ސުންނަތޭ ބުނުމުން އެއީ ކޮންމެހެން ނުކުރިއަސް ވަރިހަމަ ކަންކަން ކަމުގައި ބައެއް މީހުންނަށް ހީވެފައި އޮންނަ ކަމަށާއި މިއީ ވަރަށް ބޮޑު އޮޅުމެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގެ މައުލޫއަކީ އިސްލާމީ ޝަރީޢަތުގެ ދެވަނަ މަޞްދަރެވެ. މިއަދުގެ ހުތުބާގައި ބުނެފައިވަނީ އިސްލާމްދީނުގެ ފުރަތަމަ މަޞްދަރުކަމުގައި ކީރިތި ޤުރްއާންވީ ފަދައިން އެ ދީނުގެ ދެވަނަ މަޞްދަރަކީ ރަސޫލު (ޞ)ގެ ސުންނަތް ކަމަށެވެ. މާތް ﷲއަށް ކިޔަމަންވުމަށް ކުރައްވައިފައިވާ އަމުރުފުޅާ ވިދިގެން ރަސޫލާ (ޞ)އަށް ކިޔަމަންވުމަށް ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި އެކަލާނގެ އަމުރުކުރައްވާފައިވާ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. ކީރިތި ﷲ އަހަރެމެންގެ ގާތަށް ރަސޫލަކު ފޮނުއްވީ އަހަރެމެންނަށް ސީދާމަގަށް މަގުދެއްކެވުމަށް ކަމަށާއި އެހެންކަމުން ދިރިއުޅުމުގެ ހުރިހައި ކަމެއްގައި އެކަލޭގެފާނަށް ތަބާވެ، އެކަލޭގެފާނު ނަމޫނާއެއްކަމުގައި ބަލައިގަތުމަކީ އަހަރެމެންގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
ހުތުބާގައި ބުނީ އެކަލޭގެފާނުގެ ބަސްފުޅުތަކަކީ އެކަލޭގެފާނަށް ބާވައިލެއްވުނު ވަޙީގެ ތެރެއިން ބައެއްކަން ވެސް ކީރިތި ﷲ އަންގަވާފައިވާ ކަމަށެވެ. ސުންނަތޭ ބުނުމުން އެއީ ކޮންމެހެން ނުކުރިއަސް ވަރިހަމަ ކަންކަން ކަމުގައި ބައެއް މީހުންނަށް ހީވެފައި އޮންނަ ކަމަށާއި ޝަރުޢީ ކަމެއް ސުންނަތުން ސާބިތު ވިއަސް ޤުރްއާނުގައި އޭގެ ޙުކުމް އައިސްފައިނުވާ ނަމަ، އެއީ ކުރުމުން ޘަވާބުލިބޭ އަދި ނުކޮށް ދޫކޮށްލިއަސް ޢަޛާބު ނުލިބޭ ކަމެއްކަމުގައި އެފަދަ މީހުން ދެކޭ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި އަނެއް ބަޔަކު ދެކޭ ގޮތުގައި މުސްލިމުން ޢަމަލުކުރަން ޖެހޭ ހުރިހާ ކަމެއް މާތް ﷲ ވަނީ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވައިފައެވެ. އެހެންކަމުން އޭގެ ބޭރުން އެހެން އެއްޗަކަށް ބަލާކަށް ނުޖެހޭނެ ކަމަށް ހީވެފައި އޮތުމަކީ ވަރަށް ބޮޑު އޮޅުމެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
”އެހެނީ، އިސްލާމީ ޝަރީޢަތުގެ ގިނަ ކަންކަމުގައި ސުންނަތަށް ރުޖޫޢަނުވެ، ހަމައެކަނި ޤުރްއާނުން ދަލީލު ނަގައިގެން ޢަމަލުކުރުމީ މުސްތަޙީލުކަމެކެވެ. މިސާލަކަށް، ނަމާދަކީ ދީނުގެ ތަނބެވެ. ޝަހާދަތުގެ ދެކަލިމައަށް ފަހު ދީނުގެ އެންމެ މުހިންމު ރުކުނަކީ ނަމާދެވެ. މި ރުކުން މުއުމިނުންގެ މައްޗަށް ފަރުޟުވެއްޖެކަން ޤުރްއާނުން އެނގޭން އެބައޮތެވެ. ނަމަވެސް ނަމާދު އަދާކުރާންވީ ގޮތެއް ކީރިތި ޤުރްއާނުގައި އައިސްފައެއް ނުވެއެވެ. މިކަންކަން އެނގެނީ ރަސޫލާގެ ސުންނަތުންނެވެ. ހަމައެފަދައިން ޙައްޖުގެ އަޅުކަން އަދާކުރާންވީގޮތް އެކަލޭގެފާނު ވަނީ ދަސްކޮށްދެއްވައިފައެވެ. އެހެންކަމުން ސުންނަތާނުލައި، ދީނުގެ ޙުކުމްތަކެއް ނޭނގޭނެއެވެ. ކީރިތި ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. ”(އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނަށް قرآن ބާވައިލެއްވީ، އެއުރެންނަށް ބާވައިލެއްވި ތަކެތި، މީސްތަކުންނަށް ކަލޭގެފާނު ބަޔާންކޮށްދެއްވުމަށް ޓަކައެވެ. އަދި އެއުރެން ފިކުރުކުރުމަށް ޓަކައެވެ.“
އިސްލާމީ ޝަރީޢަތުގެ ފުރަތަމަ މަޞްދަރުކަމުގައި ކީރިތި ޤުރުއާންވީ ފަދައިން، ރަސޫލު (ޞ) ގެ ސުންނަތަކީ އެ ޝަރީޢަތުގެ ދެވަނަ މަޞްދަރުކަން ކަށަވަރެވެ. ކީރިތި ޤުރްއާނާއި ސުންނަތާ ދެމެދުގައިވާ ގުޅުމަކީ ޝަހާދަތުގެ ދެކަލިމައިގައިވާ ގުޅުން ކަމަށާއި އެ ދެކަލިމަ ވަކިނުކުރެވޭނޭ ފަދައިން ޤުރްއާނާއި ސުންނަތް ވެސް ވަކި ނުކުރެވޭނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. ކީރިތި ރަސޫލު (ޞ)ގެ ސުންނަތަކީ އެކަލޭގެފާނަށް ބާވައިލެއްވުނު ދީނުގެ ބައެއް ކަމަށާއި އެ ދީން ކީރިތި ﷲ ވަނީ ޤިޔާމަތަށް ދާންދެން ރައްކާތެރިކުރައްވާނޭ ކަމަށް ވަޢުދުވެވޮޑިގެންފައި ކަމަށްވެސް މިއަދުގެ ހުކުރު ހުތުބާގައި ވަނީ ބުނެފައެވެ.
”މުސްލިމް އަޚުންނޭވެ! جَابِر رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ. اَلْـمِقْدَامُ بْنُ مَعْدِيْ كَرِب ވިދާޅުވަނިކޮށް އަހުރެން އަޑުއެހީމެވެ. ”ޚައިބަރު ހަނގުރާމައިގެ ދުވަހު ރަސޫލު ﷲ z ކަންތައްތަކެއް ޙަރާމްކުރެއްވިއެވެ. އޭގެފަހުގައި ޙަދީޘްކުރެއްވިއެވެ. ތިޔައިގެ ތެރެއިން، އެބަހީ: މި އުންމަތުގެ މީހުންގެ ތެރެއިން ތިމަންކަލޭގެފާނުގެ ބަސްފުޅު ދޮގުކުރާ ބަޔަކު އަންނާނޭ ދުވަސް އައުން ގާތެވެ. އެ ފަދަ މީހަކަށް ތިމަންކަލޭގެފާނުގެ ޙަދީޘް އިވޭ ހިނދު، ބޮޑާކަމާ އެކު ދާންމަތީ ލެނގިލައިގެން އިނދެ ބުނާނެއެވެ. އަހަރެމެންނާ ތިޔަބައިމީހުންނާ ދެމެދު މި ވަނީ ﷲގެ ފޮތެވެ. ފަހެ ޙަލާލުކަމުގައި މި ފޮތުގައި އައިސްފައިވާ ކަމެއް ނަމަ ޙަލާލުކަމެއްކަމުގައި އަހަރެމެން ބަލައިގަންނަމެވެ. އަދި ޙަރާމްކަމުގައި މި ފޮތުގައި އައިސްފައިވާ ކަމެއް ޙަރާމްކަމެއްކަމުގައި އަހަރެމެން ބަލައިގަންނަމެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.“
ހުތުބާގައި ބުނެފައިވަނީ ހަމަކަށަވަރުން ﷲގެ ރަސޫލު (ޞ) ޙަރާމްކުރައްވައިފައިވާ ކަންކަމަކީ، މާތް ﷲ ޙަރާމްކުރައްވައިފައިވާ ކަންތައް ފަދަ ކަންކަމެއް ކަމަށެވެ. ކީރިތި ރަސޫލާގެ ސުންނަތް އަހަރެމެންނާ ހަމައަށް އައިސްފައިވަނީ، ޤުރްއާން ވެސް އަހަރެމެންނާ ހަމައަށް ފޯރުކޮށްދެއްވި އަޞްޙާބުބޭކަލުންގެ އަރިހުންނެވެ. މި އާޔަތުގައި އެވާ ޛިކުރަކީ ޤުރްއާނާއި ސުންނަތުގެ މައްޗަށް އެކުލެވިގެންވާ އިސްލާމީ ޝަރީޢަތެވެ. އެހެންކަމުން ޤުރްއާނާއި ސުންނަތް ރައްކާތެރިކުރެވިގެން މެނުވީ ދީން ރައްކާތެރިއެއް ނުކުރެވޭނެކަމަށް މިއަދުގެ ހުކުރު ޚުޠުބާގައިވެއެވެ.

