގައުމީ ނުވަތަ ބައިނަލްއަގުވާމީ ފެންވަރުގެ މިންގަނޑުތަކަށް ނުފެތޭ އެއްޗަށް ވެފައިވާކަމަށެވެ.
ސަނަދެއް އޮތަސް މަސައްކަތުގެ މައިދާނުގައި މުވައްޒަފުންނަށް ބޭނުންވާ އަމަލީ ހުނަރު ނުހުންނަ ކަމަށާއި ތައުލީމީ މަރުކަޒުތަކުން ނުކުންނަ ދަރިވަރުންގެ ފެންވަރާމެދު ވަޒީފާދޭ ފަރާތްތަކުގެ މެދުގައި އޮންނަ އިތުބާރު ކުޑަވެގެންދާ ކަމަށް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ގައުމީ އިގްތިސާދީ ކުރިއެރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާ ކަމަށް ވިދާޅުވެފައިވެއެވެ.
އޭގެ އިތުރުން، އެކަމުގެ ސަބަބުން ރާއްޖޭގެ ތައުލީމީ ދާއިރާގެ އަގު ބައިނަލްއަގުވާމީ މައިދާނުގައި ވެއްޓި، ރާއްޖޭގެ ސަނަދުތައް ބަލައިނުގަންނަ ހާލަތަށް ކަންތައްތައް ގޮސްދާނެ ކަމަށް ވެސް ކުޑޫ ވިދާޅުވިއެވެ. އަދި ތައުލީމީ ނިޒާމުގެ އިތުބާރު ގެއްލި އިތުރަށް ކިޔެވުމުގެ ފުރުސަތުތައް ވެސް ހަނިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ފޯޖުކުރި ފޭކް ސެޓިފިކެޓު ދޫކުރުމުގެ މައްސަލައިގެ ސަބަބުން އިޖުތިމާއި މައްސަލަތަކެއް ވެސް އުފެދޭއިރު، ގިނަ ދުވަހުން ކިޔަވައި ނިމޭ ދަރިވަރުންނަށް ސެޓިފިކެޓު އެކްރެޑިޓް ނުކުރާކަން އެނގުމުން ދަރިވަރުން ނަަފްސާނީ ގޮތުން ބަލިކަށިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި މަކަރާއި ހީލަތުން ސަނަދު ހޯދާ ފަރާތްތަކުގެ ސަބަބުން، ބުރަ މަސައްކަތުން ކިޔަވާ ދަރިވަރުންނަށް ހަމަހަމަ ފުރުސަތު ނުލިބޭކަން ވެސް ފާހަގަކުރެއްވިއެވެ.
އެ މައްސަލައަށް ކުޑޫ ހައްލުތަކެއް ވެސް ހުށަހެޅުއްވިއެވެ. އެގޮތުން ދަރިވަރުން ކިޔަވަން ފެށުމުގެ ކުރިން ބައިވެރިވާ ޕްރޮގްރާމަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)އިން ހުއްދަދީ އެކްރެޑިޓްކޮށްފައިވާ ޕްރޮގްރާމެއްކަން ކަށަވަރުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
އެ މައްސަލަ ހައްލުކުރަން ރައްޔިތުންގެ މަޖިލީހުން ކުރެވިދާނެ ކަންތައްތައް ވެސް އޭނާގެ ސިޓީގައި ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ހިމެނެނީ:
- އެކްރެޑިޓް ނުކުރާ ސަނަދު ދޫކުރުމާއި ބޭނުންކުރުމާއި ފޯޖު ސެޓިފިކެޓު ގެންގުޅުމަކީ ޖިނާއީ ބޮޑު ކުށަކަށް ހެދުން
- ކުށް ތަކުރާރުވާ މިންވަރަށް ބަލައި ގަވައިދާ ހިލާފުވާ މުއައްސަސާތައް ބޮޑު އަދަދަކުން ޖޫރިމަނާކޮށް، އެފަދަ ތަންތަން ބަންދުކުރުމާއި ޖޫރިމަނާ ބޮޑުކުރުމަށް މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް އިސްލާހު ގެނައުން
- އެކްރެޑިޓް ނުކުރާ އަދި ފެންވަރު ކަށަވަރުނުކުރެވޭ ސަނަދުތަކާއި ފޯޖް ސަނަދު ދޫކުރި ފަރާތާއި އެ ސަނަދު ލިބިގަތް ފަރާތުގެ މައުލޫމާތު އާންމުކުރުން
- މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް އިސްލާހު ގެނެސް އެމްކިޔުއޭއަށް ލިބިގެންވާ ބާރު އިތުރުކޮށް، އެފަދަ ކަންކަމާ ގުޅިގެން ފިޔަވަޅު އެޅުމުގެ ބާރާއި ހައިސިއްޔަތު ދިނުން
- އެމްކިޔުއޭއިން ގަބޫލުކުރާ ހުރިހާ ސަނަދެއް ފެންނާނެ ރަޖިސްޓްރީއެއް އުފެއްދުން
- ސަނަދުތަކަކީ ބަދަލުނުކުރެވޭނެ ސައްހަ އެއްޗެއްކަން ކަށަވަރުކުރަން ބްލޮކްޗެއިން ބޭނުންކުރުން، އަދި ކޮންމެ ސަނަދެއްގައި ވަގުތުން ވެރިފައި ކުރެވޭނެ ކިއުއާރް ކޯޑެއް ހިމެނުން
- ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ސަނަދުގެ ސައްހަކަން ކަށަވަރުކުރަން މުއައްސަސާތަކަށް ލާޒިމުކުރުން
- ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ސަނަދުގެ ސައްހަކަން ބެލުމަށް ސެޓްފިކެޓު ޗެކްކުރެވޭނެ އޮންލައިން ނިޒާމެއް ގާއިމްކުރުން
އޭގެ އިތުރުން، ހުއްދަ ނެތް ކޯސްތަކުން ލިބޭ ސަނަދުގައި ގާނޫނީ ބުރަދަނެއް ނެތްކަން އަންގައިދިނުމާއެކު އެފަދަ ސަނަދު ދޫކުރާ އަދި ލިބިގަންނަ ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅުތައް އާންމުކޮށް، އާންމުން ހޭލުންތެރިކުރުމަށް ވެސް ކުޑޫ ގޮވާލެއްވިއެވެ.
އޭނާގެ ސިޓީ ނިންމާލައްވަމުން އެދިވަޑައިގަތީ، މަތީ ތައުލީމާއި ތަމްރީނު ދިނުމުގެ ހިދުމަތްތަކުގެ ފެންވަރު ވަޒަންކުރުމުގައި ދައުރު އަދި އެކަމުގައި ހުރި ގޮންޖެހުންތައް އޮޅުންފިލުވުމަށްޓަކައި އެމްކިޔުއޭގެ ވެރިން މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށެވެ.

