ކައުންސިލުތަކުގެ ބިންތައް ވަޒީރުންގެ މަޖިލީހުގެ ނިންމުމަކުންް އަތުލެވޭގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރަން ގޮވާލައި އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓު މެދުވެރިކޮށް ފެށި ޕެޓިޝަނަކަށް 4000 ސޮއި ހަމަވެއްޖެއެވެ.
މަޖިލީހުގެ ވެބްސައިޓުގައި ހިމެނޭ އީޕެޓިޝަން ޕޯޓަލްއިން ދައްކާ ގޮތުގައި އެ ޕެޓިޝަން އިއްޔެ ފެށީ، ކ. މާލެ، ސަންފާމަންޒިލް، އަލީ ނަބީލެވެ. އެ ޕެޓިޝަނަށް މަޖިލީހުގެ ޖަލްސާއެއްގައި ބަހުސްކުރަންޖެހޭ، ހާއްސަ ޕެޓިޝަންގެ ދަރަޖަ ލިބޭ މިންވަރަށް 24 ގަޑިއިރު ތެރޭގައި ވަނީ ސޮއި ހަމަކޮށްފައެވެ.
އެ ޕެޓިޝަނުގައި ވަނީ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ރަށު ފެންވަރުގައި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައް ހަލުވިކަމާއެކު ކޮށްދިނުމަށް ޤާނޫނީ ގޮތުން މަގުފަހިކޮށްދޭ ނުހަނު މުހިންމު އިސްލާޙަކަށް ވާތީ އެ އިސްލާހު ހުށައެޅިފައިވާ ގޮތަށް ފާސްކޮށްދިނުމަށް ގޮވާލާ ކަމަށެވެ.
އެ އިސްލާޙުގެ ސަބަބުން ކައުންސިލްތަކުގެ ބާރު ކެނޑިގެންދާކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ސިޔާސީ މަޤްޞަދެއްގައި ފަތުރާ ޙަޤީޤަތާ ޚިލާފު ބާޠިލު އަސާސްތަކެއް މައްޗަށް ބިނާކޮށްފައިވާ ވުޖޫދުގައި ނުވާ ވާހަކަތަކެއް ކަމަށް ޕެޓިޝަންގައިވެއެވެ. އަދި ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ޙައްޤުތަކުގެ ތެރޭގައި ހިމެނޭ ޞިއްޙީ ޚިދުމަތްތަކާއި އަމަންއަމާންކަން ޤާއިމުކުރުމަށް ބޭނުންވާ ޕޮލިސް ޕޯސްޓް ފަދަ ޒަރޫރީ ޚިދުމަތްތަކަށް ބިން ދޫކުރުމަކީ މައި ސަރުކާރާއި ކައުންސިލްތައް ގުޅިގެން ޤައުމީ މަޞްލަޙަތުގައި ކުރަންޖެހޭ ކަމެއް ކަމަށް ބަޔާންކޮށްފައިވެއެވެ.
ލާމަރުުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން މަޖިލީހަށް އެންމެ ފުރަތަމަ ޕެޓިޝަނެއް ހުށަހެޅީ ސ. މަރަދޫފޭދޫ އައްސޭރި، މިދުއަމް ސައުދުއެވެ. ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލައި، މި މަހުގެ އަށް ވަނަ ދުވަހު އޭނާ ހުށަހެޅި ޕެޓިޝަނަށް ތަރުހީބު ލިބި ހާއްސަ ޕެޓިޝަނެއްގެ ދަރަޖަ ލިބޭވަރަށް އެ ޕެޓިޝަނަށް ވެސް ވަނީ ސޮއި ހަމަވެފައެވެ. އެ ޕެޓިޝަނަށް 2307 ސޮއި ލިބިފައިވެއެވެ.
އެފަހުން މި މަހުގެ 16 ވަނަ ދުވަހު ބިލު އޮތް ގޮތަށް ފާސްކުރަން ގޮވާލައި އިތުރު ޕެޓިޝަނެއް ވެސް ފެށިއެވެ. ސ. މީދޫ، ބިނާ، އަހުމަދު ޝާތިރު ފެށި އެ ޕެޓިޝަނަށް މިހާތަނަށް ހަމަވީ 855 ސޮއެވެ.
މިދުއަމް ޕެޓިޝަން ހުށަހެޅި ފަހުން، ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ ރައްޔިތުންގެ މަޖިލީހަށް އެއް މައްސަލައަކާ ގުޅޭގޮތުން އެއް ޕެޓިޝަނަށްވުރެ ގިނަ ޕެޓިޝަން ހުށަހެޅޭ ގޮތަށް މަޖިލީހުގެ ގަވާއިދު ވެސް އިސްލާހުކޮށްފައެވެ.
ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައިވަނީ ސަރުކާރުން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކައުންސިލެއްގެ ބިމެއް އިހްތިސާސުން ވަކިކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ ކަމަށެވެ. އޭގެ އިތުރުން، ސަރުކާރުން ބޭނުންވާ މަޝްރޫއުތަކާ ކައުންސިލުން ދެކޮޅު ހެދުމަކީ ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ހިލާފު ކަމަކަށް ހެދުމަށް ވެސް އިސްލާހު ހުށަހަޅާފައިވެއެވެ.
އޭގެ އިތުރުުން ޖަމާއީ މަންފާއަށް ޓަކައި ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތަކަށް މަގުބޫލު ސަބަބެއް ނެތި ހުރަސްއެޅޭ ފަދަ ގޮތަކަށް އަމަލުކުރުން ނުވަތަ އެފަދަ މަޝްރޫއުތައް ހުއްޓުވުމަށް މެދުވެރިވާ ފަދަ ނިންމުންތައް ނިންމުމަކީ ކައުންސިލަރުން ކޮށްގެން ނުވާނެ ކަމެއް ކަމަށް ކަނޑައަޅަން ވެސް ހުށަހަޅާފައިވެއެވެ.

