ބޭންކިންގ ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބުން އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުންނާއި ބޭރު ފައިސާގެ ބާޒާރަށް އިތުރު ލުޔެއް ހޯދައިދިނުމުގެ ގޮތުން، ބޭންކުތަކަށް ހަފުތާއަކު ދޫކުރާ އެމެރިކާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.
މި ހަފުތާއިން ފެށިގެން ކުރިއަށް އޮތް ތިން ހަފުތާއަށް ގެނެވުނު މި 51 އިންސައްތައިގެ އިތުރުވުމަކީ ބޭންކިންގ ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބޭނެ މަގު އިތުރަށް ފަހިކޮށްދީ، މުދާ އިމްޕޯޓްކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި އެޅި ފިޔަވަޅެއް ކަމަށް އެމްއެމްއޭ އިން ބުނެއެވެ.
މިދިޔަ ފެބުރުއަރީ މަހުން ފެށިގެން ރާއްޖެއަށް ވަންނަ ޑޮލަރުގެ މިންވަރު މަދުވުމާ ގުޅިގެން، ބޭރު ފައިސާގެ ބާޒާރަށް ކުރިމަތިވެފައިވާ ފިއްތުންތައް ކުޑަކުރުމަށް އެމްއެމްއޭ އިން އަންނަނީ އިސްނަގައިގެން ފިޔަވަޅުތަކެއް އަޅަމުންނެވެ. ޑޮލަރު ލިބޭ މިންވަރު ދަށްވެފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް އައިސްފައިވާ މަޑުޖެހުމާ ގުޅިގެންނެވެ.
މީގެ ކުރިންވެސް ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށް އެމްއެމްއޭ އިން ވަނީ އެކި ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން، މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ޒަރޫރީ ކާބޯތަކެތި އިމްޕޯޓްކުރާ ވިޔަފާރިވެރިންނަށް އެހީތެރިވުމަށާއި އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 32 އިންސައްތަ އިތުރުކުރިއެވެ.
އޭގެ އިތުރުން، ފަތުރުވެރިކަމުގެ އޮފް-ސީޒަނާ ދިމާކޮށް ވިޔަފާރިތަކަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިދިޔަ ޖޫން މަހުވެސް ވަނީ ހަފުތާއަކު ދޫކުރާ ޑޮލަރުގެ މިންވަރު 26 އިންސައްތަ އިތުރުކޮށްދީފައެވެ.

