ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ކުރިއަށް އޮތް ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އެއްކޮށް ހައްލުކުރުމަށް އަމާޒު ހިފައިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގަވާފައިވާ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކޮށް ނިންމުމަށް ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ނަމަވެސް، އެ މަސައްކަތް އަވަސްކޮށް، ނޮވެންބަރު 17 ގެ ނިޔަލަށް އެއްކޮށް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ މިހާރު އިރުޝާދު ދެއްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ފިންގަޕްރިންޓާއި ބަޔޯމެޓްރިކް އައިޑެންޓިފިކޭޝަނަށް މިވަގުތު ހޯދަން ބޭނުންވެ ނުފެނިފައި ތިބީ 800 އެއްހާ ބިދޭސީން ކަމަށާއި ނަމަވެސް، އެ ހުރިހާ މީހުންނަކީ މިވަގުތު ރާއްޖޭގައި ތިބި މީހުންކަން ޔަގީން ކުރެވޭނެ ގޮތެއް ނެތް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެއީ އޭގެ ތެރެއިން ބައެއް މީހުން މަރުވެފައިވުމާއި، އަނެއްބައި މީހުން ގެނައި ފަރާތްތަކަށް ވެސް އެ މީހުންނަށް ވީގޮތެއް ނޭނގޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މިވަގުތު ރާއްޖޭގައި އަޅުގަނޑުމެން ހޯދަން ބޭނުންވެގެން ފިންގަޕްރިންޓާއި ބަޔޯމެޓްރިކް އައިޑެންޓިފިކޭޝަނަށް ހޯދަން ބޭނުންވެގެން ނުފެނިފައި ތިބި ގާތްގަނޑަކަށް 800 ވަރަކަށް މީހުން އެބަ ހޯދަން އަޅުގަނޑުމެން،
މީގެ އިތުރުން، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ދައުލަތުގެ ރެކޯޑުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި 295,000 ބިދޭސީން ދިރިއުޅެމުން ދިޔަ ނަމަވެސް، ފިންގަޕްރިންޓް ނަގައި ދެނެގަނެވިފައި ވަނީ އޭގެ ތެރެއިން އެންމެ 22,000 އެއްހާ މީހުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ސަރުކާރުން އަލުން ފެށި ހަރުދަނާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މިހާތަނަށް 260,000 ބިދޭސީން ވަނީ ދެނެގަނރވި އަދި މިހާރު ބަޔޯމެޓްރިކް މައުލޫމާތު ނުނެގި ބާކީ ތިބީ މުޅި ބިދޭސީ އާބާދީގެ އެންމެ އެކެއް އިންސައްތަ މީހުން ކަމަށް ވެސް ވަޒީރު އިޙްސާން ވިދާޅުވިއެވެ.

