ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް19: ދުނިޔޭގަ އެންމެ ރަނގަޅަށް ޓެސްޓްކުރާ ގައުމުތަކުގެތެރޭގަ ރާއްޖެ ހިމެނޭ! ދުނިޔެއިން އެހީވަނީ ރާއްޖެއަށްވުރެ ނިކަމެތި ގައުމުތަކަށް: މަބްރޫކް

އެންސީއޯސީގެ ތަރުޖަމާން މަބްރޫކް އަޒީޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. އެއް ސްޓޭންޑެއް މަބްރޫކަށް ނުހިފެހެއްޓޭކަން ފާހަގަކުރެވޭ.. ފޮޓޯ ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގަ އެންމެ ރަނގަޅަށް ކޯވިޑް19 އަށް ޓެސްޓްކުރާ ގައުމުތަކުގެތެރޭގައި ދިވެހިރާއްޖެ ހިމެނޭކަމަށާއި، އެހެންކަމުން މެޝިނަރީޒްއާއި ޓެސްޓް ކިޓް ފޯރުކޮށްދިނުމަށް ދުނިޔެއިން އެހީވަނީ ރާއްޖެއަށްވުރެ ނިކަމެތި ގައުމުތަކަށް އިސްކަން ދީގެންކަން އެންސީއޯސީގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ. މަބްރޫކް މިހެން ވިދާޅުވީ ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތާއިބެހޭގޮތުން މިރޭ ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ. 

މަބްރޫކް ވިދާޅުވީ ރާއްޖެއިން ކޯވިޑް19 އަށް ތައްޔާރުވެ، އަދި މިހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތަށް ޑަބްލިއު އެޗް އޯގެ ތައުރީފްވެސް ލިބިފައިވާކަމަށެވެ. މިގޮތުން ބައްޔަށް ޓެސްޓްކުރުމުގައިވެސް ރާއްޖެ އުޅެނީ ވަރަށް ކުރީގައިކަން ފާހަގަކުރެއްވިއެވެ. 

“އަޅުގަނޑުމެންނަށް މަސައްކަތްކުރެވެމުން މިއަންނަ މިންވަރު މިކިޔަައިދިނީ، މިސަހަރައްދުގަ ބަލާލިޔަސް ދުނިޔޭގެ ފެންވަރުގައި ބަލާލިޔަސް އަސްލު އެންމެ ރަނގަޅަށް ކުރެވެމުން އަންނަ ގައުމުތަކުގެތެރޭގައި ދިވެހިރާއްޖެ އެބަ ކިޔައޭ. އެހެންވީމަ މެޝިނަރީއާއި މިފަދަ ތަކެތި ފޯރުކޮށްދިނުމުގައިވެސް އެބޭފުޅުންވެސް (ބައިނަލްއަގްވާމީ ދުނިޔެ) ބަލާނެ ދެއްތޯ މިއަށްވުރެ (ރާއްޖެއަށްވުރެ) މާފަހަތުގަ މިއަށްވުރެ މާ މަދުން މިތަކެތި ހުރި ގައުމުތަކަށް އަވަހަށް އެހީ ފޯރުކޮށްދެވޭތޯ: މަބްރޫކް

ނަމަވެސް 7 މޭ ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ޝީނާ މޫސާ ވަނީ ރާއްޖޭގެ ޓެސްޓު ކުރާ މިންވަރު ދަށްކަން  ފާހަގަކުރައްވާފައެވެ. އަދި ރަނގަޅަށް ޓެސްޓު ކުރެވޭނަމަ ދުވާލަކު 300 މީހުން ކޮވިޑު-19 އަށް ޕޮޒިޓިވް ވާނެކަމަށް ޝީނާ ވިދާޅުވެއެވެ. ޑރ.ޝީނާ މިވާހަކަ މިގޮތަށް ދެއްކެވުމުގެ ކުރިން މަބްރޫކް ވިދާޅުވަމުން ގެންދެވީ ރާއްޖެއިން ރާއްޖޭގައި ޓެސްޓު ކުރަނީ ސިންގްޕޫރު ފަދަ ޤައުމުތަކާއި އެއް ހަމައެއްގައި ކަމަށެވެ. ކޮންމެ ޕޮޒިޓިވް ކޭސް އަކަށް ކުރާ ޓެސްޓުތަކުގެ މިންގަނޑުން ބެއްޔަސް، އަދި އާބާދީގެ ނިސްބަތުން ބެއްޔަސް، ރާއްޖެ އުޅެނީ ސިންގަޕޫރު ފަދަ ޤައުމުތަކަށްވުރެ ވެސް ކުރީގައި ކަމަށް ވިދާޅުވިއެވެ. ޑރ.ޝީނާގެ ވާހަކައަށްފަހު މަބްރޫކްވެސް ވިދާޅުވަމުންގެންދެވީ ޓެސްޓްކުރާނެ މެޝިން ނުލިބި ލަސްވުމުން، ޓެސްޓްކުރުން ދަށް ކަމަށެވެ. 

އެވާހަކަތައް އެގޮތަށް ދެއްކެވުމަށްފަހު މިރޭ އަނެއްކާ މަބްރޫކް ވިދާޅުވީ ސާކް ސަރަހައްދުން، އޭޝިއާ ސަރަހައްދުން، އަދި ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް ރާއްޖެއިން ޓެސްޓްކުރާ އަދަދު ރަނގަޅުކަމަށެވެ. މިގޮތުން ސާކް ސަރަހައްދުން އިންޑިއާ/ލަންކާ ވައްޓާލުމަށްފަހު ރާއްޖެއަށް ޓެސްޓްކުރުމުން އެއްވަނަ ލިބޭކަމަށާއި އަދި ދުނިޔޭގެ ނިސްބަތުންވެސް ރަނގަޅު ހިސާބެއްގައި ރާއްޖެއަށް ހިފަހައްޓާލެވިފައިވާކަމަށެވެ.

“ޓެސްޓް ކިޓްގެ ވާހަކަ ދައްކަންޏާ، އަސްލު ހަގީގަތުގައި މިރީޖަންގެ މިސަރަހައްދުގަ، ސާކް ސަރަހައްދުގަ ރާއްޖެއާއި ގާތް އަދަދަށްވެސް ޓެސްޓް ހެދި އެއްވެސް ގައުމެއް ނެތް. އޭޝިއާތެރެ ބަލާލާކަމުގައިވާނަމަ އޭޝިއާއިން އެންމެ ރަނގަޅަށް މިކަންކުރި ފަސް ގައުމުތެރޭގައި ރާއްޖެ ހިމެނޭ. ދުނިޔޭގެ ނިސްބަތުން ޓޮޕް 25% ތެރޭގައި ރާއްޖެ ހިމެނޭ.” މަބްރޫކް

ވެކްސިނެއް ނެތްހާ ދުވަހަކު މިބައްޔަށް އޮތް ފަރުވާއަކީ ދުރުދުރުގައި ތިބެގެން ކުރެވޭ މަސައްކަތްކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. ނަމަވެސް އެންސީއޯއީގެ ތަރުޖަމާން އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކަވާކަން ވަނީ ފާހަގަކުރެވިފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: