ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ޖެހުނު ބިދޭސީން ފިލިތާ ހަފްތާއެއް! ސޯޝަލް މީޑިއާއިން ބޭޒާރުކުރުމާއިހަމައަށް ސަރުކާރުން ‘ސިއްރު’ ކުރި!

ހަތް ބިދޭސީއެއް ކޮރޯނާ ވައިރަސް ޖެހުނު ފަހުން ފިލި. އޭގެތެރެއިން 3 މީހަކު ހޯދުނު، 4 ނޮހޯދޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް19 ޖެހުނު 7 ބިދޭސީއެއް ފިލިކަން ސަރުކާރާއި އެޗްޕީއޭ އަދި ފުލުހުންނަށް އެނގުނުތާ ހަފްތާއެއްވީއިރު ސޯޝަލް މީޑިއާގައި އެކަން ފަޅާއަރުވާލުމާއިހަމައަށް ސަރުކާރުން އެކަން ސިއްރުކުރިކަން މިރޭ ހާމަވެއްޖެއެވެ. 

ކޮރޯނާ ވައިރަސްގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރުމަށް އެޗްޕީއޭއިން މެދުނުކެނޑި ކޮންމެ ދުވަހަކު ދެ ދަޅައަށް ނިއުސް ކޮންފަރެންސް ބާއްވައެވެ. ތަރުޖަމާން މަބްރޫކް އަޒީޒުވެސް މީގެކުރިން ވިދާޅުވެފައިވަނީ ކަމެއް ސިއްރުކުރަން ނުވަތަ ދޮގުހަދަންޖެހޭ ދުވަހެއް އައިސްފިނަމަ އެގޮނޑީގައި ނީންނަވާނެކަމަށެވެ. ނަމަވެސް މިފަހަކަށްއައިސް ކަންތައް ސިއްރުކުރުމާއި އޮޅުވާލުމުގައި މަބްރޫކް ހަނު ހުންނެވުމަކީ އެކަމުގައި ބައިވެރިވުންކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ބިދޭސީން ފިލި މައްސަލަ ސިއްރުކުރުން މިއީވެސް އޭގެން ކަމެކެވެ. 

މިވީ އެއް ހަފްތާތެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައިވެސް މީހުންތަކެއް ފިލައިގެން އުޅޭ ވާހަކައެއް މަބްރޫކެއް ވިދާޅެއްނުވެއެވެ. ފިލައިގެން އުޅޭ މީހުންގެ މައުލޫމާތެއް އާއްމުކޮށްފައިނުވާތީ އެމީހުންނާއި ބައްދަލުވިބައެއް ނުވަތަ ސަމާލުވާންވެސް އާއްމުން ތިބީ ނޭނގިފައެވެ. 

މިއަދު ރައްޔިތުންގެ މަޖިލީހުގައްޔާއި ސޯޝަލް މީޑިއާގައި އާއްމުންގެންދެވީ ކޮވިޑް19 ޖެހުނު ބިދޭސީންތަކެއް ފިލައިގެން އުޅޭކަމަށްބުނެ ބިދޭސީންތަކެއްގެ ފޮޓޯ އާއްމުކޮށްފައެވެ. އަދި ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ގެންދެވީ ސަރުކާރުން މިކަން ސިއްރުކުރާކަމަށާއި، ފުލުހުންގެ ފަރާތުން ޖަވާބް ބޭނުންވާކަމަށް ލިޔަމުންނެވެ. 

މިއަޑުތައް ސޯޝަލް މީޑިއާގައި ގަދަވުމުން އެންއީއޯސީގެ ތަރުޖަމާން މަބްރޫކަށްވަނީ ޖަވާބް ދެއްވަން ޖެހިވަޑައިގެންފައެވެ. ނަމަވެސް ރަސްމީ ނިއުސް ކޮންފަރެންސް ގަޑީގައި، ފިލި މީހުން ފިލި ތާރީހާއި ތަފްސީލް މަބްރޫކް ނުދެއްވައެވެ. 

މަބްރޫކް ވިދާޅުވީ، ޕޮޒިޓިވްވި ހަތް މީހުންގެ ތެރެއިން ހަތަރު މީހަކު ފުލުހުން ހޯދާފައިވާ ކަމަށާ ނަމަވެސް މިހާތަނަށް ތިން މީހަކު ފެނިފައިނުވާ ކަމަށެވެ. ހޯދުނު މީހުންވެސް ހޯދުނީ ކިތައް ދުވަސް ފަހުންކަމެއް ވިދާޅެއްނުވެއެވެ. ވިދާޅުވީ، އެ މީހުންގެ ސާމްޕަލްތައް ޕޮޒިޓިވްވުމުން އައިސޮލޭޝަންއަށް ގެންދިއުމަށް މިދިޔަ ހަފްތާގައި ގުޅުމުން ފޯނަށް ގުޅޭގޮތް ނުވިކަމަށެވެ.

މިފަދަ ކޭސްތަކުގައި އަމަލު ކުރާ ގޮތަކީ އެޗްޕީއޭގެ ފަރާތުން އެކަން އެންފޯސް ކުރުމަށްޓަކައި ފުލުހުންނަށް އެ މައުލޫމާތުތައް ދެމުން ގެންދާ ކަމަށާއި އަދި ފުލުހުންނަށް ވެސް އެމީހުން ނުފެނިއްޖެ ނަމަ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެބައެއްގެ ޒާތީ މައުލޫމާތު ހާމަ ކުރެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މި ހަތް މީހުންނަށް ގުޅޭނެ ގޮތެއް ނެތިގެން ފުލުހުންނަށް އެޗްޕީއޭއިން ވަނީ މައުލޫމާތު ހިއްސާކޮށްފައި. މި ހަތް މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ކޮންޓެއިމަންޓް ސައިޓްތަކުގައި އުޅެމުންދިޔަ މީހުން. އަދި ތިން މީހުންނަކީ އެހެން ތަފާތު ތިން އެޑްރެސްއެއްގައި އުޅެމުންދިޔަ މީހުން. އެޗްޕީއޭގެ ފަރާތުން ފުލުހުންނަށް މިކަން އެންގުމާއި ގުޅިގެން މީގެ ތެރެއިން ހަތަރު މީހަކު ވަނީ ހޯދާފައި… އެ މީހުން ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތް ކާމިޔާބު ނުވެއްޖެނަމަ ޑިރެކްޓަރު ޖެނެރަލް އޮފް ޕްބަލިކް ހެލްތަށް ލިބިފައިވާ ބާރުގެ ބޭނުންކޮށް ޒާތީ މައުލޫމާތު ހާމަކުރާނެ: މަބްރޫކް

ކޮވިޑް19 އަށް ރާއްޖޭގައި މިހާތަނަށް 950 އަށްވުރެ ގިނަ މީހުންވަނީ ޕޮޒިޓިވްވެފައެވެ. ކުރިން އިއުލާންކުރި ލޮކްޑައުންގެ މުއްދަތު މާދަމާއަށް ހަމަވާއިރު މާލެ ސިޓީގެ ލޮކްޑައުން އިތުރު 14 ދުވަހަށް އިތުރު ކުރުމަށްވަނީ ނިންމާފައެވެ. ލޮކްޑައުން އިތުރު 14 ދުވަހަށް އިތުރުކުރިއިރު ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި މާލޭގައި ކޮވިޑް19 ބަލި އިތުރަށް ފެތުރިގެން ގޮސް ޕީކަށް ދާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: